ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދަށް ތާއީދު ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކޮމަންޑޫއަށް ވަޑައިގެންފިއެވެ.
ދެ ރައީސުން ކޮމަންޑޫ އަށް ވަޑައިގަންނަވާފައި މިވަނީ ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މިއަހަރަށް ހުޅުވުމަށް އޮތް ޖަލްސާއަށް ފަހުއެވެ. ކެމްޕެއިނަށް ކޮމަންޑޫއަށް ވަޑައިގަތުމަށްފަހު އެ ދާއިރާގައި ހިމެނޭ މަރޮއްޓާއި ފޯކައިދޫއަށް ވެސް ދެ ބޭފުޅުން އެކުގައިވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވެއެވެ. މިއިން ކޮންމެ ރަށެއްގައިވެސް ދެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.
މީގެކުރިން ފޯކައިދޫގައި ކެމްޕެއިން ޖަލްސާ ބޭއްވުމަށް ދެ ރައީސުން ފޯކައިދޫއަށް ވަޑައިގަތުމަށް ހަމަޖެހުނެވެ. ނަމަވެސް ފުރުމުގެ ކުރިން ހެއްދެވި ޕީސީއާރު ޓެސްޓުން ރައީސް ސާލިހު ކޮވިޑަށް ޕޮޒިޓިވްވެވަޑައިގަތުމުން އެދަތުރުފުޅުގައި ރައީސް ސާލިހު ބައިވެރިވެ ވަޑައިގެންފައެއްނުވެއެވެ.
ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އޮންނާނީ ފެބްރުއަރީ 5 ވާ ހޮނިހިރު ދުވަހުއެވެ.
އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުން މިހާރު ވެސް ކޮމަންޑޫ ދާއިރާގައި ތިއްބެވިއިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީން ވެސް ތާއީދުކުރަނީ އެމްޑީޕީގެ ކެންޑިޑޭޓަށެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ހިމެނޭ ގޮތަށް, އެ ޕާޓީގެ ވަފުދެއް އަންނަނީ އެ ދާއިރާގައި ހަރަކާތްތެރިވަމުންނެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ހުންނެވީ ކެމްޕޭންގައި މަރޮށީގައެވެ.
ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވީއެ މަގާމު ފުރުއްވަމުން ގެންދެވި އެމްޑީޕީގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުންނެވެ. މި ގޮނޑިއަށް ދެން ވާދަކުރަނީ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން އަބްދުލް ހަންނާން އިދުރީސްއެވެ.