Advertisement
ކ. މާލެ
|
4 ޖޫން 2017 | އާދީއްތަ 19:02
މާރުކޭޓުގައި ކަނަމަދު
މާރުކޭޓުގައި ކަނަމަދު
ރާއްޖެއެމްވީ
ރަމަޟާން 1438
ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި
މާރުކޭޓުގައި ކަނަމަދު ލިބެން ހުރީ ވަރަށް މަދުން

ރަމަޟާން މަހުގައި އެކި ބާވަތްތަކުގެ ފޮނިކާ ތަކެތި ތައްޔާރު އިތުރުވެގެންދެ އެވެ. އަދި މިފަދަ ތަކެތި ހެދުމަށް ދިވެހިންނަކީ ގިނަ އަދަދެއްގެ މަދުގެ ބާވަތްތައް ބޭނުން ކުރާ ބައެކެވެ. އޭގެތެރެއިންވެސް ކަނަމަދަކީ ވަރަށް ފާހަގަކޮށްލެވޭ އެއްޗެކެވެ. ދިވެހިން ތަފާތު އެކި ކަހަލަ ކެޔުންތަކުގައި ކަނަމަދު ބޭނުން ކުރެ އެވެ.
 

ލޯކަލް މާރުކޭޓުގައި ކަނަމަދު ލިބެން ހުރި އަގުތަކަށް ބަލާ އިރު 75 ގްރާމު އުޅެނީ 50ރ. އަށެވެ. 250 ގްރާމް 180ރ. އާއި 250ރ. އާ ދެމެދުގެ އަގުތަކެއްގައި އުޅޭ އިރު އެއް ކިލޯ އުޅެނީ 700ރ. އާއި 800ރ. އާ ދެމެދުގެ އަގުތަކެއްގަ އެވެ.
ނ އަތޮޅު ލަންދޫ އައި ކެންދިކުޅުދޫ ގެ އިތުރުން ށ. ފޯކައިދޫ އަދި ހއ. މޮޅަދޫ އިން ގެނެސްފައިވާ ހުރި ކަނަމަދު މާރުކޭޓުން ލިބެން އެބަ ހުއްޓެވެ.

މާރުކޭޓުގައި ކަނަމަދު ވިއްކާ ފަރާތްތައް ވަރަށް މަދެވެ. އެފަދަ ވިޔަފާރިވެރިން ބުނީ ކަނަމަދުގެ ޑިމާންޑް ރޯދަމަހުގައި އިންތިހާއަށް ބޮޑުވެފައިވާ ކަމަށާއި ކޮންމެ ދުވަހަކުވެސް 5 ކިލޯ އާއި 10 ކިލޯ އާ ދެމެދުގެ ކަނަމަދު ވިއްކާލެވޭކަމަށެވެ.
ކަނަމަދުގެ އަގު ކުރިއަށް އޮތްތަނުގައި ހެޔޮވެގެންދާނެ ކަމަށާއި، ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައި ރަށްރަށުން ކަނަމަދު ލިބޭ މިންވަރު އިތުރުވެގެންދާނެ ކަމަށް ވިޔަފާރިވެރިން ބުނެ އެވެ.
އެހެން ނަމަވެސް، ތަކެތި ވިއްކާ ބައެއް ފަރާތްތަކުން ވަނީ އަގަށް މާބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމަށް ބުނެފަ އެވެ.

މި ފަހަކަށް އައިސް ކަނަމަދު ކޭކަކީ ގިނަ ބައެއްގެ މަގްބޫލްކަން އިތުރުވެފައިވާ ކޭކަކަށް ވުމާއެކު، އެއީ ވެސް ކަނަމަދުގެ އަގު އުފުލުނު ސަބަބެއް ކަމަށް، ބައެއް ފަރާތްތަކުން ބުނެ އެވެ.

މާރުކޭޓުގައި ކަރާގެ އަގު 12ރ އަށް 15ރ އަށް ވިއްކަމުން ދިއުމަށް ފަހު އަނެއްކާވެސް ކަރާގެ އަގު ވަނީ އުފުލިފަ އެވެ. އެގޮތުން މިހާރު މާރުކޭޓުގައި ކަރާ ކިލޯ އެއް އުޅެނީ 18ރ. އާއި 20ރ އާ ދެމެދުގެ އަގުތަކެއްގަ އެވެ. ކަރާގެ އަގު އުފުލިފައިވަނީ، ކަރާ ލިބުމުގައި ދަތިވުމާއި، ވިޔަފާރިވެރިންނަށް ކަރާ އަގުބޮޑުކޮށް ލިބުމުގެ ސަބަބުން ކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެ އެވެ.

ރަމަޟާން މަހުގެ ހަފްތާއެއް ފާއިތުވެފައިވާ އިރު މާރުކޭޓުގައި ލިބެން ހުރި ފަތުގެ ބާވަތްތައް އަދިވެސް ލިބެން ހުރީ ވަރަށް މަދުންނެވެ. އެގޮތުން ލެޓިއުސް، ކޮޕީ ފަތް އަދި ކަންކުން، ކުއްޅަފިލާ ފަތުގެ އަގުތައް ވަނީ ވަރަށް ބޮޑަށް މައްޗަށް އަރާފަ އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 19 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް