ކ. މާލެ
|
25 ފެބްރުއަރީ 2022 | ހުކުރު 11:42
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލުކުރައްވަނީ
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން ބައްދަލުކުރައްވަނީ
ގެޓީ އިމޭޖަސް
އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް ފިޔަވަޅު އެޅުން
އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ރަޝިޔާގެ ބޭންކުތަކަށާއި އަސްކަރީ އަދި ހައިޓެކް ޓެކްނޮލޮޖީއަށް
ދަތިކުރުމުގެ ފިޔަވަޅުތަކުގައި އެމެރިކާ އާއެކު އީޔޫގެ 27 ގައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވޭ
ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށް
ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް ބޮޑަށް އެމެރިކާ އަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވި

އެމެރިކާގެ ރައީސް ޖޯ ބައިޑަން ޔޫކްރެއިންގެ މަޝްރަހާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާ މުޚާތަބުކުރައްވާ ރަޝިޔާ އާއި ދެކޮޅަށް އަޅުއްވާނެ ދަތިކުރުމުގެ ފިޔަވަޅުތައް އިއުލާންކުރައްވައިފިއެވެ.

ޔޫކްރެއިންގެ މަޝްރަހާއި ގުޅޭގޮތުން އެމެރިކާގެ ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ބައިޑަން ވިދާޅުވީ މިފިޔަވަޅުތަކުގެ ސަބަބުން ރަޝިޔާގެ އިގްތިޞާދަށް މިހާރުން މިހާރަށް ގެއްލުންތަކެއް ލިބުމުގެ އިތުރުން ދިގު މުއްދަތަކަށްވެސް ގެއްލުން ލިބިގެންދާނެކަމަށެވެ. އަދި ދިގު މުއްދަތަކަށް ރަޝިޔާގެ އިގްތިޞާދަށް އަސަރުކުރާނެ ފަދަ ގޮތަކަށް ދަތިކުރުމުގެ ފިޔަވަޅުތައް ބައްޓަންކޮށްފައިވާ ކަމަށް ބައިޑަން ވިދާޅުވިއެވެ. އަދި ފިޔަވަޅުތައް ބައްޓަންކޮށްފައިވާނީ އޭގެ ގެއްލުން ވީހާވެސް ބޮޑަށް އެމެރިކާ އަށް ކުޑަވާނެގޮތަކަށް ކަމަށް ބައިޑަން ވިދާޅުވިއެވެ.

އަދި ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަމައެކަނި އެމެރިކާއިން އަޅާ ފިޔަވަޅުތަކެއް ނޫންކަމަށާއި އެމެރިކާ އާއެކު އީޔޫގެ 27 ގައުމާއި ޖީ7 ގެ ގައުމުތަކުންވެސް ބައިވެރިވާކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާއިން ރަޝިޔާ އާއި ދެކޮޅަށް އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ:

  1. ޑޮލަރުންނާއި، ޔޫރޯއިންނާއި، ޕައުންޑުން އަދި ޔެން ބޭނުންކޮށްގެން ރަޝިޔާއަށް ވިޔަފާރި ކުރެވޭނެ މަގުތައް ހަނިކުރުން
  2. ރަޝިޔާގެ އަސްކަރިއްޔާއަށް ފައިނޭންސްކޮށް އަސްކަރިއްޔާ ތަރައްގީކުރެވޭނެ ގޮތްތައް ހުއްޓުވާލުން
  3. ރަޝިޔާގެ ބޭންކުތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އެއް ޓްރިލިއަން އެސެޓް ހިފެހެއްޓުން
  4. ހައިޓެކް އިކޮނޮމީގައި ރަޝިޔާއަށް ވާދަކުރެވޭ ގޮތްތައް ބަންދުކޮށް އެމަގުތަކުގެ ބާރު ދުއްވާލުން

ބައިޑަން ވިދާޅުވީ މައި ހަތަރު ބޭންކެއް އެއްކޮށް ބްލޮކްކުރާނެ ކަމަށެވެ. މާނައަކީ އެމެރިކާގައި ހުރި އެބޭންކުތަކުގެ ހުރިހާ އެސެޓެއް ފްރީޒްވާނެއެވެ.

ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ޔޫކްރެއިން އަށް ހަމަލާދެމުންދާތީ ޕުޓިން އާއި ވާހަކަދެއްކެވުމުގެ ވިސްނުމެއް ނުގެންގުޅުއްވާކަމަށް ބައިޑަން ވިދާޅުވިއެވެ.

ބައިޑަން ވިދާޅުވީ ޕުޓިންގެ މިއަމަލުތަކުގެ އަގު ވަރަށް ބޮޑުތަނުން ދައްކަންޖެހޭނެކަމަށެވެ. އަދި ރަޝިޔާ ފަދަ ބޮޑު ބާރަކުން އެފަދަ ކަމެއް ކުރުމަކީ އެއް ގޮތަކުންވެސް ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި މިކަމުގެ ސަބަބުން ރަޝިޔާގެ ބާރުދަށްވާނެ ކަމަށް ބައިޑަން ވިދާޅުވިއެވެ. ޕުޓިން ހުންނެވީ މުޅި ދުނިޔެއާ ގުޅުން ކެނޑިފައިކަމަށާއި ޕުޓިން ބޭނުންވަނީ ސޯވިއެޓް ޔޫނިއަން އަލުން ގެނައުމަށްކަމަށް ބައިޑަން ވިދާޅުވިއެވެ.

ޕުޓިންގެ މަގްސަދަކީ ޔޫކްރެއިންނޫން ކަމަށާއި އެއަށްވުރެ ބޮޑު ކަމެއްކަމަށް ބައިޑަން ވިދާޅުވިއެވެ. ޔޫކްރެއިން އާއި ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަކީ ޕުޓިން އަމިއްލަފުޅަށް ފެއްޓެވި ހަނގުރާމައެއް ކަމަށާއި އެހެންކަމުން އޭގެ ހުރިހާ ޒިންމާއެއް ނަންގަވަންޖެހޭނީ ޕުޓިންކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް ބެލަރޫސްގެ 24 މީހަކާ ދެކޮޅަށް އަޅާފައިވާނެކަމަށް އެމެރިކާއިން ވަނީ ބުނެފައެވެ. އަދި ސަރުކާރުގެ ދެ ބޭންކަކާއި ދެކޮޅަށްވެސް ފިޔަވަޅު އަޅާފައިވާނެކަމަށް އެމެރިކާއިން ބުނެއެވެ. ބެލަރޫސް އާއި ދެކޮޅަށް ފިޔަވަޅުތައް އަޅަނީ ޔޫކްރެއިން އާއި ދެކޮޅަށް ކުރިޔަށްގެންދާ ހަމަލާތަކުގައި ރަޝިޔާ އާއި ވާގިވެރިވާތީއެވެ.

- ކޮމެންޓް