ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަ މަހު ބާއްވަ ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ނައިޓު ކަމަށްވާ "ސްޕޯޓްސް އެވޯޑް 2022" ގައި އެވޯޑް ދޭ ތިން ކެޓަގަރީ އެއް އިއުލާންކޮށްފިއެވެ.
މި ކެޓަގަރީ ތަކަކީ ''އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ'' ''އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާ'' އަދި ''އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ'' ކެޓަގަރީއެވެ.
ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަމުން ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މި ތިން އެވޯޑުގެ ތެރެއިން އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާ އަދި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާ އެވޯޑު ދޭން ނިންމާފައިވަނީ އަންހެން އަދި ފިރިހެން ކުޅުންތެރިންނަށް ވަކިވަކީން ކަމަށެވެ. އަދި އަހަރުގެ އެންމެ މޮޅު ނޫސްވެރިޔާ އެވޯޑު ދޭން ނިންމީ، ކުޅިވަރު ކުރިއަރުވާ ކުޅިވަރުގެ އެންމެ ފަހުގެ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްދެނީ ކުޅިވަރު ނޫސްވެރިން ކަމަށްވުން ކުޅިވަރު ނޫސްވެރިން ކުރާ މަސައްކަތުގެ އަގު ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރުމުގެ ގޮތުން ކަމަށެވެ.
މަޚްލޫފް ވިދާޅުވީ، ސްޕޯޓްސް އެވޯޑް ދޭ އިތުރު ކެޓަގަރީތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ ކުރިން ސްޕޯޓްސް އެވޯޑްގެ ޕާޓްނަރުންނާ، ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޕޯޓްސް އެވޯޑްގެ ސަބަބުން އެއް އެސޯސިއޭޝަން އަނެއް އެސޯސިއޭޝަނަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ވާދަވެރިކަން މި އެވޯޑާއިއެކު އުފެދިގެންދާނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ނަން މަޝްހޫރު ކުރީގެ އަދި މިހާރުގެ އެތުލީޓުން ބައިވެރިވާނެ ކަމަށާއި، މި ހަފްލާ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ ހަފުލާއަށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ މި އެވޯޑަށް ނަންތައް ނޮމިނޭޓު ކުރާނީ ކުޅިވަރު އެސޯސިއޭޝަންތަކުން ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ ނަމުގައި ހާއްސަ އެވޯޑެއް މި އަހަރު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެ ބްރޯޑްކާސްޓިންގ ޕާޓުނަރަކީ "ރާއްޖެޓީވީ" އެވެ. އެހެންކަމުން މި އެވޯޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރާއްޖެޓީވީން އާންމުންނާ ހަމައަށް ގެނަސްދިނުމަށް ވަނީ ނިންމާފައެވެ.