ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 17:10
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ވެލެންސިއާ އާއި ގްރީން ސްޓްރީޓްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއާ ލީގު
ގްރީން އަތްދަށުވެ ވެލެންސިއާއިން ފުރުސަތު ނަގައިލައިފި
ވެލެންސިއާގެ މައްޗަށް ގްރީން އިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ކުލަބު ގްރީން ސްޓްރީޓްސް އިން ކުލަބު ވެލެންސިއާ ބަލިކޮށްފިއެވެ.

މިއީ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-0 ގެ ނަތީޖާއަކުން ވެލެންސިއާ ބަލިވި ފަހުން، މި ސީޒަނުގައި ވެލެންސިއާ ބަލިވި ފުރަތަމަ މެޗެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ވެލެންސިއާ ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން ވެލެންސިއާއިން ގްރީންގެ ހާފަށް ބާރުބޮޑުކުރިއިރު، މެޗުގެ 13 ވަނަ މިނެޓުގައި ވެލެންސިއާގެ ހުސެއިން ހަނާން (ޖޯ) އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު ހަނީފް ސާގިބްއެވެ. އޭގެ ދެ މިނެޓު ފަހުން ގްރީންގެ އަންސަރު އިބްރާހީމް (އަންކޮ)އަށްވެސް ވަނީ ލަނޑު ޖަހަން ފުރުސަތެއްލިބި ބޭކާރުވެފައެވެ. އަންކޮ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

މެޗުގެ 20 ވަނަ މިނެޓުގައި ގްރީނުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ހަސަން ނަޒީމް ގާސިމް (ޗޯޓު)އެވެ. މިއީ އަލީ ސާމިސް (ތޮއްޕެ)ގެ އެހީތެރިކަމާއެކު ޗޯޓު ކާމިޔާބުކުރި ލަނޑެކެވެ.

ގްރީންގެ ލަނޑާއެކު ވެލެންސިއާއިން ވަނީ ކުރިއަށް ޖެހި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 23 ވަނަ މިނެޓުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ގްރީންގެ ކީޕަރު ސާގިބް އެވެ.

މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށްގެން ކުޅުނު ނަމަވެސް މި ހާފުގައި ވެލެންސިއާއަށް ގްރީންގެ ކީޕަރު ސާގިބް ޓެސްޓުކޮށްލެވޭ ވަރުގެ ހަމަލާއެއް ފޮނުވާލެވިފައެއް ނުވެއެވެ.

މި މެޗުން ވެލެންސިއާ ބަލިވުމާއެކު، މާޒިޔާއަށް ލީގު ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓްގެ ލީޑެއް ވަނީ ލިބިފައެވެ.

- ކޮމެންޓް