ޗައިނާގެ ބެއިޖިންގ ގައި މިހާރު ކުރިޔަށްދާ ވިންޓަރ އޮލިމްޕިކް ގޭމްސްގައި ފެންނަ ކޮވިޑް-19 ކޭސްތަކުގެ އަދަދު ދަށަށްދާން ފަށާފައިވާކަމަށް ގޭމްސް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.
ފެންނަ ކޭސްތަކުގެ އަދަދު ދަށަށްދާން ފަށާފައިމިވަނީ މިހާރު ގޭމްސް އަށް އަންނަ މީހުން ކުރިއާ އަޅާބަލާއިރު މަދުވީކަމަށްވެސް އިންތިޒާމުކުރާ ފަރާތުން ބުނެއެވެ. އެހެންކަމުން ކުރިޔަށް އޮތްތަނުގައިވެސް ކޭސްތައް މައްޗަށް ދާނެކަމަށް ނުފެންނަކަމަށް އޮގަނައިޒް ކުރާ މީހުން ބުނެއެވެ. އޮލިމްޕިކް ގޭމްސް ވަނީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ފަށާފައެވެ.
ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު އޮލިމްޕިކް ގޭމްސް އާ ގުޅުންހުރި 10 ކޭސް ރިކޯޑް ކޮށްފައިވެއެވެ. އޭގެކުރީ ދުވަހު 45 ކޭސް ރިކޯޑް ކޮށްފައިވެއެވެ. އެއީ އޮލިމްޕިކް ގޭމްސް އަށް ޗައިނާއަށް މީހުން އެތެރެވާން ފެށިފަހުން އެންމެގިނަ އަދަދަކަށް މީހުން ކޮވިޑަށް ޕޮޒިޓިވްވެގެން ރިޕޯޓްކުރި ދެވަނަ ދުވަހެވެ.
އެންމެފަހުން ފެނުނު ކޭސްތަކުގެ ތެރޭގައި އެއަރޕޯޓަށް އައިސް ޓެސްޓްކުރި ތަނުން ޕޮޒިޓިވްވި 4 މީހުން ހިމެނެއެވެ. އޭގެތެރޭގައި 2 އެތްލީޓުންނާއި ޓީމު އޮފިޝަލުންގެ 2 މީހުން ހިމެނެއެވެ. ދެން ޕޮޒިޓިވްވި މީހުންނަކީ ގޭމްސް އަށް ކުރިން އައި މީހުންނެވެ.
ގޭމްސް އަށް މިހާތަނަށް 2900 އެތްލީޓުން ޗައިނާއަށް އެތެރެވެފައިވެއެވެ.
ގޭމްސް އަށް އަންނަ ޓީމުތަކާއި މީޑިޔާގައި މަސައްކަތްކުރާ މީހުންގެ އިތުރުން ސްޓާފުން ޗައިނާއަށް އަންނަނީ ޚާއްސަ ޗާޓަރ ފްލައިޓްތަކެއްގައެވެ. އަދި ކޮންމެ ދުވަހަކު އެމީހުން ކޮވިޑަށް ޓެސްޓްކުރަންޖެހެއެވެ. އެމީހުންނަށް ތިބެން ހަމަޖެހިފައިވާ ސަރަހައްދުން ބޭރަށް އާންމުންގެ ތެރެއަށް ނިކުތުމަކީ މަނާކަމެކެވެ.