އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި ހުކުރު ދުވަހުގެރޭ ކުޅުނު މެޗުން ޕެނަލްޓީ ޖަހައިގެން މިޑްލްސްބްރާ އަތުން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.
ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތުގެ ދެ ހާފުގެ ކުޅުން ނިމުނުއިރު ދެ ޓީމު އޮތީ 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައެވެ. އެހެންކަމުން ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ޕެނަލްޓީގައި މިޑްލްސްބްރާ ކުރިހޯދީ 8-7 ގެ ނަތީޖާއަކުންނެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑެއް ޖަހަން ރަނުގެ ފުރުސަތެއް ލިބުނީ ޔުނައިޓެޑަށެވެ. އެގޮތުން މެޗުގެ 20 ވަނަ މިނެޓުގައި ޔުނައިޓެޑަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ އިތުބާރު ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ޕެނަލްޓީ ދިޔައީ ގޯލާ އަމާޒުނުވެއެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ ޕައުލް ޕޮގްބާއަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު އޭގެ ފަސް މިނެޓު ފަހުން ޔުނައިޓެޑުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭޑަން ސަންޗޯއެވެ. އެކަމަކު މެޗުގެ 64 ވަނަ މިނެޓުގައި މެޓް ކްރޫކްސް ވަނީ މިޑްލްސްބްރާއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑު ޖެހުމުގެ ކުރިން މިޑްލްސްބްރާގެ ޑަންކަން ވަޓްމޯގެ އަތުގައި ބޯޅަ ޖެހުމުން، ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން އެ ލަނޑު ބަލައިނުގަންނާނެ ކަމަށް ބެލެވުނު ނަމަވެސް، ވީއޭއާރުން ވަނީ އެއީ ރަނގަޅު ލަނޑެއް ކަމަށް ނިންމާފައެވެ.
އޭގެ ފަހުން ޔުނައިޓެޑް މޮޅުކޮށްދޭން އެ ޓީމުގެ ބްރޫނޯ ފެނާންޑޭސްއަށް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި މެޗުގެ އިތުރު ވަގުތުގައި ޔުނައިޓެޑުގެ ޒުވާން ފޯވާޑް އެންތަނީ އެލަންގާއަށްވެސް މުޅިން ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ބޮލުން ފޮނުވާލި ބޯޅަ މިޑްލްސްބްރާގެ ގޯލްކީޕަރު ޖޯ ލަމްލީ ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގެ 90 މިނެޓު ހަމަވިއިރު، ދެ ޓީމު އެއްވަރުވެފައި އޮތުމުން އިތުރު ވަގުތުގެ ދެ ހާފު ކުޅުނު ނަމަވެސް، އެ ދެ ހާފުގައިވެސް ދެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ނަތީޖާ ނެރުމަށް ޕެނަލްޓީ ޖެހިއިރު، ދެ ޓީމުން އެކުގައި ފޮނުވާލި ޖުމްލަ 16 ޕެނަލްޓީގެ ތެރެއިން ނާކާމިޔާބުވީ ޔުނައިޓެޑުގެ އެލަންގާ ފޮނުވާލި ޕެނަލްޓީއެވެ.
މި ނަތީޖާއާއެކު މި ސީޒަނުގެ އެފްއޭ ކަޕުން ޔުނައިޓެޑް ކެޓިއިރު، އެ ޓީމު ވަނީ މީގެ ކުރިން މި ސީޒަނުގެ އިނގިރޭސި ލީގު ކަޕުންވެސް ކަޓާފައެވެ. އެގޮތުން ލީގު ކަޕުން ޔުނައިޓެޑް ކެޓީ ތިންވަނަ ބުރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެގެންނެވެ.