ރައީސުލް ޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެފައިވާ ގޮތުގައި ޤާނޫނުއަސާސީގައި އޮތް އަޞްލެއް، ކޮންމެ މީހަކާ ދޭތެރޭގައި ހުށަހެޅޭ މައްސަލައަކަށް،އެ މީހަކަށް ޖަވާބުދާރީވުމުގެ ފުރްޞަތު އެބަ ލިބެންޖެހެއެވެ.
ރައީސް ޔާމީން ވިދާޅުވާ ގޮތުގައި މިއީ ރައްޔިތުންގެ ޚާއްޞަ މަޖިލީހުގެ މެންބަރުން، ރައްޔިތުންގެ މަންދޫބުން، ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް ލިޔެފައި އޮތް ވާހަކައެކެވެ. ޖިނާއީ މައްސަލަތަކުގައިވެސް ޣައިރު ޙާޒިރުގައި ޙުކުމް ކުރުމުގެ ބަދަލުގައި، މީހާގެ ބަހެއް ހޯދުމަށްޓަކައި އޭނަ ހާޒިރު ކުރަނީ ވެސް މި ސަބަބުތަކަށްޓަކައި ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.
ހަގީގަތުގައި ރައީސް ޔާމީން އެ ވިދާޅުވީ ތިމަން މަނިކުފާނަކީ ވެސް ގާނޫނު އަސާސީ އެކުލަވާލި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއް ކަމަށާއި ކޮންމެ މީހަކާ މެދު ހުށަހެޅޭ މައްސަލައަކަށް ޖަވާބުދާރީވުމުގެ ފުރުސަތު އެމީހަކަށް ދޭންޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ވަނީ ލިޔެވިފައި ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކާ މެދު ގޮތެއް ނިންމުމުގެ ކުރިން އެމީހަކަށް ޖަވާބުދާރީވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށް ރައީސް ޔާމީން އެ ވިދާޅުވީއެވެ. އެހެންކަމުގައިވާނަމަ ގާނޫނު އަސާސީގައި އެލިޔެވިފައިވާ ގޮތާމެދު އަމަލުކޮށްފިނަމަ އެކުރި ކަމެއް ވެގެންދާނީ ގާނޫނު އަސާސީއާ ޚިލާފު ކަމަކަށް ނޫނީ ވެގެން ނުދާނެއެވެ.
ރައީސް ޔާމީން މިއަދު އެހެން ވިދާޅުވިއިރު، އެމަނިކުފާނުގެ ސަރުކާރުން ކަންތައް ކޮށްފައި ވަނީ އެބުނާ އުސޫލަކުންނެއް ނޫނެވެ. މިކަން ސާބިތުކޮށްދިނުމަށް އިތުރު ހެކިތަކެއް ބޭނުމެއް ނުވެއެވެ. މިއީ އެންމެހައި ދިވެހި ރައްޔިތުންގެ ލޯމަތިން ހިނގާފައި ހުރި ކަންކަމެވެ.
އޭރުގެ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު މަގާމުން ވަކިކުރީ އެ ދެ ބޭފުޅުންނަށް ޖަވާބުދާރީވުމުގެ ފުރުސަތު ދީފައެއް ނޫނެވެ. ޖަވާބުދާރީވުމުގެ ފުރުސަތު އެ ދެ ބޭފުޅުންނަށް ނުދިންތަނުގައި މަގާމުން ވަކިކުރީ އެ ދެ ބޭފުޅުން ކުރި ކޮން ކުށެއްގެ ސަބަބުންތޯ ވެސް އަންގާފައެއް ނުވެއެވެ. އަދި އެ ދެ ބޭފުޅުން މަގާމުން ވަކިކުރީ ކޮން ކުށެއްކޮށްގެން ކަމެއް ރައްޔިތުންގެ މަޖިލީހުން ވެސް ބުނެފައެއް ނުވެއެވެ.
ކުރީގެ އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް މަގާމުން ވަކިކުރި އިރުވެސް އޭނާ އަށް ޖަވާބުދާރީވުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ދީފައެއް ނުވެއެވެ. އޭނާ ކުރީ ކޮން ކުށެއް ކަމެއް ވެސް ބުނެދީފައެއް ނުވެއެވެ. ހަމައެކަނި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރައްވަމުން ގެންދަވާ މެމްބަރުން ވިދާޅުވީ އެމްޕީއެލް އާއި އެމްޓީޑީސީއަށް ޑޮލަރު ގަތުމަށް އޭރުގެ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ އާއިލީ ދެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނެ އަދީބާއި ސަރުކާރު ބަދުނާމުކޮށްލަން ސިޔާސީ އޮޑިޓް ރިޕޯޓެއް ނިޔާޒު ނެރުއްވާފައިވާ ކަމަށެވެ.
އޭރު ސިޔާސީ އޮޑިޓް ރިޕޯޓެއް ކަމަށް ވިދާޅުވިއިރު، އެ މައްސަލަ ތަހުގީގު ކުރުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޝަނުން ދާދިފަހުން ވަނީ އަދީބުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައެވެ. އެއީ ސިޔާސީ އޮޑިޓް ރިޕޯޓެއް ކަމަށް ބުނެ ނިޔާޒު މަގާމުން ވަކިކުރެއްވިއިރު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ހަސަން ލުތުފީ އާއި އެ ކޮމިޝަންގެ އެންމެހައި މެމްބަރުން މަގާމުން މިއަދު ވަކިކުރަން ނުޖެހޭތޯއެވެ. ހަމައެކަނި މިކަމުން ވެސް އެނގިގެން ދިޔައީ ސަރުކާރުން ރައްޔިތުންނަށް އޮޅުވާމަންޒަރެވެ.
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މަގާމުން ވަކިކުރި އިރު އެމަނިކުފާނު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުސަތު ދެއްވާފައެއް ނުވެއެވެ. ހަމައެހެންމެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން މަގާމުން ވަކިކުރި އިރު އޭނާ އަށް ވެސް ޖަވާބުދާރީ ވުމުގެ ފުރުސަތު ދެއްވާފައެއް ނުވެއެވެ.
އެހެންނަމަވެސް ރައީސް ޔާމީން ތަކުރާރުކޮށް އެ ވިދާޅުވަނީ އެއްވެސް މީހަކާ މެދު ފިޔަވަޅެއް އެޅުމުގެ ކުރިން އެމީހަކަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ދޭންޖެހޭނެ ކަމަށެވެ. މިކަމުން ވެސް އެނގިގެން މިދަނީ ރައީސް ޔާމީންގެ ސަރުކާރުގެ ބަހާއި އަމަލާ ދިމާނުވާ ކަމެވެ.
ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހަކު ކަމުގައި ވިޔަސް ކުށެއްކޮށްފިނަމަ އެމީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ވެސް ތަކުރާރުކޮށް ހަރުއަޑުން ރައީސް ޔާމީން އަންނަނީ ވިދާޅުވަމުންނެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު މުހައްމަދު އޭނާގެ އުމުރު، ގަވާއިދާ ޚިލާފަށް ބަދަލުކުރި ކަމަށް ތުހްމަތުކުރާވ މައްސަލަ މީޑިއާގައި ފެންމަތިކޮށްފައި ވަނިކޮށް ރައީސް ޔާމީން ވިދާޅުވީ ފަނޑިޔާރުންނާމެދު ތިމަން މަނިކުފާނު ފަޚުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. ދައުލަތުގެ ލިޔެކިޔުމެއް ބަދަލު ކުރިކަމަަށް ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކަށް ރައީސް ޔާމީން ދެއްވީ ބީރު ކަންފަތެކެވެ. އެއީ ނުކުރާ ނުވަތަ ނުހިނގާ ކަމެއްގެ ގޮތުގައި ނިންމެވީއެވެ.
ގާނޫނުއަސާސީގައި ބުނާ ހަމަހަމަކަން ކޮންމެ ރައްޔިތަކަށް ވެސް ލިބިގެންވާކަން ކަށަވަރު ކޮށްދިނުމަކީ ގާނޫނުއަސާސީން ރައީސުލްޖުމްހޫރީއްޔާގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ. އަދި ދައުލަތުގެ މުއައްސަސާތަކުން މައްސަލަތައް ނިންމުމުގައި ހުރިހާ ރައްޔިތުންގެ މެދުގައި ހަމަހަމަ ކަމާއެކު އަމަލު ކުރަމުން ގެންދާތޯ ބަލާ އެކަން ކަށަވަރު ކުރުމަކީ ވެސް ރައީސުލްޖުމްހޫރީއްޔާގެ މައްޗަށް ގާނޫނުއަސާސީން ލާޒިމް ކޮށްފައިވާ ކަމެކެވެ. އެގޮތުން އެއްވެސް މުއައްސަސާއެއް ގާނޫނުއަސާސީގެ އިމުން ބޭރުން އަމަލު ކުރަމުން ގެންދާނަމަ އެ މުއައްސަސާއެއް ހަމަމަގަށް އެޅުވުމަކީ ރައީސުލް ޖުމްހޫރީއްޔާ ކުރައްވަން ޖެހޭނެ ކަމެކެވެ.
ނަމަވެސް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް މި ދެންނެވި ކަންކަން ކަށަވަރު ކޮށްދީފައި ނުވާ ކަމުގެ އަނެއް ހެއްކަކީ ސިވިލް ކޯޓުގެ ފަނޑިޔާރު މަރިޔަމް ވަހީދު ފަނޑިޔާރު ކަމުގެ މަގާމުން ވަކިކުރެވިގެން ދިޔަގޮތެވެ. އެގޮތުން މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކިކުރެވިގެން ދިޔައިރު އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލަ އަށް ދިފާއުގައި ޖަވާބްދާރީ ވުމުމުގެ ފުރުސަތު ވެސް ލިބިފައެއް ނުވެއެވެ.
މަރިޔަމް ވަހީދު ފަނޑިޔާރު ކަމަުން ވަކިކޮށް ދިވެެހިރާއްޖޭގެ ސްޕްރީމް ކޯޓުން ކުރި އަމުރުގައި ބުނެފައި ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތްކުރުމުގެ ޝަރުއިއްޔަތާއި، އަހުމިއްޔަތާއި ވިލާޔަތު ސިވިލް ކޯޓުގެ ގާޒީ މަރްޔަމް ވަހީދު ގެ ކިބައިން ގެއްލިފައިވާ ކަމަށާއި ދިވެހިރާއްޖޭގެ ކޯޓެއްގައި ޝަރީޢަތް ކުރުމުގެ އެއްވެސް ހައިސިއްޔަތެއް ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދުއަށް ލިބިގެންނުވާ ކަމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެންގާ ކަމަށެވެ.
މަރިޔަމް ވަހީދުގެ ކިބައިން ޝަރީއަތްކުރުމުގެ ހައިސިއްޔަތު ނެގީ، ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައިވާ ގޮތުގައި،ވ. ބޮޑުމޮހޮރާތަރައްގީކުރުމަށްކުއްޔަށްދިނުމަށްއެއްބަސްވުމަކަށްވާސިލުވުމަކީސަރުކާރަށްލިބިފައިވާއިޚްތިޔާރީބާރެއްކަމަށްސުޕްރީމްކޯޓުންމީގެ ކުރިން ކަނޑައަޅާފައިވަނިކޮށް، ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކުރައްވާފައިވާތީއެވެ.
ފަހަރެއްގައި ވެސް ސްޕްރީމް ކޯޓުން މަރިޔަމް ވަހީދު ފަނޑިޔާރު ކަމުން ވަކިކުރުމަކީ ސްޕްރީމް ކޯޓަށް ލިބިގެން ނުވާ ބާރެއް ކަމަށް ދަންނަވަނީއެއް ނޫނެވެ. ނަމަވެސް މަރިޔަމް ވަހީދުސްޕްރީމް ކޯޓުގެ ހުކުމަކާ ތަޢާރުޒުވާ ފަދަ ހުކުމް ކުރެއްވިއިއްރު ކަންހިނގާދިޔަ ގޮތް ބަލާ މަރިޔަމް ވަހީދު އަށް ޖަވާބް ދާރީ ވުމުގެ ފުރުސަތު ލިބެން ޖެހޭނެކަން ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ކަޝްވަރު ކޮށްދެއެވެ.
ކޮންމެއަކަސް މިއަދު މަރިޔަމް ވަހީދު އަށް އޭނާ އަށް އިންސާފް ގެއްލިފައިވާ ކަމަށް ގަބޫލު ކުރެވުނު ނަމަވެސް އިންސާފް ހޯދަން ދާނެ ތަނެއް ނެތެވެ. ޓަކި ޖަހާލާނެ އެއްވެސް ދޮތެއް ނެތެވެ. އެހެން ކަަމުން ރައީސް ޔާމީން އެ ވިދާޅުވާ ޖަވާބްދާރީ ވުމުގެ ފުރުސަތު ދިނުމަކީ މިއީ ކަމަށް ވެދާނެއެވެ. ހަމަޔަގީނުން ވެސް މައްސަލަތަކުގައި ތުހުމަތު ކުރެވޭ މީހުންނަށް ޖަވާބްދާރީ ވުމުގެ ފުރުސަތު ކަޝްވަރު ކޮށްދިނުމުގައި ރައީސް އަބްދުﷲ ޔާމީން ވަރެއްނެތެވެ.