ކ. މާލެ
|
6 ފެބްރުއަރީ 2022 | އާދީއްތަ 10:59
ޗެލްސީ އާއި ޕްލައިމައުތު ބައްދަލުކުރި މެޗުގެ ތެރެއިން
ޗެލްސީ އާއި ޕްލައިމައުތު ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިނގިރޭސި އެފްއޭ ކަޕް
ފަހަތުން އަރައި މޮޅުވެ ޗެލްސީ އާއި ސިޓީ ފަސްވަނަ ބުރަށް
ސިޓީ މޮޅުވީ ފުލަމް އަތުން 4-1 ގެ ނަތީޖާއަކުން
ޗެލްސީ މޮޅުވީ ޕްލައިމައުތު އަތުން 2-1 ގެ ނަތީޖާއަކުން

އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުތަކުން ފަހަތުން އަރައި މޮޅުވެ، މުބާރާތުގެ ފަސްވަނަ ބުރަށް ޗެލްސީ އާއި މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ އިނގިރޭސި ތިންވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޕްލައިމައުތު އާގައިލާ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ނުކުތުމުގެ ކުރިން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއެކު، އޭނާއަށް މި މެޗުގައި އިރުޝާދުދިނުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. އެއާއެކު ވަރުގަދަ ޓީމަކާ އެކު ނުކުތް ޗެލްސީއަށް މެޗުގެ ކުރީކޮޅު އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނެގީ ޕްލައިމައުތުންނެވެ. މެޗުގެ އަށްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މަކައުލީ ގިލެސްޕީއެވެ.

އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް މޭސަން މައުންޓް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ސެޒާ އަޒްޕިލިކުއޭޓާއެވެ. އެއާއެކު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ވަނީ އިތުރު ވަގުތުގެ ދެ ހާފު ކުޅެފައެވެ.

މި މެޗުން ފަހަތުން އަރައި ޗެލްސީ މޮޅުވީ އެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި ޖެހި ލަނޑާއެކުއެވެ. އެގޮތުން ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކައި ހަވާޓްޒް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާކޯސް އަލޮންސޯއެވެ. އެކަމަކު އިތުރު ވަގުތުގެ ދެވަނަ ހާފުގެ ފަހުކޮޅު ޗެލްސީގެ ޑިފެންޑަރު މަލަންގް ސާ ކުރި ފައުލަކަށް ރެފުރީ ޕެނަލްޓީއެއް ދިން ނަމަވެސް، ޕްލައިމައުތުގެ ރިޔާން ހާޑީ ފޮނުވާލި ޕެނަލްޓީ ޗެލްސީ ކީޕަރު ކެޕާ އަރިއްޒަބަލާގާ ވަނީ ދިފާއުކޮށްފައެވެ.

ސިޓީ އާއި ފުލަމް ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުން ޗެލްސީ މޮޅުވިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން ސިޓީ މޮޅުވީ އިނގިރޭސި ދެވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ފުލަމް އަތުން ފަހަތުން އަރައި 4-1 ގެ ނަތީޖާއަކުންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ ވަރަށް ކުރީކޮޅު ފުލަމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ހަތަރުވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަބިއޯ ކަވާލިއޯއެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ރިޔާދު މާރޭޒް ދިން ބޯޅައަކުން އިލްކާއި ގުންޑޮގާން ވަނީ ލަނޑެއް ޖަހައި، ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި މެޗުގެ 13 ވަނަ މިނެޓުގައި ސިޓީން ލީޑު ނެގިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޯން ސްޓޯންސްއެވެ. މި މެޗުގައި ސިޓީން ލީޑު ފުޅާކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ޖެކް ގްރީލިޝްއަށް ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާރޭޒެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން މާރޭޒް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ.

މި މެޗުތަކުން މޮޅުވެ ޗެލްސީ އާއި ސިޓީ ފަސްވަނަ ބުރަށް ދަތުރުކުރިއިރު، ދާދި ފަހުން ކޯޗުކަމާ ހަވާލުވި ފްރޭންކް ލަމްޕާޑުގެ އިރުޝާދުގެ ދަށުން އެވަޓަނުން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ބްރެންޓްފޯޑް އަތުން 4-1 ގެ ނަތީޖާއަކުން މޮޅުވެ ފަސްވަނަ ބުރުގެ ޖާގައެއް ހޯދާފައެވެ. އަދި 3-1 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށް ފަސްވަނަ ބުރުގެ ޖާގައެއް ޓޮޓެންހަމް ހޮޓްސްޕާއިންވެސް ވަނީ ހޯދާފައެވެ.

- ކޮމެންޓް