އިނގިރޭސި ޕްރިމިއާ ލީގުގައި ލީޑްސް ޔުނައިޓެޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑުން ތާވަލުގެ ހަތަރުވަނައިގައި ހަތަރު ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ.
ރަށުން ބޭރުގައި ކުޅުނު މި މެޗު ޔުނައިޓެޑުން ކާމިޔާބުކުރީ 4-2 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ޔުނައިޓެޑުން ވަނީ ލީޑްސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އަދި މެޗުގެ ވަރަށް ކުރީކޮޅު ޔުނައިޓެޑަށް ލީޑު ނަގައިދޭން އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރުސަތުތަކެއް ލިބި ވަނީ ބޭރުވެފައެވެ. ޔުނައިޓެޑުން ލީޑު ނެގީ މެޗުގެ 34 ވަނަ މިނެޓުގައި ކެޕްޓަން ހެރީ މެގުއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މިއީ ލޫކް ޝޯ ނެގި ކޯނަރަކުން މެގުއާ ބޮލުން ކާމިޔާބުކުރި ލަނޑެކެވެ. މިއީ ލީގުގައި އެންމެ ފަހުން ލިބުނު 138 ކޯނަރުގެ ތެރެއިން ޔުނައިޓެޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. ޖޭޑަން ސަންޗޯގެ އެހީތެރިކަމާއެކު މި ލަނޑު ޔުނައިޓެޑަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭސްއެވެ.
ދެވަނަ ހާފު ފަށައިގެން މާގިނައިރު ތަކެއް ނުވަނީސް ލީޑްސްއިން ވަނީ ކައިރި ކައިރީގައި ދެ ލަނޑު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. 98 ސިކުންތުގެ ތެރޭގައި ލީޑްސްއިން ދެ ލަނޑު ކާމިޔާބުކުރިއިރު، އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ރޮޑްރީގޯ އާއި ރަފީނިއާއެވެ.
އެކަމަކު މެޗުގެ 70 ވަނަ މިނެޓުގައި ޔުނައިޓެޑުން ވަނީ އިތުރު ލަނޑެއް ޖަހާ އަލުން ލީޑު ނަގައިފައެވެ. ސަންޗޯގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، ފްރެޑްއެވެ. އަދި މެޗު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް ޔުނައިޓެޑުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އެޓީމަށް ޖަހައިދިނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އެންތަނީ އެލަންގާއެވެ.
މި ނަތީޖާއާއެކު ޔުނައިޓެޑުން ހަތަރުވަނައިގައި އޮތީ ކުޅުނު 26 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ފަސްވަނައިގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑާއި ހަވަނައިގައި އޮތް އާސެނަލަށް ވަނީ 42 ޕޮއިންޓް ލިބިފައެވެ. އޭގެ ތެރެއިން ވެސްޓް ހޭމުން ވަނީ 26 މެޗު ކުޅެފައެވެ. އެކަމަކު އާސެނަލުން އަދި ކުޅުނީ 23 މެޗެވެ.