ކ. މާލެ
|
22 ފެބްރުއަރީ 2022 | އަންގާރަ 19:02
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއާ ލީގު
އީގަލްސް އަތުން މާޒިޔާއަށް މޮޅެއް
އީގަލްސްގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 2-0 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ ސްޕޯޓްސް ކުލަބުން ކުލަބު އީގަލްސް ބަލިކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މާޒިޔާގެ އައު ކޯޗު މަޔޮޑްރަގް ޖެސިކްގެ އިރުޝާދުގެ ދަށުން މާޒިޔާއިން ކުޅުނު ދެވަނަ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުރީކޮޅު ދެ ޓީމަށްވެސް މާކަ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފުގައި މާޒިޔާގެ ފޯވާޑް ކޮނޭލިއަސް ސްޓެވާޓް (ކޯނޭ)އަށް ލިބޭ ބޯޅަތަކުގެ ބޭނުން އެންމެ އެދެވޭ ގޮތަށް ކުރެވިފައެއް ނުވެއެވެ.

މާޒިޔާއިން ދެވަނަ ހާފު ފަށައިގެން އެ ޓީމުގެ ކުޅުން ރަނގަޅު ކުރިއިރު ދެވަނަ ހާފުގެ ކުރީކޮޅު އެ ޓީމުގެ ފޯވާޑް އިބްރާހީމް މަހުދީ (ފޭދޫ އިއްބެ) ހުހަށްހުރެ ބޮލުން ފޮނުވާލި ހަމަލާ އީގަލްސްގެ ކީޕަރު މުޙައްމަދު ތަހާ ވަނީ ދިފާއުކޮށްފައެވެ.

މެޗުގައި މާޒިޔާއިން ލަނޑު ޖަހާ ލީޑު ނެގީ 67 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޕެއިންގެ މިޑްފިލްޑަރު ޓަނާއެވެ. މިއީ ކުރިން ސްޕެނިޝް ލީގުގައި ކުޅުނު ޓަނާ މާޒިޔާއަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

މެޗުގައި މާޒިޔާއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނާއިޒް ހަސަން (ދާދު)އެވެ.

މިއީ އީގަލްސްގެ ވަގުތީ ހެޑް ކޯޗެއްގެ ޒިންމާ ނަގައިގެން ހުރި އަޙްމަދު ނިމާދު (ނިމާ) ހުއްޓައި އީގަލްސްގެ ޓީމެއް ފަހުގެ ތާރީހެއްގައި ބަލިވި ފުރަތަމަ ފަހަރެވެ.

- ކޮމެންޓް