ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 11:39
އިންޓަ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
އިންޓަ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ޖިރޫޑުގެ ދެ ލަނޑާއެކު މިލާނުން އިންޓަ ބަލިކޮށްފި
މިލާން މޮޅުވީ އިންޓަ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އޮލިވިއޭ ޖިރޫޑް ޖެހި ދެ ލަނޑާއެކު އޭސީ މިލާނުން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ބަލިކޮށްފިއެވެ.

މި މެޗުން މިލާން މޮޅުވީ ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ. މިއީ މިލާން ޑާބީގެ ލީގު މެޗެއްގައި 2004 ވަނަ އަހަރުގެ ފެބްރުއަރީ މަހަށްފަހު މިލާނުން ފަހަތުން އަރައި މޮޅުވި ފުރަތަމަ ފަހަރެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ އިންޓައިންނެވެ. މެޗުގެ 38 ވަނަ މިނެޓުގައި ހަކަން ޗަޅަނޯލޫ ނަގައިދިން ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިވާން ޕެރިސިޗެވެ. މިއީ ކްރޮއޭޝިއާގެ ޕެރިސިޗް އިންޓައަށް ޖަހައިދިން 50 ވަނަ ލަނޑެވެ.

އެކަމަކު މި މެޗުގެ ނަތީޖާ މިލާނުން އަނބުރާލީ ދެވަނަ ހާފުގައި ތިން މިނެޓު ތެރޭ ޖެހި ލަނޑުތަކާއެކުއެވެ. އެގޮތުން މެޗުގެ 75 ވަނަ މިނެޓުގައި އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން ޖިރޫޑް ވަނީ އެ ޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން މިލާނުން ލީޑު ނެގިއިރު، ޑޭވިޑް ކަލާބްރިއާ ދިން ބޯޅައަކުން މި ލަނޑުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖިރޫޑެވެ.

އެކަމަކު މި މެޗު މިލާނުން ނިންމާލާފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ އިތުރު ވަގުތުގައި އެ ޓީމުގެ ތެއޯ ހެނާންޑޭޒަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ރެފުރީ އޭނާއަށް ރަތް ކާޑެއް ދެއްކީ އިންޓަގެ ޑެންޒެލް ޑަމްފްރީސްއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

މި މޮޅާއެކު މިލާނުން ވަނީ ތާވަލުގެ އެއްވަނައިގައި އޮތް އިންޓައާ ޕޮއިންޓަކަށް ގާތަށް ޖެހިލާފައެވެ. އެގޮތުން އިންޓައަށް ކުޅުނު 23 މެޗުން 53 ޕޮއިންޓް ލިބިފައިވާއިރު، މިލާން ދެވަނައިގައި އޮތީ 24 މެޗުން 52 ޕޮއިންޓް ހޯދައިގެންނެވެ.

- ކޮމެންޓް