ޕެރިސް އެއްބަސްވުމުން ދުނިޔޭގެ އެންމެ ބޮޑު ބާރުކަމުގައިވާ އެމަރިކާ ބޭރުވުމަށް ރައީސް ޑޮަނަލްޑް ޓްރަމްޕް ނިންމެވި ނިންމެވުމަކީ ދިވެހިރާޖޭގެ މައްޗަށް "މަރުގެ ހުކުމް" އިއްވުންކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސްކައި ނިއުސްއަށް ހޮނިހިރު ދުވަހު ދެއްވި އިންޓަވިއުއެއްގައި، ރައީސް ނަޝީދު ވިދާޅުވީ އިންސާނުންގެ ސަބަބުން މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރުމަށް ޕެރިސް އެއްބަސްވުމުގައި ހިމަނާފައި ކަންކަމުން ރާއްޖެފަދަ ޖަޒީރާ ގައުމުތަކަށް ވަރަށް ރަނގަޅު އަސަރުތަކެއް ކުރާނެ ކަމަށެވެ.
ރައީސް ޓްރަމްޕްގެ ވިސްނުންފުޅު ބަދަލުކުރެއްވުމަށް ގޮވާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ"ޕެރިސް އެއްބަސްވުމުން ނުކުތުމަށް ރައީސް ޓްރަމްޕް ނިންމެވި ނިންމެވުމުގެ ނަތީޖާއަކީ ރާއްޖެ ފަދަ ތިރިގައުމުތައް އަދި އައްސޭރިފަށުގެ ސަރަހައްދުތަކަށް ދެވޭ މަރުގެ އަދަބެއް" ކަމަށާއި "މިއޮތީ މަރުގެ ހުކުމް ތަންފީޒުކުރުމުގެ މަރުހަލާގައި" ކަމަށެވެ.
ނަމަވެސް މިކަމުގައި އޮތް ރަނގަޅުކަމަކީ މި ކަމުގެ ސަބަބުން މި މައްސަލަ މާބޮޑަށްވެސް ކުރީސަފަށް ގެނެވުން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
"ދިވެހިރާއްޖެއަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އެންމެ 1.5 މީޓަރު އުހުގައި އޮންނަ ގައުމެއް. އެއީ ވަރަށް ނާޒުކު އަދި ކުޑަކުޑަ ބަދަލަކުންވެސް ވަރަށް ބޮޑު އަސަރެއް ދިވެހިރާއްޖެއަށް ކުރާނެ،" މޫސުމީ ބަދަލުތަކާ ގުޅިގެން ރާއްޖެ އަޑިއަށް ހިނގައިދާނެ ކަމާމެދު ދުނިޔޭގެ ސަމާލުކަމަށް ގެނައުމަށް ކަނޑުއަޑީގެ ކެބިނެޓް ބޭއްވި ރައީސް ނަޝީދު ވިދާޅުވި އެވެ.
"ގޮނޑުދޮށްތައް ގިރުމަކީ ބޮޑު މައްސަލައެއް،މުރަކަ ހުދުވުމަކީ ބޮޑު މައްސަލައެއް،ފެން ތަގައްޔަރުވުމަކީ ބޮޑު މައްސަލައެއް،މަސްވެރިކަން ދަށްވުމަކީ ބޮޑު މައްސަލައެއް.އެ ކަމަކީ އަޅުގަނޑުމެން ދިރިއުޅުމަށް ކުރާ މަސައްކަތަށް އެތައް އަސަރުތަކެއް ކުރާނެ ކަމެއް."
އެ މަނިކުފާނު ވިދާޅު އެ ކަންކަމަކީ ރާއްޖެއަށް މުސްތަގްބަލްގައި ދިމާވާން އޮތް ކަންކަން ނޫންކަމަށާއި މިހާރުވެސް ދިމާވަމުންދާ ކަންކަން ކަމަށެވެ.
ރައީސް ޓްރަމްޕް ފާޑުވިދާޅުވަމުން ރައީސް ނަޝީދު ވިދާޅުވީ ޓްރަމްޕް ގެންގުޅުއްވާ ވިސްނުންފުޅާ އެއްގޮތަށް ކަރަންޓް އުފެއްދުމަށް އަނެއްކާ ބޯޓްދެއްޔަށް ބަދަލުވާން އުޅުއްވާ އުޅުއްވުމަކީ މިހާރު" އައުޓްޑޭޓް ވެފައިވާ" ކަންކަން ކަމަށެވެ.
އިންޑިއާގައި ދާދިފަހުން ގާއިމްކުރި އިޔަދަކުރަނިވި ހަކަތަ އުފައްދާ ޕްލާންޓަކީ ތެލަށްވުރެ ޚަރަދު ކުޑަކޮށް ކަރަންޓް އުފެއްދޭ ނިޒާމެއްކަން ރައީސް ނަޝީދު ފާހަގަ ކުރެއްވެވި އެވެ.
ދުނިޔޭގެ 195 ގައުމަކުން ސޮއިކޮށްފައިވާ ޕެރިސް އެއްބަސްވުމުން ބޭރުވުމަށް ޓްރަމްޕް ނިންމާފައިވާއިރު ދުނިޔޭގެ ޤައުމުތަކުން ދަނީ އެމެރިކާއިން އެއެއްބަސްވުން ދެމެހެއްޓުމަށް ޕްރެޝަރ ކުރަމުންނެވެ.
ޕެރިސް އެގްރީމަންޓަކީ ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ދެ ޑިގްރީ ސެލްސިއަސްއަށްވުރެ ދަށުގައި ބެހެެއްޓުމަށް ދުނިޔޭގެ ގައުމުތަކުން 2015 ވަނަ އަހަރު ވީ އެއްބަސްވުމެކެވެ. މިއީ ދުނިޔޭގެ ހުރިހާ ގައުމަކުން މިފަދަ އެއްބަސްވުމަކަށް އެއްބަސްވި ފުރަތަމަ ފަހަރެވެ.
ދުނިޔޭގެ ހޫނުމިން މައްޗަށްދާ އެވްރެޖް މިންވަރު ކުޑަކުރުމަށް ދުނިޔޭގެ ގައުމުތަކުން ވަނީ ކާބަން ބޭރުކުރާ މިންވަރު މަދުކުރުމަށް އެއްބަސްވެފައެވެ.
ރައީސް ނަޝީދުވަނީ ވެރިކަމުގައި ހުންނެވިއިރު މިފަދަ އެއްބަސްވުމަކަށް ދުނިޔޭގެ ގައުމުތައް ގެނައުމަށް ދުނިޔޭގެ ލިޑަރުންގެ ތެރެއިން އެންމެ ކުރީސަފުގައި މަސައްކަތް ކުރައްވާފައެވެ. އަދި މިފަދަ އެއްބަސްވުމަކަށް އައުމަށް އޭރު އެންމެ ބޮޑަށް ދެކޮޅުހެދި ޗައިނާ ފަދަ ގައުމުތައް މިފަދަ އެއްބަސްވުމަކަށް ގެނައުމަށް ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވާފައެވެ.
އެމަނިކުފާނު ވަނީ 2009 ވަނަ އަހަރު ޑިސެމްބަރު މަހު ބޭއްވި ކޮންފަރެންސް އޮފް ދަ ޕާޓީސްގެ 15 ވަނަ ބައްދަލުވުމަށް ވަޑައިގެންނެވުމުގެ ކުރިން ރާއްޖެފަދަ ގައުމުތަކުގެ ނާޒުކުކަން ހާމަކޮށްދެއްވައި ދުނިޔޭގެ ސަމާލުކަން ހޯއްދެވުމަށް ކަނޑުއަޑީގައި ކެބިނެޓް ބައްދަލުވުމެއް ބާއްވަވާފައެވެ.
ރައީސް ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ބަދަލުވުމަށްފަހު ރާއްޖެއިންވަނީ އެމަނިކުފާނުގެ ސަރުކާރުން ކަނޑައަޅާފައިވާ ތިމާވެށީގެ ލަނޑުދަނޑިތައް ބަދަލުކޮށް، ކާބަން ނިއުޓްރަލް ގައުމަކަށް ރާއްޖެ ހެދުމަށް އޮތް ސިޔާސަތުވެސް ލޯ ކާބަން ގައުމަކަށް ހެދުމަށް ބަދަލުކޮށްފައެވެ.
ބައިނަލްއަގްވާމީ ފަރާތްތަކުން ސިފަކުރާ ޚުދުމުޚުތާރު ސިފަތައް އަށަގެންފައިވާ މިހާރުގެ ސަރުކާރުންވަނީ އެމަނިކުފާނުގެ މައްޗަށް ޓެރެރިޒަމްގެ ދައުވާކޮށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ. ނަމަވެސް ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށްފަހު އެ މަނިކުފާނުވަނީ އެ ގައުމުގެ ހިމާޔަތް ހޯއްދަވާފައެވެ. އެގައުމުގެ ހިމާޔަތް ލިބިވަޑައިގެންނެވިފަހުން ނަޝީދު ގެންދަވަނީ ތިމާވެއްޓާ، ހައްދުފަހަނައެޅުމާއި، އިންސާނީ ހައްގު،އަދި ޑިމޮކްރަސީފަދަ މައުލޫތަކުގައި އެކިއެކި ފޯރަމްތަކުގައި ތަގުރީރު ކުރައްވަމުންނެވެ.