ކ. މާލެ
|
25 ފެބްރުއަރީ 2022 | ހުކުރު 12:39
ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ
ޔޫކްރޭންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީ
ރޮއިޓަރސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިޔާގެ އަމާޒު ޔޫކްރެއިން ސަރުކާރު ބަދަލުކޮށްލުމާއި ދިމާލަށް
އެމެރިކާގެ ސެކެރެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ރަޝިޔާގެ އަމާޒަކީ ޔޫކްރެއިންގެ ވެރިކަން ބަދަލުކޮށްލުންކަމަށް
ރަޝިޔާއިން އަންނަނީ މައިގަނޑު ތިން ދިމާލަކުން ހަމަލާތައް ދެމުން

ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިފަހުން ދެވަނަ ދުވަސް ފެށިގެންދާއިރު ރަޝިޔާގެ އަސްކަރިއްޔާގެ މައިގަނޑު އަމާޒަކަށް ޔޫކްރެއިންގެ ވެރިރަށް ކިޔެވް ހަދައިފިއެވެ.

ފަތިހުން ފެށިގެން ކިޔެވްއަށް ހަމަލާތައް އަމާޒުކޮށްފައިވާއިރު މިހާރު ފެންނަ މަންޒަރުތަކުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންގެ އަމާޒަކީ ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީގެ ވެރިކަން ބަދަލުކޮށްލުންކަމަށް ބެލެވޭކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. ވަކިން ޚާއްސަކޮށް ކިޔެވްއަށް އަމާޒުކޮށް ދޭ ހަމަލާތައް އިތުރުކުރުމަކީ އޭގެ ސަބަބެއްކަމަށް އެމެރިކާއިން ބުނެެއެވެ.

އެމެރިކާގެ ސެކެރެޓްރީ އޮފް ސްޓޭޓް އެންޓޮނީ ބްލިންކެން ވިދާޅުވީ ރަޝިޔާގެ އަމާޒަކީ ޔޫކްރެއިންގެ ވެރިކަން ބަދަލުކޮށްލުންކަމަށެވެ.

3 މިލިއަން މީހުން ދިރިއުޅެމުން އަންނަ ކިޔެވް އަށް އަމާޒުކޮށްގެން ހަމަލާތައް ދެމުންދާއިރު އެމެރިކާގެ ސީނިއަރ ޑިފެންސް އޮފިޝަލަކު ވިދާޅުވީ މިހާތަނަށް ފެންނަމުންދާ ކަންކަމަށް ބަލާއިރު ޕުޓިންގެ އަމާޒަކީ ޒެލެންސްކީ ވެރިކަމުން ބޭލުމެވެ. މިހާތަނަށް ހަދާފައިވާ އެސެސްމަންޓްތަކަށް ބަލާއިރު ފެންނަނީ އެއަމާޒަށް ޕުޓިން މަސައްކަތްކުރައްވާތަން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް އެކަމުގެ ހެއްކެއް ދައްކަވާފައިނުވެއެވެ.

ކުރިން އެމެރިކާގެ އޮފިޝަލުން ލަފާކޮށްފައިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް އަރައިގަތުމަށް މިކުރާ މަސައްކަތްތައް 10 އާއި 15 ދުވަސްވަންދެން ކުރިޔަށްދާނެކަމަށެވެ. ނަމަވެސް މިއޮފިޝަލް ވިދާޅުވީ އެފަދަ ނަންބަރު ތަކެއް ޖެހުމަކީ މިހާރުގެ ހާލަތަށް ބަލާއިރު މޮޔަކަމެއްކަމަށެވެ.

ރަޝިޔާއިން މިހާތަަނަށް 160 އަށް ވުރެ ގިނަ މިސައިލް ހަމަލާފޮނުވާލާފައިވާއިރު އޭގެތެރޭގައި ކްރޫޒް މިސައިލް އާއި އެކި ރޭންޖްތަކުގެ މިސައިލް ހިމެނެއެވެ.

މީގެއިތުރުން ޔޫކްރެއިންގެ އަސްކަރީ ތަންތަން ހަލާކުކޮށްލާ ޔޫކްރެއިންގެ އަސްކަރިއްޔާގެ ބާރު ކަނޑުވާލުމަކީވެސް ރަޝިޔާގެ އަމާޒެކެވެ.

ރަޝިޔާގެ ހަމަލާތައް ޔޫކްރެއިން އަށް އަމާޒުކުރަމުންދަނީ މައިގަނޑު ތިން ދިމާލަކުންނެވެ. އޮފިޝަލް ވިދާޅުވީ ފުރަތަމަ ދިމާލަކީ ޚާރްކީވް އާއި ދިމާލުން ދެމުންދާ ހަމަލާތަކެވެ. ދެވަނަ ދިމާލަކީ ކްރައިމިއާ އާއި ދިމާލުން ދެކުނު ފަރާތުން ދެމުންދާ ހަމަލާތަކެވެ. އަދި ތިން ވަނަ ދިމާލަކީ ބެލަރޫސް މަގުން ހުޅަނގު ދެކުނު އަދި ހުޅަނގު އުތުރުން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އަށް ދެމުންދާ ހަމަލާތަކެވެ. އަދި ކިޔެވް އާއި ދިމާލަށް މިހާރު ރަޝިޔާގެ ފައުޖުތައް އަންނަކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އަދި މިތިން ގޮތް ބޭނުންކޮށްގެން ރަޝިޔާއިން މަސައްކަތްކުރަނީ މީހުން އެންމެ ގިނަ ސިޓީތަކުގެ ކޮންޓްރޯލް ހޯދުމަށެވެ.

އަނެއްކޮޅުން ޔޫކްރެއިންގެ ރައީސް ވޮލޮޑިމިރް ޒެލެންސްކީވެސް ވަނީ ރަޝިޔާގެ ފުރަތަމަ ޓާގެޓަކީ އެމަނިކުފާނު ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ކިޔެވް ދޫކޮށްނުދާނެކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އަދި ރަޝިޔާ އާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އިތުރަށް އެޅުމަށް ވަނީ އެދިވަޑައިގަންނަވާފައެވެ.

- ކޮމެންޓް