ރަޝިޔާއިން ޔޫކްރެއިންގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން ފެށުމުގެ ކުރިން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ދެއްވި މެސެޖް ރަޝިޔާގެ ސްޓޭޓް ޓީވީން ދުރަށްދައްކައިފިއެވެ.
މީގެ ދެ ދުވަސްކުރިން ޕުޓިން ވަނީ ޔޫކްރެއިނުން ވަކިވެގަނެފައިވާ ޑޮނެޓްސްކް ޕީޕަލްސް ރިޕަބްލިކާއި ލުހަންސްކް ޕީޕަލްސް ރިޕަބްލިކަކީ ވަކި މިނިވަން ދެ ދައުލަތެއްގެ ގޮތުގައި ބަލައިގަނެ އެ ދެ ސަރަަހައްދާއެކު ސިޔާސީ ގުޅުން ގާއިމުކުރައްވާފައެވެ.
ޕުޓިން ވިދާޅުވީ ރަޝިޔާގެ މި އަސްކަރީ އޮޕަރޭޝަނަކީ އެސަރަހައްދުގައި އަސްކަރީ ބާރު ކަނޑުވާލައި, ޔޫކްރެއިނުން ނާޒީންގެ ނުފޫޒު ކަނޑުވާލުމަށް ކުރައްވާކަމެއްކަމަށެވެ.
ޔޫކްރެއިންގެ ވަކި ތަންތަނަށް އަމާޒުކޮށްގެން ކުރިޔަށްގެންދާ މި އޮޕަރޭޝަނަކީ, ދެމުންދާ އިންޒާރުތަކަށް ރައްދުދިނުމުގެ ގޮތުން އަމިއްލަ ދިފާއުގައި ކުރައްވާކަމެއް ކަމަށާއި, އެއްވެސް ގައުމަކަށް އަރައިގަނެ އަމިއްލަގޮތްތައް ފެތުރުމުގެ ވިސްނުމެއް އަދި ޕްލޭނެއްވެސް ނެތްކަމަށް ޕުޓިން ވިދާޅުވިއެވެ.
ޕުޓިން ވިދާޅުވީ މި އަސްކަރީ ހަމަލާތަކަކީ ޑޮންބާސްގެ ރައްޔިތުން ހިމާޔަތްކުރުމަށް ކުރިޔަށްގެންދާ ހަމަލާތަކެއްކަމަށެވެ. މިއީ އެސަރަހައްދުގައި ހަރަކާތްތެރިވާ މީހުންނާ ދެކޮޅަށް ޔޫކްރެއިން ހިންގާ ލާއިންސާނީ އަމަލުތައް ހުއްޓުވުމަށް ކުރާކަމެއްކަމަށް ޕުޓިން ވިދާޅުވިނަމަވެސް ޔޫކްރެއިނުން ވަނީ އެކަން ދޮގުކޮށްފައެވެ.
ޕުޓިން އިތުރަށް ވިދާޅުވީ, ރަޝިޔާގެ ސަލާމަތާއި ރަޝިޔާގެ ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ގޮތަށް ހިންގާ ކޮންމެ އަމަލަކާ ދެކޮޅަށް ރަޝިޔާއިން ތެދުވެ ވަރުގަދަ ރައްދެއް ދޭނެކަމަށެވެ. އަދި އެފަދަ އަމަލެއް ހިންގާ ބަޔަކަށް, ދުވަހަކުވެސް ތަޖުރިބާކުރަން ޖެހިފައިނުވާ ކަންތައްތަކެއް ތަޖުރިބާ ކުރަންޖެހޭނެކަމަށެވެ.
ޔޫކްރެއިންގެ އަސްކަރިއްޔާއާ މުޚާތަބުކުރައްވައި ޕުޓިން ވިދާޅުވީ ޔޫކްރެއިންގެ އަސްކަރިއްޔާއިން ހުވާކޮށްގެން ތިބީ ޔޫކްރެއިންގެ ރައްޔިތުން ދިފާއުކުރަން ކަމަށެވެ. ނަހަމަގޮތުގައި ޔޫކްރެއިންގެ ބޭނުން ހިފާ މީހުންގެ ދިފާއުގައި ނޫންކަމަށެވެ. އެމީހުން ދެމުންދާ އޯޑަރުތަކަށް ތަބާނުވެ ހަތިޔާރު ބަހައްޓާފައި ގެޔަށްދިޔުމަށް ޕުޓިން ވަނީ ޔޫކްރެއިންގެ އަސްކަރިއްޔާއަށް ގޮވާލައްވާފައެވެ.
ރަޝިޔާ ދިފާއުކުރުމަށް މިނޫން ގޮތެއް ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވެ ޕުޓިން ވަނީ އެމެރިކާއާއި ޔޫރަޕް އަދި ނޭޓޯގެ ގައުމުތަކަށް އިންޒާރު ދެއްވާފައެވެ. އޭގެފަހުން ރަޝިޔާގެ އަސްކަރީ ފައުޖުތަކުން ޔޫކްރެއިނަށް ހަމަލާދޭން ފަށާފައިވާއިރު ޔޫކްރެއިން ސަރުކާރުން ބުނެފައިވަނީ އަސްކަރިއްޔާގައި މަސައްކަތްކުރާ 40 މީހުން ރަޝިޔާގެ ހަމަލާތަކުގައި މަރުވެފައިވާކަމަށާއި އާންމުންގެ 10 މީހުންވެސް މަރުވެފައިވާކަމަށެވެ.
ޔޫކްރެއިނުން ބުނަމުން އަންނަނީ ރަޝިޔާއިން ހަމަލާތައް އަމާޒުކުރަނީ ހަމައެކަނި އިރުމަތީ ސަރަހައްދަށް ނޫންކަމަށާއި މުޅި ޔޫކްރެއިނަށް ކަމަށެވެ.
ޕުޓިންވަނީ މީގެކުރިންވެސް ހުޅަނގުގެ ގައުމުތަކުން ނޭޓޯ ފުޅާކުރަމުން ގެންދާ ގެންދިޔުމަށް ފާޑުވިދާޅުވެފައެވެ. އެކަމަށް ހުޅަނގުން ބީރުކަންފަތެއް ދެމުންދާ ދިޔުމަކީ ޕުޓިންގެ އެންމެ ބޮޑު ކަންބޮޑުވުމެވެ. ވާހަކަ ނިންމަވާލައްވަމުން ޕުޓިން ވިދާޅުވީ, އޭނާ ވިދާޅުވި ބަސްފުޅު އަޑުއިވިއްޖެކަމަށް އުންމީދުކުރައްވާކަމަށެވެ.