Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 19:53
ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އާއި މިނިސްޓަރ އާސިމް
ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ އާއި މިނިސްޓަރ އާސިމް
ރައީސް އޮފީސް
ލަންކާ ފްލަޑް
ރައީސްގެ ޚާއްޞަ މަންދޫބު، ސްރީލަންކާގެ ރައީސްގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފި
ފާއިތުވި ސާދަ އަހަރުތެރޭ ލަންކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފެންބޮޑުވުން
ވާރެވެހުމުގެ ސަބަބުން އޭގެ އަސަރު ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވޭ

ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙައްމަދު ޢާޞިމް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާގެ އަރިހަށް  އިހުތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

 

މި ބައްދަލުކުރެއްވުމުގައި، ސްރީލަންކާއަށް ކުރަމުންދާ ވިއްސާރައިގައި އެޤައުމުގެ އެކި ސަރަޙައްދުތަކުގައި ފެންބޮޑުވެ، ބައެއް ހިސާބުތަކުގައި ބިންގަނޑު ކަނޑައިގެންދިޔުމުގެ ހާދިސާއާ ގުޅިގެން، ދިވެހި ސަރުކާރާއި، ރައްޔިތުންގެ ފަރާތުން، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބު ތައުޒިޔާ އާއި ހަމްދަރުދީ ވިދާޅުވިއެވެ. އަދި، މި ހާދިސާގައި ގެއްލުންވި ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އެޅުއްވި އަވަސް ފިޔަވަޅަށް ތައުރީފު ކުރައްވައި، މި ހިތާމަވެރި ހާދިސާގެ ސަބަބުން ކުރިމަތިވެފައިވާ ގެއްލުންތަކުން އަރައިގަތުމަށް ސްރީލަންކާގައި ކުރަމުންދާ މަސައްކަތްތަކަށް އިތުރު ކާމިޔާބީއަށް އުއްމީދު ކުރައްވާ ކަމުގައި ފޮރިން މިނިސްޓަރ ވިދާޅުވިއެވެ.

 

މި ބައްދަލު ކޮށްލެއްވުމުގައި ސްރީލަންކާގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ސްރީލަންކާއަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ދިވެހި ސަރުކާރުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިން ކަމަށްޓަކައި ޝުކުރު އަދާ ކުރެއްވިއެވެ. އަދި ރާއްޖެ އާއި ސްރީލަންކާއާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުމުގެ މައްޗަށް ބައްލަވައިލައްވަމުން، މި ގުޅުން އިތުރަށް ވަރުގަދަ ކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން ސްރީލަންކާގެ ރައީސާއި، ރައީސުލްޖުމްހޫރިއްޔާގެ މަންދޫބު މަޝްވަރާ ކުރެއްވިއެވެ.

 

ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 194 އަށް އަރާފައި ވެއެވެ.

 

މިއީ ފާއިތުވި ސާދަ އަހަރުތެރޭ ލަންކާ އަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ފެންބޮޑުވުން ކުރިމަތިވެފައިވާ އިރު، މަރުވެފައިވާ މީހުންގެ އަދަދު އިތުރު  ވާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

 

ބޯކޮށް ވާރެވެހުމުގެ ސަބަބުން އޭގެ އަސަރު ބައި މިލިއަނަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައު އިން ދަނީ ލަންކާ އަށް އެހީ ވަމުންނެވެ. އެގޮތުން އިންޑިއާއިން ވަނީ އެގައުމުގެ އަސްކަރީ މަނަވަރު އައިއެންއެސް ކިރިޗް މެދުވެރިކޮށް ކާބޯތަކެއްޗާއި، ބޭހާއި، އެނޫނަސް ޒަރޫރީ އެހީތެެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ހޮނިހިރު ދުވަހުން ފެށިގެން ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 17 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް