ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގާ ޙަރަކާތްތަކުގެ ތެރެއިން "އޯޝަން 6/50" ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.
މިއީ ޔުނިކްސް ސްޕޯޓިންގ އާއި ތަޖުރިބާކާރު ޑައިވަރު ޝަފްރާޒް ނަޢީމް ގުޅިގެން ބާއްވާ 50 ގަޑިއިރުގެ ޑައިވިން ޙަރަކާތެކެވެ.
މިޑައިވް ކުރިއަށް ދާނީ މިމަހުގެ 25 އިން 27 އަށެވެ. މިޙަރަކާތުގައި ބައިވެރިވާ ޑައިވަރުން ޝަފްރާޒާއި ބައްދަލުކޮށް، ތިމާވެށި ރައްކާތެރި ކުރުމާއި ބެހޭ ވައުދެއްގައި ސޮއިކުރާނެއެވެ.
މި ޙަރަކާތް ކުރިއަށްދާ 50 ގަޑިއިރު ޝަފްރާޒް ހޭދަކުރާނީ ކަނޑު އަޑީގައެވެ. މިއީ މިފަދަ ޙަރަކާތެއް ދެކުނު އޭޝިއާ ސަރަޙައްދުގައި ބާއްވާ ފުރަތަމަ ފަހަރެވެ. އެހެންކަމުން މި ޙަރަކާތް ވެގެންދާނީ ސަރަޙައްދީ ރެކޯޑަކަށެވެ.
މި ޙަރަކާތުގެ މަޤްސަދަކީ ރާއްޖޭގައާއި، ބައިނަލްއަޤުވާމީ މައިދާނުގައި ޙަރަކާތްތެރިވާ ޑައިވަރުންނާއި، މެރިން ރިސާޗަރުން އަދި ތިމާވެށީގެ އެކްޓިވިސްޓުން އެއްތަންކޮށް، ތިމާވެއްޓާއި ގުޅޭ މައްސަލަތަކާމެދު ހޭލުންތެރިކަން އިތުރުކުރުމެވެ. މި ޙަރަކާތުގެ ސަބަބުން ޕްލާސްޓިކް ކުނިން ކަނޑު ތަޣައްޔަރުވުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ނެތިދިޔުމުގެ ބިރު ހީވެފައިވާ ކަނޑުގެ ދިރުންތައް އަދި މުޅި ކަނޑުފަޅުގެ ދިރުންތަކާމެދު ހޭލުންތެރިކަން އިތުރުކުރުމާއި މިކަންކަމަށް މާނަވީ އަދި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް ރާއްޖޭގެ އަދި ބައިނަލްއަޤްވާމީ ޑައިވިންގ ކޮމިއުނިޓީ އާއި، މެރިން ރިސާޗަރުންނާއި، ތިމާވެށީގެ އެކްޓިވިސްޓުން އެއްތަނަކުން ބައްދަލުވެ ވަކާލާތުކުރުމަށް މަގުތަނަވަސް ވެގެންދާނެއެވެ.
ދިރާގުން ބުނީ ތިމާވެއްޓާއި ކަނޑުފަޅުތަކާއި ގުޅޭ ކަންކަމަކީ އެ ކުންފުނީގެ ސީ.އެސް.އާރު ޙަރަކާތްތައް އަމާޒުކުރެވިފައިވާ އެއް ދާއިރާ ކަމަށެވެ. އެގޮތުން އދ. ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރެއިން "ފެނުއަޑީގެ ދިރުން" ގެ ދަށުން ހިމެނޭ ކަންކަން ފުރިހަމަކުރުމަށް 2016 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން އެހީވަމުން އަންނަކަން ފާހަގަކޮށްފައިވެއެވެ.