ކ. މާލެ
|
23 ފެބްރުއަރީ 2022 | ބުދަ 15:45
އައިޖީއެމްއެޗް
އައިޖީއެމްއެޗް
ރާއްޖެއެމްވީ
ސިއްހީ ރިކޯޑްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް
ސިއްހީ ރެކޯޑުތައް ޑިޖިޓަލްކުރުން މިއަހަރު ނިމި އަންނަ އަހަރު ޚިދުމަތް ދެވެން ފެށޭނެ: މިނިސްޓަރ
ސްޓޯރޭޖް ކެޕޭސިޓީ ގާއިމުކުރުމާއި ބެހޭ ގޮތުން އުރީދޫ އާ އަންނަނީ މަޝްވަރާކުރަމުން
ބަލި މީހުންގެ ރެކޯޑުތައް ބެލެހެއްޓުމަކީ ސިއްހީ ދާއިރާއިން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް

ރާއްޖޭގެ ރައްޔިތުންގެ ސިއްހީ ރެކޯޑުތައް ޑިޖިޓަލްކުރުމުގެ މަސައްކަތް މިއަހަރު ނިމި އަންނަ އަހަރު ފެށޭނެކަމަށް ބެލެވޭކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ކުރިޔަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސިއްހީ ރިކޯޑްތައް ޑިޖިޓަލްކުރުމުގެ މަސައްކަތް ގޮސްފައިވާ ހިސާބާއި ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ އެމަސައްކަތް ކުރަމުންދާ ވުޒާރާއިން އެމަސައްކަތް ބާރަށް ކުރަމުންދާކަމަށެވެ. މިހާރު އޮތީ އެކަންކަން ރޭވުމުގެ މަރުހަލާގައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސްޓޯރޭޖް ކެޕޭސިޓީ ގާއިމުކުރުމާއި ބެހޭ ގޮތުން މަޝްވަރާތައް ކުރަމުންދާކަމަށެވެ.

މީގައި އެންމެ މުހިންމުކަމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ މެޑިކަލް ރިކޯޑްސް ހުރުން. ގާއިމުކުރެވުން. އަޅުގަނޑު އުންމީދުކޮށްގެން ހުރީ މިއަހަރުގެ ނިޔަލަށް ރިކޯޑްސް ގާއިމުކުރެވޭނެކަމަށް. ދެން މިހާރުވެސް އަޅުގަނޑު އުންމީދުކޮށްގެން މިހުރީ އެގޮތަށް. މިކަމަށް ބޭނުންވާ ސްޓޯރޭޖް ކެޕޭސިޓީ ގާއިމުކުރުމާއި ބެހޭ ގޮތުން އަޅުގަނޑު މިހާރު މިދަނީ އުރީދޫއާ މަޝްވަރާކުރަމުން. އަދި ވުޒާރާއާވެސް މަޝްވަރާކުރަމުން
އަހުމަދު ނަސީމް/ ހެލްތު މިނިސްޓަރ

މި ސަރުކާރަށް ތިން އަހަރު ފުރުމާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި މިނިސްޓަރ ނަސީމް ވިދާޅުވީ ބަލި މީހުންގެ ރެކޯޑުތައް ބެލެހެއްޓުމަކީ ސިއްހީ ދާއިރާއިން ކުރަންޖެހޭ އެންމެ މުހިންމު އެއް ކަންތައް ކަމަށެވެ.

ކޮވިޑްގެ ހާލަތުގައިވެސް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ސިއްހީ ރެކޯޑުތައް ނެތުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރެކޯޑުތައް ނެތުމުން ބަލި މީހާގެ ކިބައިގައި ހުރީ ކޮން ބައްޔެއްކަން ސާފުކުރަން ޖެހެނީ ބަލި މީހާގެ ކިބައިން ކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

އެހެންކަމުން 56 ރަށެއްގައި މީހުންގެ އާންމު ސިއްހީ ރެކޯޑުތައް ނަގައި، ބަލަމުންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މި މަސައްކަތް އެންމެ ފުރަތަމަ ފެށީ އާބާދީ އެއްހާހުން ދަށުގެ ރަށްރަށުން ކަމަށާއި، މިހާރު މި މަސައްކަތް ފުޅާކުރަމުން ގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. 

- ކޮމެންޓް