އިޓާލިއަން ކަޕުގައި ރޯމާ ބަލިކޮށް އިންޓަ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު އިންޓައިން ކާމިޔާބުކުރީ 2-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ވަރަށް ކުރީކޮޅު އިންޓައިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މެޗުގެ ދެވަނަ މިނެޓުަގއި މި ލަނޑު އިންޓައަށް ކާމިޔާބުކޮށްދިނީ އެޑެން ޒެކޯއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ އިވާން ޕެރިސިޗްގެ އެހީތެރިކަމާއެކުގައެވެ. މި ލަނޑަށްފަހުވެސް އިންޓައިން ރޯމާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލިއިރު ފުރަތަމަ ހާފުގައި ލީޑު ފުޅާކުރަން އިންޓަގެ ފޯވާޑް އެލެކްސެސް ސަންޗޭޒަށާއި ޒެކޯއަށްވެސް ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފައެވެ. މި ހާފުގައި އިންޓަގެ ހަމަލާތައް ހުއްޓުވުމުގައި ރޯމާގެ ޑިފެންޑަރުން ވަނީ މޮޅު ކުޅުމެއް ކުޅެފައެވެ.
މެޗުގެ ދެވަނަ ހާފުގައިވެސް އިންޓައިން ރޯމާގެ ހާފަށް ނުރައްކާކުރިއިރު މެޗުގެ 68 ވަނަ މިނެޓުަގއި ސަންޗޭޒް ވަނީ އިންޓައަށް ލީޑު ފުޅާކޮށްދީފައެވެ. މި ލަނޑު ސަންޗޭޒް ކާމިޔާބުކުރީ މެޓެއޯ ޑާމިއަންގެ އެހީތެރިކަމާއެކުގައެވެ.
މި ލަނޑަށްފަހުވެސް ސަންޗޭޒްއަށް ވަނީ ލަނޑު ޖަހަން ހުސްފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.
މި މޮޅާއެކު އިންޓައިން އިޓާލިއަން ކަޕްގެ ސެމީ ފައިނަލުން ޖާގަ ހޯދިއިރު, މި މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މާޗު މަހުގެ ދެވަނަ ދުވަހުއެވެ.