ޓީޗަރުންގެ މުސާރަތައް ބޮޑުވުމަކީ ގައުމުގެ ކުރިމަގު އުޖާލާވުމަށް ހުޅުވުނު ދޮރެކެވެ.

މިއަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހުގައި އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު ވަރަށް މުހިއްމު ކަމެއް އިއުލާން ކުރައްވާފައެވެ. ދާދި އަވަހަށް މިއަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުތަނުން އިތުރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ. ގައުމީ ވަރަށް ބޮޑު އަދި މުހިއްމު ނިންމުމެއް ކަމަށް އަޅުގަނޑު ގަބޫލުކުރާ މި ނިންމުން އެމަނިކުފާނު ވަނީ އިއުލާން ކުރައްވާފައެވެ. މިއީ ގައުމަށް މިވަގުތު ވަރަށްވެސް ބޭނުންތެރި ނިންމުމެކެވެ. ގައުމު އާރާސްތުކުރުމުގެ މަސައްކަތަށް އާރޯކަމާއި ތާޒާކަން ގެނައުމަށްޓަކައި ކޮންމެހެންވެސް ބޭނުންވެފައިވާ މުހިއްމު ބަދަލެކެވެ.

ޓީޗަރުންނަކީ ގައުމުގެ ކުރިމަގަށް ޒުވާނުން ތައްޔާރުކޮށް ތަމްރީނު ކުރުމުގެ ބުރަ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން މަސައްކަތްކުރާ މީހުންނެވެ. އެމީހުންނަށް ހައްގު އުޖޫރައެއް ހަމަޖެހިގެން ދިޔުމަކީ ޓީޗަރުންގެ މަސައްކަތާއި ހިތްވަރަށް ލިބިގެންދާނެ ދިރުމެކެވެ. އެކަމާ ދޭތެރޭ ބަހުސްކޮށް ޖަދަލުކުރާކަށް އެއްވެސް ފުރުސަތެެއް ނެތެވެ. ޓީޗަރުންނަށް ހެޔޮގޮތް ވުމަކީ ގައުމަށް ހެޔޮގޮތް ވުމެވެ. ގައުމު އާރާސްތުކުރުމުގައި ޓީޗަރުންގެ ދައުރަށްވުރެ މުހިއްމު އެހެން ދައުރެއް ނުވެސް އޮންނާނެއެވެ. އެހެންވީމާ ރައީސް ސާލިހުގެ ސަރުކާރުން އެ ނިންމި ނިންމުމަކީ މުޅި ގައުމުވެސް މަރުހަބާ ކިޔާ ނިންމުމެކެވެ. ރައީސް ސާލިހަށް ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ.

ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާގެ ޚިދުމަތްތެރިންނަށް މިޒަމާނާ ގުޅޭ އެކަށީގެންވާ ހައްގު އުޖޫރައެއް ނުލިބޭކަމުގެ ޝަކުވާާއަކީ ގައުމުގެ ހުރިހާ ކަންކޮޅުތަކުންވެސް އިވެމުންދާ ޝަކުވާއެކެވެ. އެވާހަކަ ދައްކަނީ ހަމައެކަނި ތައުލީމީ ދާއިރާގައި މަސައްކަތްކުރާ މީހުން އެކަންޏެއް ނޫނެވެ. އެއީ އެހެން ދާއިރާތަކުގެ ވަރަށް ގިނަ ބަޔަކުވެސް ދައްކަމުން އަންނަ ވާހަކައެކެވެ. ކަންބޮޑުވުން ފާޅުކުރަމުން އަންނަ ކަމެކެވެ. މި މައްސަލަޔަށް ހައްލެއް ނުލިބި އެތައް އަހަރުތަކެއް ފާއިތުވީފަހުން މި ސަރުކާރުން މި މައްސަލަޔަށް ހައްލު ހޯދައިދިނުމަށް އިސްވުމަކީ ވައުދުތައް ފުއްދުމުގައި ހާލަތަކަށް ވަގުތަކަށް ނުބަލައި ކަންކަން ކޮށްދިނުމުގެ ރޫހު މިސަރުކާރުގައި ހުރިކަން ހާމަވެގެންދާ ކަމެކެވެ.

މިއީ ކޮވިޑުގެ ޒަމާނެވެ. ގައުމުގެ އިގްތިސާދު ވަޅުޖެހި ހީނަރުވެފައިވާ ޒަމާނެވެ. ދައުލަތަށް ވަންނަ އާމްދަނީ ބޮޑުތަނުން ދަށްވެފައިވާ ޒަމާނެވެ. މިފަދަ ޒަމާނެއްގައި ޓީޗަރުންގެ މުސާރަ ފަންސާސް އިންސައްތަޔާއި ފަސްދޮޅަސް އިންސައްތަޔާއި ދެމެދުގެ އަދަދަކުން ބޮޑުވެގެން ދިޔުމަކީ ދައުލަތުގެ ބަޖެޓަށް ނުހަނު ބާރު ބޮޑުވެގެންދާނޭ ކަމެކެވެ. އެކަން މިވަގުތަށް ފަސްކޮށްލުމަށް ސަރުކާރަށް ދެއްކޭނޭ ހުއްޖަތުވެސް ގިނަގުނައެވެ. އެހެންނަމަވެސް ބަހަނާ ދެއްކުމާއި ހުއްޖަތު ދެއްކުމުގައި ނުތިބެ މިއަހަރުގެ ތެރޭގައި ޓީޗަރުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން ނިންމި ނިންމުމަކީ ހިތްވަރުގަދަ ނިންމުމެކެވެ. ކެރުމާއި ހިކުމަތްތެރިކަމުގެ ނިންމުމެކެވެ. ރައީސް ސާލިހަށް ޝުކުރު ހައްގުވަނީ އެހެންވެގެންނެވެ.

ތައުލީމީ ދާއިރާގެ ޚިދުމަތްތެރީންނަށް އުޖޫރަ ދިނުމުގައި ހެޔޮބަދަލެއް ފެނިގެން، ނުވަތަ ހެޔޮ ބަދަލެއްގެ އުފާވެރި ޚަބަރު ލިބިގެން އެވާހަކަ މިއަދު ދައްކާއިރު މިރާއްޖޭގައި މިކަން ހިނގަމުން އަންނަ ގޮތުގެ ތާރީޚަށް މަތިމަތިން ނަމަވެސް ބަލައިލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކެމެވެ. މީގެ ހަތަރުސަތޭކައެއްހައި އަހަރު ކުރިން އުތީމު ވަންހައިގެ އިސްކަންދަރު ރަސްގެފާނުގެ އަމުރުފުޅަށް ދައުލަތުން އުޖޫރަ ދެއްވާގޮތަށް މުދައްރިސުންތަކެއް އެކަށައަޅުއްވައި މާލޭގެ ހުކުރު މިސްކިތަކީ ދައުލަތުގެ ފުރަތަމަ މަދަރުސާކަމަށް ހެއްދެވި ހިސާބުން ފެށިގެން މިކަމުގެ ތާރީޚެއް ފެންނާން އެބައޮތެވެ.

ހަމައެހެންމެ މަދުރަސަތުއް ސަނިއްޔާގެ ނަމުގައި މީގެ 90 ވަރަކަށް އަހަރު ކުރިން ނިޒާމީ ތައުލީމުގެ ފުރަތަމަ މަދަރުސާގެ ބިންގާ ދައުލަތުން އެޅުމަށްފަހު މިކަންކަން މިޒަމާނުގައި ހިނގަމުން އަންނަ ގޮތުގެ ތާރީޚުވެސް ކަޅާއި ހުދުން ފެންނާން އެބައޮތެވެ. މިކަންކަމަށް ރިއާޔަތްކުރީމާ ބުނެވެން އޮތީ އެކިއެކި ދައުރުގައި މިކަމަށް އިސްކަންދިނުން ހުރީ އެކި މިންވަރަށް ކަމުގައެވެ. ތައުލީމަކީ ބަައެއް ރަސްރަސްކަލުން ވަރަށް ބޮޑަށް އިސްކަން ދެއްވި ކަމެކެވެ. ޚަރަދު ކުރެއްވި ކަމެކެވެ. އަނެއްބައި ރަސްރަސްކަލުންނަށް އެކަން މުހިއްމެއް ނުވިއެވެ. މިޒަމާނުގައިވެސް މިކަން އޮންނަނީ މިހެންނެވެ. ބައެއް ސަރުކާރުތަކަށް މިކަން ވަރަށް މުހިއްމެވެ. އަނެއްބަޔަކަށް މުހިއްމެއް ނޫނެވެ.

މިޒަމާނުގައިވެސް ބައެއް ސަރުކާރުތަކަށް މިކަން މުހިއްމެއް ނޫނޭ މިދެންނެވި ސަބަބަކީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޚިދުމަތްތެރިންގެ މުސާރަތައް ކުޑައޭ ބުނެ މުޅި ގައުމުގައި އެއަޑު އެއްއަޑެއްގެ ގޮތުގައި ގުގުމައިގެންދާއިރުވެސް މިއަދާއި ހަމަޔަށް އެކަން ހައްލުކޮށްދެވިފައި ނެތުމުންނެވެ. ރައީސް މައުމޫނުގެ ވެރިކަމުގެ ކުރީކޮޅު ޑރ މުހައްމަދު ޒާހިރު ހުސައިނުގެ އެޑިއުކޭޝަން މިނިސްޓަރުކަމުގެ ދައުރުގައި ތައުލީމީ ދާއިރާގެ ޚިދުމަތްތެރިންގެ އަގު ވަޒަންކުރިއެވެ. އޭރަށް ބަލާއިރު ބޮޑު އުޖޫރައެއްވެސް ދިނެވެ. އެ ދައުރަށްފަހު އަނެއްކާވެސް ސިޔާސަތު ބަދަލުވީއެވެ. އެހެން ދާއިރާތަކުގައި މަސައްކަތްކުރާ މީހުންގެ އުޖޫރަތައް ބޮޑުވަމުން ދިޔައިރުވެސް ތިބި ހިސާބުގައި ތިބެން ޓީޗަރުންނަށް މަޖުބޫރުވީއެވެ.

0%
100%
0%
0%
0%
0%
5 ފެބްރުއަރީ 2022 | ހޮނިހިރު 13:08
ހަސަންދީ
ޓީޗަރުންގެ މުސާރަ ބޮޑުވުމަކީ އިޤުތިސާދައް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް