ކ. މާލެ
|
12 ފެބްރުއަރީ 2022 | ހޮނިހިރު 15:57
އެމްއައިޓީޑީސީން ކުރިއަށް ގެންދާ ސަވާދީއްތަ ދަތުރު
އެމްއައިޓީޑީސީން ކުރިއަށް ގެންދާ ސަވާދީއްތަ ދަތުރު
ރާއްޖެއެމްވީ
އެމްއައިޓީޑީސީގެ ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު، ފަތުރުވެރިކަމަށް ބޮޑު ނަފާއެއް
ސަވާދީއްތަ ދަތުރުގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުވާނެ
ދަތުރުގެ ބައިވެރީންނަށް ދިވެހީންގެ ސަގާފަތުގެ ކަންކަން ތަޖުރިބާ ކުރެވޭނެ
ސޯޝަލް މީޑިއާގައި މަޝްހޫރު ދެ ޔޮޓު ބައިވެރިވޭ

ރާއްޖޭގެ ގައުމީ ބަތަލް އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ދިރިއުޅުއްވުން ތީމެއްގެ ގޮތުގައި ބަލައިގެން ފަށާފައިވާ ސަވާދީއްތަ ދަތުރު ރަސްމީކޮށް ލޯންޗު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޯގަސްޓު 23ވީ ހޯމަ ދުވަހުއެވެ. މި ރެލީއަށް ސަވާދީއްތަ ދަތުރުގެ ނަމުން ނަން ދެވުނީ ސަވާދީއްތައަކީ ބޮޑުތަކުރުފާނަށް ނިސްބަތްކޮށް ބޭނުންކުރެވުނު ނަމަކަށް ވާތީއެވެ. މިދިޔަ އަހަރުގެ ތެރޭގައި މި ރެލީ ލޯންޗުކޮށް، މި ހަރަކާތް އިފްތިތާހުކޮށްފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހު ހއ. ހޯރަފުށީގައެވެ.

މިދިޔަ އަހަރުން ފެށިގެން ގިނަ ތަޖުރިބާކާރުންނާއެކު މަޝްވަރާ ކުރުމަށްފަހު, މިއަހަރުގެ ފެބްރުއަރީ މަހު މި ހަރަކާތް ފަށަން ނިންމީ, ފެބްރުއަރީ މަހަކީ އާންމުގޮތެއްގައި ރާއްޖޭގައި އެންމެ ގިނަ އަދަދަކަށް ޔޮޓު ފަހަރު ބަނދަރުކުރާ މަހަށް ވާތީއެވެ. މި ރެލީގައި ރާއްޖޭގެ 5 އަތޮޅެއްގެ 15 ރަށަކަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި މީހުން އާބާދުވެ ދިރިއުޅެމުންދާ 11 ރަށަކާއި ހަތަރު ފަޅުރަށެއް ހިމެނެއެވެ.

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކި އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި - ސަވާދީއްތަ ދަތުރު

ފަތުރުވެރިކަމަށް އައު ކަންތައްތަކެއް ތައާރަފުކޮށް ރާއްޖޭގެ މުއްސަނދިކަން އިޝްތިހާރު ކުރުމަށް ރާއްޖޭގައި މި ބާއްވާ ފުރަތަމަ ޔޮޓް ރެލީ "ސަވާދީއްތަ ދަތުރު" ރާވާ އިންތިޒާމު ކުރަނީ މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)އިންނެވެ. މުލިއާގެއަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސް ސާލިހު ދެއްކެވި ވާހަކަފުޅުން ޚިޔާލު ހޯދައިގެން އެމްއައިޓީޑީސީން މި ހަރަކާތް ކުރިއަށް ގެންދަނީ, މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް އަދި އެމްއެންޑީއެފްގެ ސިވެކް ކުންފުންޏާ ގުޅިގެންނެވެ. އެމްޓީޑީސީގެ އަމާޒަކީ މި ރިލޭ ކޮންމެ އަހަރަކު ވެސް ސިލްސިލާކޮށް ކުރިއަށް ގެންދިއުމެވެ.

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވަނީ ހޯރަފުށިން މިކަމަށްދޭ އެއްބާރުލުން ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ، ރާއްޖެއަކީ ސަގާފަތާއި ތާރީޚުން ފުރި ބަންޑުންވެފައިވާ ގައުމެއް ކަމަށެވެ. ކުރީ ޒަމާންތަކުގައި މީހުން ރާއްޖެ އައިސް މަޑުކޮށްގެން ތިބެނީ އެމީހުންގެ އޮޑިދޯނިފަހަރު ހަލާކުވެގެންނެއް ނޫން ކަމަށާއި، ހަގީގަތަކީ އެމީހުން ރާއްޖެއިން ފުރަން ބޭނުން ނުވުން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރައީސް ސޯލިހުގެ ފަތުރުވެރިކަމުގެ ސިޔާސަތު ބައްޓަންވެފައިވަނީ ރާއްޖޭގެ މާހައުލާއި، އާދަކާތަތަކާއި ސަގާފަތް ފަތުރުވެރިންނަށް ދައްކުވައިދެވޭނެ ގޮތަކަށް ކަމަށެވެ. އެގޮތުން ކައިރި ކައިރީގައި އޮންނަ ދެ ރަށެއްގައިވެސް އާދަކާދައިގެ ގޮތުން ބޮޑެތި ތަފާތުތަކެއް ހުރެދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެބީދައިން ފަތުރުވެރިކަން ފަށައިގަތުމުގެ އެއް ފެށުމަކީ ސަވާދީއްތަ ދަތުރުކަންވެސް މިނިސްޓަރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން ހޯރަފުށީ ދާއިރާގެ މަޖިލިސް މެމްބަރު ސަލީމް ވިދާޅުވީ، 99 އިންސައްތަ ކަނޑު ހިމެނޭ އަދި ދަތުރުވެރިންގެ މެދުގައިވެސް މަގުބޫލު ކުޑަކުޑަ ދިވެހިރާއްޖޭގައި މިހާތަނަށް މިފަދަ ޔޮޓް ރެލީއެއް ބާއްވާފައި ނެތްކަމަށެވެ. ވުމާއެކު، އެމްއައިޓީޑީސީން "ސަވާދީއްތަ ދަތުރު"ގެ ނަމުގައި މި ފެށި ހަރަކާތަކީ މުހިއްމު މަސައްކަތެއްކަން ސަލީމް ފާހަގަ ކުރެއްވިއެވެ. ސަލީމް ވިދާޅުވިގޮތުގައި މި ރެލީއަކީ ރާއްޖޭގެ މުއްސަނދި ތިމާވެއްޓާއި، ރިވެތި ތާރީޚާއި ސަގާފަތް, އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ހުރި ގޮންޖެހުންތައް ބަލައިލުމަށްވެސް ރަނުގެ ފުރުސަތެއްކަމަށެވެ.

ސަވާދީއްތަ ދަތުރު - ސަވާދީއްތަ ދަތުރު

ސަވާދީއްތަ ދަތުރު ރަސްމީކޮށް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ, ސަވާދީއްތަ ދަތުރުގެ ޕާސްޕޯޓެއްވެސް އިފްތިތާހުކޮށްފައެވެ. ޔޫއެންގެ ރެސިޑެންޓް ކޯޑިނޭޓަރ ކެތެރިން ހޭސްވެލް އިފްތިތާހުކޮށްދެއްވި މި ޕާސްޕޯޓަކީ ދަތުރުގެ އެންމެހާ ބައިވެރިންނަށް ދިނުމަށް ހަމަޖެހިފައިވާ, އަދި ކޮންމެ ރަށަކުން ވެސް އެރަށެއްގެ ސްޓޭމްޕް ޖެހުމުގެ އިންތިޒާމް ހަމަޖެހިފައިވާ ޕާސްޕޯޓެކެވެ.

މި ޔޮޓް ރެލީ ފެށުމުގެ ކުރިން ދަތުރުގެ ބައިވެރިން ވަނީ ދިވެހިވަންތަ ސަގާފަތްތަކާއި ތާރީޚާގުޅޭ މައުލޫމާތުތައް ބަލައި، އެކަމާއި ގުޅޭ ތަޖުރިބާތައް ކޮށްފައެވެ. ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު މި ނޫނަސް އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ހޯރަފުށީ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުރިހާ ފަތުރުވެރިން ވަނީ ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައެވެ. އަދި މީގެ އިތުރުން، ރަށުގެ ސްކޫލް ދައްކާލުމާއި ސްކޫލާގުޅޭ އެކި މައުލޫމާތު ފަތުރުވެރިންނަށް ދީފައިވެއެވެ.

ހޯރަފުށީ ބީޗް ސަރަހައްދުގައި ފަތުރުވެރިންނަށް ޚާއްސަކޮށްގެން މޫދު ކުޅިވަރުތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެއިތުރުން، ދަތުރުގެ ހުރިހާ ފަތުރުވެރިން ވަނީ މަސް ދަތުރެއްގައިވެސް ބައިވެރިވެފައެވެ. މި ދަތުރު ވެގެން ދިޔައީ ގިނަ ފަތުރުވެރިންނަށް އައު, އަދި މަޖާ ކުޅިވަރަކަށެވެ. އަދި މި ބައިވެރިން ވަނީ މަތީރަށާއި އިންނަ ފިނޮޅަށް ޒިޔާރަތް ކޮށްފައެވެ.

މި ދަތުރުގައި ބޭރުގެ 9 ޔޮޓަކުން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސޯޝަލް މީޑިއާގައި މަޝްހޫރު ދެޔޮޓެއްވެސް ހިމެނެއެވެ. ސަވާދީއްތަ ދަތުރު އިންތިޒާމްކުރާ އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ރާއިދު ރާއްޖެއެމްވީއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ, ސޯޝަލް މީޑިއާގައި ސެލެބްރިޓީ ފެންވަރުގެ ދެޔޮޓެއް ސަވާދީއްތަ ދަތުރުގައި ބައިވެރިވަމުން އަންނަކަމީ މިހަރަކާތަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. މި ދަތުރުގައި ބައިވެރިވެފައިވާ ޔޮޓުތަކުގެ ތެރެއިން "ސެއިލިން ޒަޓާރާ"ގެ, ޔޫޓިއުބުގައި ހަތަރު ލައްކައަށްވުރެ ގިނަ ފޮލޯވަރުން އެބަތިއްބެވެ. އަދި މި ދަތުރުގައި ބައިވެރިވާ "ސެއިލިން އެކުއޭރިިއަސް"ގެ ވެސް ގިނަ އަދަދެއްގެ ފޮލޯވަރުން ތިބިކަމަށް ރާއިދު ވިދާޅުވިއެވެ.

ސަވާދީއްތަ ދަތުރު ހުޅުވުމުގެ ރަސްމިއްޔާތު ނިންމާލުމަށްފަހު އެކިއެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައި - ސަވާދީއްތަ ދަތުރު

ރާއްޖޭގެ ސަގާފީ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރާ މި ދަތުރުތަކުގައި އަންގާރަ ދުވަހު ވަނީ ބާރަށަށް ދަތުރުކޮށްފައެވެ. އެރަށަކީ މުހައްމަދު ތަކުރުފާނުގެ ގިނަ އާސާރުތައް ހުރި ރަށެކެވެ. އަދި މިވާހަކަތައް ވެގެންދިޔައީ ފަތުރުވެރިންނަށް ވަރަށް ކަމުދާ, އަދި އަޑުއަހާ ހިތްވި ވާހަކަތަކެއްކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, ޔޮޓުތަކުގެ ޔޫޓިއުބް ޗެނަލާއި ސޯޝަލް މީޑިއާގައިވެސް މި މައުލޫމާތުތައް ހިއްސާ ކުރަމުން ގެންދާނެ ކަމަށެވެ.

މިފަދަ އުޅަނދު ފަހަރަކީ ވަރަށް ތަފާތު އުޅަނދު ފަހަރަށްވެފައި، ބަނދަރުކުރުމުގައި ތަފާތު ގޮތްތަކެއް ގެންގުޅެން ޖެހޭއިރު، ރާއްޖޭގެ ބައެއް ބަނދަރުތައް ތިލަވުމުގެ ސަބަބުން ބަނދަރުކުރުމުގައި ދަތިތަކެއް ދިމާވާކަން ރާއިދު ފާހަގަކުރެއްވިއެވެ. ނަމަވެސް ދައްޕަރުގެ ބަނދަރަކީ މިފަދަ ޔޮޓުތައް ބަނދަރުކުރުމަށް ވަރަށް ރަނގަޅު ބަނދަރެއްކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, ދައްޕަރު ބަނދަރުގެ މައުލޫމާތު ޔޮޓުތަކުން މިހާރު ހިއްސާ ކުރަމުން އަންނަ ކަމަށެވެ. އެހެންކަމުން މިއީވެސް ލިބުނު އިތުރު ކާމިޔާބީއެއްކަމުގައި ރާއިދު ވިދާޅުވިއެވެ.

މި ދަތުރުގައި ބައިވެރިވި ބޭރުގެ 9 ޔޮޓުގެ ތެރެއިން ދެ ޔޮޓެއް ވަނީ މަގުބޫލު އުޒުރަކާއެކު ދަތުރުން ވަކިވެފައެވެ. މީގެ ތެރެއިން އެއް ޔޮޓަކީ ދޮށީ އުމުރުގެ ދެމަފިރިން އުޅޭ ޔޮޓެކެވެ. އެމީހުން ދަތުރުގައި ބައިވެރި ނުވެވޭނެކަމަށް ބުނެފައިވަނީ ކޮވިޑްގެ ކަންކަން ހުރި ގޮތުންނާއި، ރައްކާތެރިކަމުގެ ގޮތުންނެވެ. އަދި ދަތުރުން ވަކިވި އަނެއް ޔޮޓުގައި ތިބީ އަންހެނަކާއި 3 ފިރިހެނުން ކަމަށާއި އެޔޮޓުގައި އުޅޭ އަންހެން މީހާއަކީ ބުރަކަށީގެ މައްސަލައެއް ހުންނަ މީހަކަށްވެފައި، ރަށްރަށަށް އަރައި ފޭބުމުގައި އުނދަގޫތަކެއް ހުރުމުން އެމީހާއަށް ދަތުރުގައި ބައިވެރި ނުވެވޭނެތީއެވެ.

ސަވާދީއްތަ ދަތުރުގައި ބައިވެރިވި ފަތުރުވެރިން ވަނީ ބުދަ ދުވަހުގެ ހެނދުނު އުތީމަށް ގޮސް އެރަށު ސްކޫލު ބަލާލައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒާއި އުތީމު ގަނޑުވަރަށާއި މިސްކިތަށް ޒިޔާރަތްކޮށްފައެވެ. އެމްއައިޓީޑީސީން ބުނީ ދިވެހި ކެއުންތަކުގެ ރަހަ ބަލާލުމަށް ފުރުސަތު ލިބުމުން ފަތުރުވެރިން ވަރަށް ހިތްހަމަޖެހިގެން ތިބިއިރު, އެމީހުން މީގެ ކުރިން ރާއްޖެއަށް އެތައް ފަހަރަކު ދަތުރުކޮށްފައިވީ ނަމަވެސް ދިވެހި ކައުންތަކުގެ ރަހަބަލާލުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ. އަދި މި ދަތުރުގެ ތެރެއިން ދިވެހި ކެއުންތަކުގެ ރަހަބަލާލުމަށް ފުރުސަތު ލިބުމުން، އެމީހުންނަށް ކެއުންތައް ވަރަށް ކަމުގޮސްފައިވާކަަމަށެވެ.

ބުރާސްފަތި ދުވަހު މިދަތުރުގެ ބައިވެރިން ވަނީ ހދ. ނޮޅިވަރަންފަރަށް ދަތުރުކޮށްފައެވެ. ނޮޅިވަރަންފަރަށް ދަތުރުގެ ބައިވެރިން ދިއުމުން އެ ރަށުން ވަނީ ދަތުރުގެ ބައިވެރިންނަށް ދިވެހިންގެ ސަގާފީ ކަންކަން ދައްކާލާފައެވެ. އެގޮތުން ކުރީޒަމާނުގައި ދިވެހިންގެ އާދަކާދަތައް ހުންނަ ގޮތާއި ކޮށްއުޅުނު މަސައްކަތުގެ އިތުރުން ދިވެހިންގެ ދިރިއުޅެމުން އައި ގޮތް ދައްކާލާފައިވެއެވެ.

މި ޚާއްސަ ކަލްޗަރަލް ޓުއަރގައި ނޮޅިވަރަންފަރުގައި އޮންނަ ޚާއްސަ ބޮޑުމަސް ބޭނުމުގެ ހަރަކާތްތައްވެސް ވަނީ ދަތުރުގެ ބައިވެރިންނަށް ދައްކާލާފައެވެ. އެހެން ރަށްރަށާ ޚިލާފަށް ނޮޅިވަރަންފަރުގައި ބޮޑުމަހުގެ ހަރަކާތް ކުރިއަށްގެންދަނީ މޫދުގައެވެ. ދަތުރުގެ ބައިވެރިންވަނީ އެ ރަށުގެ ދަނޑު ހައްދާ ސަރަހައްދަށާއި ގެސްޓް ހައުސްއަކަށްވެސް ޒިޔާރަތް ކޮށްފައެވެ. ދެދުވަހުގެ މިހަރަކާތްތައް ނިންމާލުމުގެ ގޮތުންވަނީ ޚާއްސަ ބާބަކިއުއެއް އެ ރަށުގައި ބާއްވާފައެވެ.

މި ދަތުރުގެ ބައިވެރިން ނ. ލަންދޫއަށް ދަތުރު ފަށާނީ އާދީއްތަ ދުވަހު ކަމަށް އެމްއަޓީޑީސީން މައުލޫމާތުދެއެވެ.

ރާއްޖޭގެ އެކި މަންޒިލްތައް ބަލާލުމުގެ އިތުރުން ރާއްޖޭގެ ސަގާފީ އެކި ކަންކަން ތަޖުރިބާކޮށްލަން މި ދަތުރުގައި ފަތުރުވެރީންނަށް ލިބުމަކީ ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިއެރުން ލިބިގެންދާނެ ކަމެކެވެ. ހަމައެހެންމެ ރާއްޖޭގައި ޔޮޓުތައް ބަނދަރު ކުރާނެ ފަސޭހަ ބަނދަރުތަކުގެ މައުލޫމާތު ލިބި އެމައުލޫމާތުތައް އެކި ކޮމިއުނިޓީތަކަށް ދަނީ ދަތުރުގެ ބައިވެރިން ހިއްސާކުރަމންނެވެ. އެހެންކަމުން މި ހަރަކާތާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވަރަށް ބޮޑު ނަފާއެއް ކުރާނެކަން ގައިމެވެ.

- ކޮމެންޓް