ރާއްޖޭގެ އެކި ހިސާބުތަކުގައި މިއަހަރުތެރޭގައި 25 ހޮސްޕިޓަލެއް އެޅުމަށް ޓެންޑަރ ކުރެވި މަސައްކަތްކުރުމަށް ހަވާލުކުރެވޭނެކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރ ވަނީ މިއަހަރު ޓެންޑަރ ކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ ހޮސްޕިޓަލްތަކާއި 50 އެނދުގެ ހޮސްޕިޓަލްތަކުގެ އިތުރުން 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލްތަކުގެ ތަފްސީލު ހިއްސާކުރައްވާފައެވެ. ޓާޝަރީ ހޮސްޕިޓަލްތަކަކީ ލ. ގަމުގައި އަޅާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލާއި ހދ. ކުޅުދުއްފުށީގައި އަޅާ ޓާޝަރީ ހޮސްޕިޓަލްގެ އިތުރުން ގދ. ތިނަދޫ ގައި އަޅާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެވެ.
މީގެތެރޭގައި ހިމެނެނީ ލޯނު އެހީގެ ދަށުން އަޅާ ހޮސްޕިޓަލްތަކާއި, ކޮންޓްރެކްޓް ފައިނޭންސްގެ ގޮތުގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ވޯލްޑް ބޭންކުގެ އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ޑޯންޗަރ ބޭންކުގެ ލޯނުގެ އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށްގެންދާ ހޮސްޕިޓަލްތަކާއި, ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރާ ހޮސްޕިޓަލްތަކެވެ.
ލޯނު އެހީގެ ދަށުން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓްތައް:
- ހދ. ހަނިމާދޫ 30 އެނދުގެ ހޮސްޕިޓަލް
- ނ. މިލަދޫ 30 އެނދުގެ ހޮސްޕިޓަލް
- ނ. ވެލިދޫ 30 އެނދުގެ ހޮސްޕިޓަލް
- އދ. މާމިގިނލީ 30 އެނދުގެ ހޮސްޕިޓަލް
- ކ. ތުލުސްދޫ 30 އެނދުގެ ހޮސްޕިޓަލް
- ވ. ފެލިދޫ 30 އެނދުގެ ހޮސްޕިޓަލް
- ތ. ވިލުފުށީ 30 އެނދުގެ ހޮސްޕިޓަލް
- އއ. ރަސްދޫ 50 އެނދުގެ ހޮސްޕިޓަލް
- ޏ. ފުވައްމުލަކު 50 އެނދުގެ ހޮސްޕިޓަލް
- ގދ. ތިނަދޫ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް
- ހދ. ކުޅުދުއްފުށީ ޓާޝަރީ ހޮސްޕިޓަލް
މީގެތެރެއިން 30 އެނދުގެ ހޮސްޕިޓަލްތައް ޓެންޑަރ ކުރެވޭނީ މިފެށޭ މާރޗް މަހުއެވެ. 50 އެނދުގެ ހޮސްޕިޓަލްތައް ދެވަނަ ކުއާޓަރގައި އަދި ޓާޝަރީ ހޮސްޕިޓަލްތައް ދެވަނަ ކުއާޓަރގެ ފަހުބައިގައި ޓެންޑަރކުރެވޭނެއެވެ.
ކޮންޓްރެކްޓް ފައިނޭންސްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
- ނ. ކެނދިކުޅުދޫ 30 އެނދުގެ ހޮސްޕިޓަލް
- ހއ. އިހަވަންދޫ 30 އެނދުގެ ހޮސްޕިޓަލް
- ޅ. ހިންނަވަރު 30 އެނދުގެ ހޮސްޕިޓަލް
- ނ. މަނަދޫ 50 އެނދުގެ ހޮސްޕިޓަލް
މީގެތެރެއިން 30 އެނދުގެ ހޮސްޕިޓަލްތައް މިހާރު ޓެންޑަރކުރެވިފައިވާއިރު 50 އެނދުގެ ހޮސްޕިޓަލް ދެވަނަ ކުއާޓަރގައި ޓެންޑަރކުރާނެއެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
- ރ. އަލިފުށީ 30 އެނދުގެ ހޮސްޕިޓަލް
- ދ. ކުޑަހުވަދޫ 50 އެނދުގެ ހޮސްޕިޓަލް
- ހއ. ދިއްދޫ 50 އެނދުގެ ހޮސްޕިޓަލް
- ގއ. ވިލިގިނލީ 30 އެނދުގެ ހޮސްޕިޓަލް
މިހޮސްޕިޓަލްތައް ދެވަނަ ކުއާޓަރގައި ޓެންޑަރކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންޑިއަން އެގްޒިމް ބޭންކުގެ ލޯނު އެހީގެ ދަށުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓުގެ މަސައްކަތްކުރާނެ ކޮންޓްރެކްޓަރުން ވަނީ އައްޔަނުކޮށްފައެވެ. މިހާރު ކުރެވެމުންދަނީ އެންމެ ފަހުގެ ޑޮކިޔުމެންޓޭޝަން ފައިނަލް ކުރުމުގެ މަސައްކަތެވެ.
ވޯލްޑް ބޭންކްގެ ލޯނު އެހީގައި ކުރިޔަށްގެންދިޔުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
މާލޭ ސަރަހައްދުގައި ހުޅުމާލޭގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް މަޝްރޫއު
ރާއްޖޭގެ އުތުރުގައި ށ. ކޮމަންޑޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް މަޝްރޫއު
ރާއްޖޭގެ ދެކުނުގައި ގދ. ގައްދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ވެކްސިން އަދި ސެންޓްރަލް ސްޓޯރޭޖް މަޝްރޫއު
ޑޯންޗަރ ބޭންކުގެ ލޯނު އެހީގައި ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
- ލ. ގަމުގައި 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލް
- ގދ. ގައްދޫގައި 30 އެނދުގެ ހޮސްޕިޓަލް
ގަމު ހޮސްޕިޓަލް ތިންވަނަ ކުއާޓަރގައި އަދި ގައްދޫ ހޮސްޕިޓަލް ދެވަނަ ކުއާޓަރގައި އިއުލާންކުރާނެއެވެ.
ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކުގެ އެހީގައި ކުރިޔަށްގެންދާ މަޝްރޫއު:
- ނޭޝަނަލް ހެލްތު ލެބޯޓްރީ
ދިވެހި ސަރުކާރުގެ ބަޖެޓުން ޚަރަދުކޮށްގެން އިމާރާތްކުރުމަށް ހަމަޖެހިފައިވާ މަޝްރޫއުތައް:
- ށ. ފުނަދޫގައި އިމާރާތްކުރާ 50 އެނދުގެ ހޮސްޕިޓަލް
- ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލް
- ބ. ތުޅާދޫގައި އިމާރާތްކުރާ ހޮސްޕިޓަލް
- ހއ. ހޯރަފުށީގައި އިމާރާތްކުރާ ހޮސްޕިޓަލް
މީގެއިތުރުން ކުރިއަށް އޮތް ދެ މަސްދުވަސް ތެރޭގައި ރާއްޖޭގެ ތިން ރަށެއްގައި ޑައިލިސިސް ހެދުމުގެ މަސައްކަތް ފަށާނެއެވެ. އޭގެތެރޭގައި ހިމެނެނީ ބ. އަތޮޅު ހޮސްޕިޓަލާއި ލ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅު ހޮސްޕިޓަލެވެ.
މީގެއިތުރުން ޑައިލިސިސް ނުފެށި ހުރި ހޮސްޕިޓަލްތަކުގައި މިއަހަރު ތެރޭގައި ޑައިލިސިސް ހެދުމުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.