ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 14:07
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން
އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އާއި ލެސްޓާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި ޕްރިމިއާ ލީގު
ލެސްޓާ ބަލިކޮށް ލިވަޕޫލުން ފަރަގު ކުޑަކޮށްފި
މި މެޗު ލިވަޕޫލުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުން

އިނގިރޭސި ޕްރިމިއާ ލީގުގައި ލެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ލިވަޕޫލުން ނުކުތީ މިދިޔަ ޓްރާންސްފާ މާކެޓުގައި އެޓީމާ ގުޅުނު ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒަށް ފުރަތަމަ ފަހަރަށް ފުރުތަމަ އެގާރާއިން ފުރުސަތު ދީގެންނެވެ. މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ވެސް އޭނާއަށެވެ. އެކަމަކު ހުހަށްހުރެ އޭނާ ފޮނުވާލަން މަސައްކަތްކުރި ބޯޅަ ލެސްޓާގެ ޑިފެންޑަރުން ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ލެސްޓާގެ ޖޭމްސް މެޑިސަން ލިވަޕޫލްގެ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ ހުށިޔާރުކަމާއެކު އެ ހަމަލާ ދިފާއުކޮށްފައެވެ.

މެޗުގެ 35 ވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ.

މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލުން ލެސްޓާގެ ހާފަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު، މި ހާފުގައި ލެސްޓާގެ ކީޕަރު ކެސްޕާ ޝްމައިކަލް ވަނީ ލިވަޕޫލުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އިތުބާރު ފޯވާޑް މުޙައްމަދު ސަލާހް އާއި ޑިއާސް ފޮނުވާލި ހަމަލާތައް ޝްމައިކަލް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އޭގެ އިތުރުން ސަލާހް ފޮނުވާލި ހަމަލާއެއް ހުރަސް ދަނޑިއަށްވެސް ވަނީ އަމާޒުވެފައެވެ.

މެޗުގައި ލިވަޕޫލުން ކާމިޔާބުކުރި ދެވަނަ ލަނޑު ޖެހީ މެޗުގެ 84 ވަނަ މިނެޓުގައެވެ. މި ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ޖޮޓާއެވެ.

މި ނަތީޖާއާއެކު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 24 މެޗުން 60 ޕޮއިންޓް ހޯދައިގެން ސިޓީއެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 23 މެޗުން 51 ޕޮއިންޓް ލިބިފައިވާއިރު ތިންވަނައިގައި އޮތް ޗެލްސީއަށް 24 މެޗުން 40 ޕޮއިންޓު ވަނީ ލިބިފައެވެ.

- ކޮމެންޓް