އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި ކުލަބް ގްރީން ސްޓްރީޓްސް އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި ބުދަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު ގްރީން ސްޓްރީޓްސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު ގްރީންއަށް ކާމިޔާބު ކޮށްދިނީ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) އެވެ. މިއީ އޭރިއާ ތެރެއިން ގްރީންގެ ހަސަން ނަޒީމް (ޗޯޓު)އަށް ގްރާންޑޭގެ ޑިފެންޑަރުން ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއަކުން އޭނާ ކާމިޔާބުކުރި ލަނޑެކެވެ.
މި ލަނޑަށްފަހު ވެސް ގްރީން އިން ވަނީ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 12 ވަނަ މިނެޓުގައި ޗޯޓުއަށް ވަނީ ލީޑު ފުޅާކުރަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ނަތީޖާ ހަމަހަަމަ ކޮށްފައެވެ. މެޗުގެ 43 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ މުޙައްމަދު އާކިބްއެވެ.
މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދެ ޓީމަށްވެސް ލަނޑުޖަހަން މާކަ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. މި ހާފުގައި ދެ ޓީމަށްވެސް ލިބުނު ފުރުސަތުތަކުގެ ހުރަހަކަށްވީ ޑިފެންޑަރުންނެވެ.
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެރޭ ކުޅޭނީ ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ވެލެންސިއާއެވެ.