ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ އެއަރލައިން މޯލްޑިވިއަންއިން އެމިރޭޓްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ބުރާސްފަތި ދުވަހު ސޮއިކުރި މި އެއްބަސްވުމަކީ އެއް އެއަރލައިނުން އަނެއް އެއަރލައިނުގެ ސީޓު ވިއްކުމަށާއި ދެ އެއާލައިންގެ ޓުއަރ އޮޕަރޭޓް ޑިވިޝަނުން ގުޅިގެން ފަސިންޖަރުންނަށް ޗުއްޓީ ޕެކޭޖު ވިއްކަން ސޮއިކުރި އެއްބަސްވުމެކެވެ.
މޯލްޑިވިއަންއިން ބުނީ މި އެއްބަސްވުމުގެ ދަށުން ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް އެމިރޭޓްސްގެ އެހީތެރިކަން ލިބޭނެ ކަމަށާއި، އެމިރޭޓްސްއާ މޯލްޑިވިއަންގެ ކަނެކްޓިވިޓީ ފުޅާކޮށް, ފަސިންޖަރުންނަށް ދެ އެއަރލައިން ގުޅިގެން ދޭ ޕެކޭޖްތައް ތައާރަފު ކުރެވޭނެ ކަމަށެވެ. އަދި ޗުއްޓީ ޕެކޭޖްތައް ވެސް ދެ އެއަރލައިނުން އެއްބަސްވެވޭ ގޮތަކަށް ތައާރަފް ކުރެވޭނެ ކަމަށާއި، އެމިރޭޓްސްއިން ދަތުރުކުރާ މީހުންނަށް މޯލްޑިވިއަން މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ދިމާލަކަށް ދަތުރު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މީގެ އިތުރުން މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރާ މީހުންނަށް އެމިރޭޓްސް މެދުވެރިކޮށް ދުބާއީ މަގުން ކަނޑައެޅޭ ރޫޓްތަކެއްގައި ދަތުރުކޮށް, ދުނިޔޭގެ އެކިއެކި ގައުމުތަކަށް ދިއުމުގެ ފުރުސަތު ލިބޭނެ ކަމަށާއި، އެކަމަށް ޚާއްސަ ޕެކޭޖްތަކެއް ތައާރަފުކުރާނެ ކަމަށް މޯލްޑިވިއަންއިން ބުނެއެވެ. އަދި ކުރިއަށް އޮތްތަނުގައި ދެ އެއަރލައިންގެ މާކެޓިން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި، އެކިއެކި ޕްރޮމޯޝަންތައް ކުރިއަށް ގެންދާނީ ގުޅިގެން ކަމަށް މޯލްޑިވިއަންއިން ބުނެއެވެ.
މޯލްޑިވިއަންއިން ބުނީ އެއްބަސްވުމުގެ ދަށުން ދެއަރލައިންއިން ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރާނެ ކަމަށާއި، މިއީ ލިބުނު ކުރިއެރުމެއް ކަމަށެވެ.
މިއެއްބަސްވުމާގުޅޭ ގޮތުން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ, އެމިރޭޓްސް އެއަރލައިންއިން ރާއްޖެއަށް ގިނަ ފަތުރުވެރިން ދަތުރުކުރާ ކަމަށާއި، މިކަމުގެ ސަބަބުން އިގުތިސާދަށް ފައިދާކުރާނެ ކަމަށެވެ. އަދި މިފަދަ އެއްބަސްވުންތަކުގެ ސަބަބުން ގުޅުންތައް އިތުރަށް ވަރުގަދަވެ ޚާއްސަކޮށް ޔޫއޭއީއާ ރާއްޖެއާ ދެމެދު އިގުތިސާދީ ގުޅުން ހަރުދަނާވާނެ ކަމަށެވެ.
މޯލްޑިވިއަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު މިހާދު ވިދާޅުވީ, މިއީ އައު ފުރުސަތަކަށް ހުޅުވިގެން ދިޔަ ދޮރެއް ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ފަހަތަށް ދިޔަ ދިއުމުން އަރައިގަނެ، އެއަރލައިން އިންޑަސްޓްރީގައި ފައިހަމަކޮށްގެން ކުރިއަށް ދިއުމަށް ލިބުނު ފުރުސަތެއް ކަމަށެވެ.
އެމިރޭޓްސްގެ ޗީފް ކޮމަރޝަލް އޮފިސަރ އަދްނާން ކާޒިމް ވިދާޅުވީ، މި އެއްބަސްވުމުގެ ދަށުން ދެ އެއަރލައިނަށް ވެސް ފައިދާވާނެ ކަމަށެވެ. ރާއްޖެއަކީ ފަތުރުވެރި މަންޒިލަކަށް ދުނިޔޭގައި މަޝްހޫރު ގައުމަކަށްވާއިރު، ރާއްޖޭގެ ސަރަހައްދުތަކަށް ކަނެކްޓިވިޓީ ލިބުމަކީ އެއަރލައިންއިން ދަތުރު ކުރާ މީހުންނަށް ލިބޭ ވަރަށް ބޮޑު ލުޔެއް ކަމަށެވެ. އަދި އެމިރޭޓްސްއިން ދަތުރުކުރާ ދިވެހިންނަށް، އެ އެއާލައިނުގެ ނެޓްވޯކުގައި ހިމެނޭ 120 މަންޒިލަށް ދަތުރުކުރުމުގައި އިތުރު ފަސޭހަތަކެއް ލިބޭނެ ކަމަށް ވިދާޅުވިއެވެ.