މިއަދު (02-02-22)އަކީ ބައިނަލް އަގުވާމީގޮތުން ފާހަގަކުރާ ކުޅި، ފާ, އަދި ޗަސްބިމުގެ ދުވަސް ނުވަތަ އިންޓަރނޭޝަނަލް ވެޓްލޭންޑް ޑޭއެވެ. މިއަދުގެ ޝިއާރުކަމުގައިވާ "ވެޓްލޭންޑްސް އެކްޝަން ފޯރ ޕީޕަލް އެންޑް ނޭޗަރ"އިން ބުނެދެނީ ކުޅި، ފާ, އަދި ޗަސްބިމުގެ މާހައުލުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އެންމެން ގުޅިގެން ކުރަންޖެހިފައިވާ މަސައްކަތުގެ ވާހަކައެވެ.
ރާއްޖެއަކީ ކުދި ޖަޒީރާ ގައުމަކަށް ވިޔަސް ރާއްޖޭގެ އުތުރާއި ދެކުނުގެ ރަށްތަކުގައި ބޮޑެތި ކުޅި، ފާ އަދި ޗަސްބިންތައް އެބަހުއްޓެވެ. އެގޮތުން ރާއްޖޭގެ 150 ރަށަކުން މިފަދަ ސަރަހައްދުތައް ރެކޯޑްކުރެވިފައިވެއެވެ. މިފަދަ ސަރަހައްދުތައް ބައެއް ރަށްރަށުގައި ހުންނަނީ މޫދާ ގުޅިފައެވެ. އަދި ބައެއް ރަށްރަށުގައި މީރުފެން އެކުލެވޭ ގޮތަށް ބެދި ފައިހުންނަ ފެންގަނޑުތައް ނުވަތަ ކުޅިއެއް ވަށައިގެން ޗަސްބިން އެކުލެވޭ ގޮތަށް ހުރެއެވެ. މިފަދަ ސަރަހައްދުތަކުގައި ހެދޭ ގަސްގަހާގެއްސަށް "ފާ"ގެ ބާވަތުން ނަންދެވިފައިވެއެވެ. މީގެ ތެރޭގައި ކަނޑޫފާ، ރަނޑޫފާ، ކުއްޅަވައްފާ ފަދަ "މެންގްރޫވްސް"ގެ ބާވަތްތައް ހިމެނެއެވެ.
ކުޅި, ފާ އަދި ޗަސްބިން ފަދަ ތަންތަނަކީ އަގުހުރި, އަދި ދިރިއުޅުން ލުއިފަސޭހަ ކޮށްދޭ ވަސީލަތެކެވެ. މިފަދަ ސަރަހައްދުތައް ހުރި ރަށްރަށުގެ މީހުންގެ ދިރިއުޅުމާވެސް އެސަރަހައްދުތައް ވަނީ ބޮޑަށް ގުޅިލާމެހިފައެވެ. މިފަދަ މާހައުލުތައް މުސްތަގްބަލުގެ ޖީލަށް ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް ބަލަހައްޓަން ޖެހެއެވެ.
މިފަދަ ސަރަހައްދުތަކާ ބެހޭގޮތުން މަތީ ތައުލީމު ހާސިލްކޮށް، މިދާއިރާއިން ދިރާސާކޮށް، ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލު ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތްކުރުމުގައި އުޅޭ ފަރާތްތައް އަޅުގަނޑުމެންގެ ތެރޭގައި ވެސް އެބަތިއްބެވެ.
ފަރާ: ޒުވާން އުމުރު ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލު ހިމާޔަތްކުރުމުގައި
މާމެލާމެއްޔާއި ގަސްގަހާގެހި އުފެދެމުންދާ ގޮތަށް އޭނާ ފާރަވެރިވެއެވެ. ގޭގައި ހައްދާފައިވާ މާ ބަގީޗާއިން މަލެއް ފޮޅޭނެ އިރަކަށް އިންތިޒާރު ކުރެއެވެ. ޚާއްސަކޮށް ފިނިފެންމާ ގަހުން މަލެއް ފޮޅޭނެ އިރަކަށެވެ. ފޮޅެމުންދާ މާތަކަށް ކޮކާލާއި މާބުރާއި ސޫފާސޫފި އަންނަނީ ކީއްވެތޯ ބަލާ ހޯދައެވެ. ކުޑައިރު މާމައާއެކު ޗަސްބިން ސަރަހައްދުގައިވާ އަލައޮޅަށް އަލަ ކަނޑަން ގޮސް، ދެ އޮޅު ދޭތެރޭގައި ހިނގަން ހަދާފައިވާ ފޫޓެއް ވަރުގެ ހަނިމަގުތަކުންނާއި ހައު ގަސްތަކުގެ ތެރޭގައި ދުވެހަދައެވެ. އެސަރަހައްދުގައި އުޅޭ ވާލާއި ކުކުޅާއި، ގުދުރަތީ ވެއްޓާއި އަދި ދިރޭތަކެތީގެ ނަސްލަށް ޝައުގުވެރިކަން އުފެދުނީ، އެ ސަރަހައްދުގެ ގުދުރަތީ މުއްސަނދިކަން ފެނިފައެވެ. ކުޑައިރުއްސުރެ ވެއްޓަށް ޖެހިފައިވާ ލޯބީގެ ސަބަބުން މިއަދު އެޒުވާނާ ދަނީ ވެށި ހިމާޔަތް ކުރުމުގެ މަސައްކަތުގައި ހޭބޯނާރާ މަސައްކަތް ކުރަމުންނެއެވެ.
މިއީ އައްޑޫ ފޭދޫއަށް އުފަން އައިޝަތު ފަރުހަތު އަލީ (ފަރާ)ގެ ވާހަކައެވެ.
އިނގިރޭސިވިލާތުން އެންވަޔަރަމަންޓަލް ސައެންސްގެ ދާއިރާއިން މާސްޓަރސް ހާސިލްކޮށްފައިވާ, އަދި އެދާއިރާގައި 20 އަހަރު ހޭދަކޮށްފައިވާ ފަރާ މިހާރު ދަނީ ރާއްޖެ ކަހަލަ ކުދި ޖަޒީރާ ގައުމުގުތަކުގެ ކުޅި، ފާ އަދި ޗަސް ބިމުގެ މާހައުލުތަކާ ގުޅޭގޮތުން ޕީއެޗްޑީއަށް ކިޔަވަމުންނެވެ.
ވެށީގެ ދިރުންތައް ހިމާޔަތް ކުރުމަށް 2002 ވަނަ އަހަރު ފެށި މަސައްކަތުގެ ދަށުން ފަރާ ގިނަގުނަ މަސައްކަތްތަކެއް މިއަދާ ހަމައަށް ވަނީ ކޮށްފައެވެ. އެގޮތުން އެންމެ ޚާއްސަ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެނީ އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކު ގާއިމް ކުރުމުގެ މަސައްކަތުގައި ވެޓްލޭންޑް ކޯޑިނޭޓަރަކަށް ހުރެ ކުރި މަސައްކަތާއި މިހާރު ރާއްޖޭގެ ކަނޑޫފާތަކަށް ކުރިމަތިވެފައިވާ ކަނޑޫފާ މަރުވުމުގެ މައްސަލަ ދިރާސާކުރުމުގައި އިސްކޮށް ހަރަކާތްތެރިވެ ކުރަމުން އަންނަ މަސައްކަތެވެ.
މި މަސައްކަތްތަކާ ބެހޭގޮތުން ރާއްޖެއެމްވީއަށް ފަރާ ބުނީ, ފުވައްމުލަކު ދަޑިމަކި ކިޅިއާއި ބަންޑާރަ ކިޅިއާއި އައްޑޫ ހިތަދޫގެ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދަކީ އޭރުވެސް ތިމާވެށީގެ ގާނޫނުގެ ދަށުން ހިމާޔަތްކުރެވިފައިވާ، ދެ ސިޓީގެ ރައްޔިތުންވެސް ދަންނަ ސަރަހައްދުތަކެއް ކަމަށެވެ. ނަމަވެސް ނޭޗަރ ޕާކް ޕްރޮޖެކްޓްގެ ކުރިން މި ސަރަހައްދުތަކަށް އާންމުންނަށް އެހާ ފަސޭހައިން ދެވޭނެގޮތެއް ނޯވެއެވެ. ބިޔަ, ބޯ ގަސްތަކުން ވާހެދި، ގިނަ މީހުންނަށް މިސަރަހައްދުތަކުގެ ގުދުރަތީ މުއްސަނދިކަމުން ހިތްހަމަޖެހުން ފަސޭހައިން ހޯދޭނެގޮތެއް ނޯވެއެވެ. ނޭޗަރ ޕާކު އިކޯ ޓޫރިޒަމް ކޮންސެޕްޓް އެކުލަވާލަން ފުރުސަތު ލިބި، އެސަރަހައްދުތައް ތަރައްގީ ކޮށްފައިވަނީ ޒިޔާރަތްކުރާ ފަރާތްތަކަށް ފަސޭހައިން ވަދެވޭގޮތަށް ފާލަންތައް އަޅައި، ހިތްގައިމު ފޮޓޯތައް ނެގޭނެ ކަހަލަ ވިއުޕޮއިންޓްތައް ހިމަނައިގެންނެވެ.
ފަރާ ބުނާގޮތުގައި އައްޑޫ ނޭޗަރ ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދެވޭ ގައިޑެޑް ޓުއަރގައި ކިޔައިދެނީ ވާހަކައެކެވެ. ތަމްރީނު ކުރެވިފައިވާ ނޭޗަރ ޕާކްގެ ރޭންޖަރސް އަދި ގައިޑުން ކިޔައިދޭ އެސަރަހައްދުގެ ގުދުރަތީ މާހައުލުތަކުގެ ވާހަކައާއި, އެސަރަހައްދުގެ ތާރީޚުގެ ވާހަކައިން ޒިޔާރަތްކުރާ ފަރާތްތަކުގެ ޝައުގުވެރިކަން ދަމައިގަނެއެވެ. މިދެ ނޭޗަރ ޕާކް ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މެދުގައި މަގުބޫލު އަދި ރައްޔިތުންނާ ގުދުރަތީ ވެއްޓާ އޮތް ގުޅުން ބަދަހިކޮށްދިން ތަނަކަށެވެ. ނޭޗަރ ޕާކު ތަރައްގީ ކުރުމުގެ މަސައްކަތުގައި އެންމެ ބޮޑު ގޮންޖެހުމަކަށްވީ ވެއްޓަށް ގެއްލުންނުވާނެ ގޮތަށް އެތަނުގެ ފާލަންތައް އެޅުން ކަމަށް ވެސް ފަރާ ފާހަގަކުރިއެވެ.
މި މަސައްކަތުގައި ވަރަށް ބޮޑަށް ދަތިވި، ކުޅިފާ ޗަސް ބިމަކީ ހިމާޔަތްކޮށްފައިވާ ސަރަހައްދަކަށްވާތީ އުމްރާނީ ބައިތައް ގެންދަން. ދޫނިތަކާއި މާހައުލަށް ގެއްލުނުވާ ގޮތަށް މަސައްކަތް ކުރިއަށްގެންދަން އުދަނގޫވި. ވެއްޓަށް ގެއްލުން ނުވާ ގޮތަށް ހުރިހާ މަސައްކަތްތައް ވެސް ކޮށްފައި ހުރީ.އައިޝަތު ފަރުހަތު އަލީ
މިއަދު އައްޑޫއާއި ފުވައްމުލައް ސިޓީގެ ނޭޗަރ ޕާކަކީ މުޅި ރާއްޖެއަށް ވެސް މަގުބޫލު މަންޒިލެކެވެ.
ފަރާ ފާހަގަކުރާ ގޮތުގައި ނޭޗަރ ޕާކުގެ ކޮންސެޕްޓަށް މިއަދު ރާއްޖޭގެ އެކިކަންކޮޅުތަކުގައި އާއްމު ރައްޔިތުން ނުކުމެ އެފަދަ ޗަސްބިންތަކާއި، ކުޅިތައް ހިމާޔަތް ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އަދި އެ ކޮންސެޕްޓަށް ސަރަހައްދުތައް ތަރައްގީ ކުރުމަކީ މިއަދު ލިބޭ އެންމެ ބޮޑު ކުރިއެރުން ކަމަށް ވެސް އޭނާ ދެކެއެވެ.
މިއަދު ނޭޗަރ ޕާކުން ހިތްހަމަ ޖެހުމުގެ އިތުރަށް އިގުތިސާދީ ފައިދާވެސް ލިބިގެންދެއެވެ. ފީއެއް ދައްކައިގެން ޕާކަށް ވަދެވޭއިރު، ލިބޭ އާމްދަނީ ޖަމާވަނީ ޓްރަސްޓް ފަންޑަށެވެ. ޓްރަސްޓް ފަންޑުގެ 50 އިންސައްތަ ބޭނުން ކުރަނީ ތަން ބެލެހެއްޓުމަށެވެ. އަދި ވަކި ވަރަކަށް ފައިސާ ޖަމާވުމުން އެފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ ހިންގާ ކުދި ޕްރޮޖެކްޓްތަކަށެވެ.
ފަރާ ފާހަގަކުރާ ގޮތުގައި ކުޅި, ފާ އަދި ޗަސްބިން ސަރަހައްދުތަކުގައި ގާއިމްކުރެވޭ ފާލަންތަކާއި ބޯޑުވޯކް ތަކަކީ މަރާމާތާއި އާބާތުރަ ފިލުވުން ބޭނުންވާ ތަންތަނަށްވާތީ މިފަދަ ސަރަހައްދުތައް ބެލެހެއްޓުމަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް ބޭނުންވެއެވެ. އެހެންކަމުން ރާއްޖޭގައި ގާއިމުކުރެވޭ ނޭޗަރ ޕާކުތައް ދަމަހައްޓައި މިތަންތަނުގެ ފައިދާ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ލިއްބައިދިނުމަށް "ސަސްޓެއިނަބަލް ފައިނޭންސިންގ" ނުހަނު މުހިންމެވެ.
ފަރާ އިސްވެ ހުރެގެން، އެންވަޔަރަންޓް މިނިސްޓްރީގެ ފަރާތުން ވުޖޫދަށް ގެނައި ނޭޗަރ ޕާކުތަކަކީ އައްޑޫއާއި ފުވައްމުލައް ސިޓީގެ ތަރައްގީއާ ގުޅިލާމެހިފައިވާ ޕާކުތަކެވެ. ފަރާ ބުނީ ނޭޗަރ ޕާކުތަކާއެކު ރާއްޖޭގެ އެންމެ ދެކުނުގެ ސިޓީ ތަކުގައި ތިމާވެށި ހިމާޔަތްކުރުމުގައި ދެމިތިބޭނެ އިންސާނީ ވަސީލަތްވެސް ތަރައްގީ ކުރެވިގެން ދިޔަކަމަށެވެ. އެގޮތުން މި ދެ ޕާކުގައި މަސައްކަތްކުރާނެ މުވައްޒަފުން ބިނާކުރެވި، ބޭނުންވާ ތަމްރީނު ފޯރުކޮށްދީ، ނޭޗަރ ޕާކު ބެލެހެއްޓުމުގައި ރޭންޖަރސްގެ ގޮތުގައާއި ޕާކް ވާރޑަންސްގެ ގޮތުގައި ހަރަކާތްތެރި ވަމުންދާ ކަމަށެވެ. ފަރާ ދެކޭގޮތުގައި ނޭޗަރ ޕާކުގެ ފާލަމެއް ބަޖެޓްގެ ދަތިކަމާ ހެދި މަރާމާތު ނުވެ ހަލާކުވެ ދިޔަޔަސް، ނޭޗަރ ޕާކު ޕްރޮޖެކްޓުން އުފެއްދި ވެށީގެ ޖީލު ފޮހެވިގެން ނުދާނެއެވެ.
ފަރާ ބުނާ ގޮތުގައި ރާއްޖޭގެ އުތުރުގައިވާ އެންމެބޮޑެތި ކަނޑޫފާތަކުން ގިނަ އަދަދަކަށް ގަސްތައް ގޮތްނޭނގޭ ގޮތަކަށް މަރުވަމުން ދިއުމާ ގުޅިގެން، އެގަސްތައް މަރުވަމުންދާ ސަބަބު ހޯދުމަށް، ކުރި މަސައްކަތުގެ ސަބަބުން އެދިރާސާ އިތުރަށް ފުޅާކޮށް ޕީއެޗްޑީއަށް ކިޔެވުމަށް ސްކޯލަރޝިޕެއްގެ ފުރުސަތު ލިބިގެންދިޔައެވެ.
ކަނޑޫފަލަށް ދިމާވި މިމައްސަލައަކީ އެއް ދުވަސް ނުވަތަ އެއް މޫސުމުގެ ދިރާސާއިން ނަތީޖާ ލިބޭނެ ކަމެއް ނޫންކަން ފާހަގަކޮށް ފަރާ ބުނީ, މިކަހަލަ "މެންގްރޫވް ޑައި އޮފް ފިނޯމިނަމް"އެއްގެ އެންމެ ފުރިހަމަ މައުލޫމާތު ދެނެގަތުމަށް ތިން މޫސުމުގެ ޑޭޓާ ބޭނުންވާނެ ކަމަށެވެ. އެގޮތުން އިރުވައި މޫސުމުގައި ނުވަތަ ވާރޭ ނުވެހޭ ހޫނު މޫސުމާއި، ދެ މޫސުން ބެދޭ ދުވަސްވަރާއި އަދި ވާރޭ ވެހޭ މޫސުމުގެ ޑޭޓާ ބޭނުންވާކަމަށެވެ.
ރާއްޖޭގެ ފާ ނުވަތަ ޗަސްބިމުގެ މާހައުލުތައް މިވަނީ ވަރަށްބޮޑަށް "ސްޓްރެސް" ވެފައި. މީގެ ތެރޭގައި ބިން ބޭނުން ކުރުމަށް އައި ބަދަލުތަކުގެ ސަބަބުންނާއި ގޮނޑުދޮށްތަކަށް އައި ބަދަލުތަކުގެ ސަބަބުން ކުޅިފާތަކުގެ ފެންދައުރުވުމާއި އަދި ކިސަޑު ލެވެލް ވަނީ ވަރަށް ބޮޑަށް އިތުރުވެފައި. ބައެއް ކުޅިތަކުގެ ފެން ދައުރުވުން ވަނީ އެއްކޮށް ބްލޮކް ވެފައި. ބައެއް ކުޅިތައް ވަނީ ކިސަޑުން ފުރިފައި. ދުނިޔޭގެ ހުރިހާ ތަނެއްގައިވެސް މިފަދަ މާހައުލުތަކަކީ ވަކި ނިޒާމެއްގެ ދަށުން ބަލަހައްޓަމުންދާ ތަންތަން. ޚުދު އަޅުގަނޑުމެންގެ ކާބަފައިންވެސް ވަނީ މިކަންކޮށްފައި. މިގޮތުން ވަކި މޫސުން ތަކުގައި ކުޅީގެ ފެންގަނޑު ދައުރުވާގޮތަށް ހަދައި ކުޅީގައި އިތުރަށް ހުންނަ ކިސަޑު ވަނީ ނަގާފައި.އައިޝަތު ފަރުހަތު އަލީ
ފަރާ ދެކޭގޮތުގައި ރާއްޖޭގެ ކުޅި، ފާ ތަކުގެ މާހައުލަކީ ވެސް ބަލަހައްޓަން ޖެހޭ ތަންތަނެވެ. މިކަމަށް ބޭނުންވަނީ މުޖުތަމައުގެ އެއްބާރުލުމާއި އެކަމަށް ބޭނުންވާނެ އިންސާނީ ވަސީލަތްތަކާއި މާލީ ވަސީލަތެވެ.
ރާއްޖޭގެ ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތަކާ ބެހޭގޮތުން ބޭނުންވާ ދިރާސާތައް، ކޮމިއުނިޓީގެ ބައިވެރިވުމާއެކު ކުރުމަށާއި، ރަށްރަށުގައިހުރި މިފަދަ މާހައުލުތައް ބެލެހެއްޓުމަށް ބޭނުންވާ ޕްލޭންތައް ހެދުމަށް އެހީތެރިވުމަށް "މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން"ގެ ކޯފައުންޑަރއެއްގެ ހައިސިއްޔަތުން ވެސް ފަރާ ދަނީ މަސައްކަތްކުރަމުންނެވެ.
ފަރާ ބުނީ "މޯލްޑިވްސް ވެޓްލޭންޑްސް ފައުންޑޭޝަން"ގެ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ބޭނުންވާ ފަންނީ ލަފަޔާއި އިރުޝާދު ހިލޭ ސާބަހަށް އެޖަމްއިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ.
ކުދި ޖަޒީރާ ގައުމަކާ ބަލާއިރު ރާއްޖޭގައި އެބަހުރި ކުޅި، ފާ، ޗަސް ބިމުގެ މާހައުލުތަކުގެ ވަރަށް އަގުހުރި ތަންތަން. މިސާލަކަށް އަޅުގަނޑުމެން ވަރަށް ފަހުން ށ. މަޑިދޫއަށް ކުރި ދަތުރެއްގައި ފެނުނު ދުނިޔޭން ވަރަށް މަދުވެފައިވާ މެންގްރޫވްސްގެ ބާވަތެއް ކަމުގައިވާ ކެލަވަކި ގަހުގެ ވަރަށް ދުވަސްވީ ބިޔަ ގަހެއް. ފަހަރުގައި މިއީ މިބާވަތުގެ ދުނިޔޭގައިވެސް މިހާރު ހުރި އެންމެ ދުވަސްވީ ގަހަށްވެސް ވެދާނެ. ދިރާސާކުރަން އައި ސައިންޓިސްޓުންގެ ޓީމުންދިޔައީ މިގަހުގެ ފަތާއި ތޮއްޓާއި މުލުގެ ސާމްޕަލްތައް އިތުރު ތަހުލީލަށް ހިފައިގެން. އަޅުގަނޑުމެން ދިވެހިން އެބަޖެހޭ މިފަދަ މުހިންމު މާހައުލުތައް ރައްކާތެރިކޮށް، މިފަދަ މާހައުލުތަކާބެހޭ ހޭލުންތެރިކަން އިތުރުކޮށް، މިމާހައުލުތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދޭން.އައިޝަތު ފަރުހަތު އަލީ
ފަރާ ގަބޫލުކުރާ ގޮތުގައި ކުރިން މި މުޖުތަމައު ދެކެނީ ކުޅި އަދި ފާ ތަކަކީ ބޭކާރު ވަސީލަތްތަކެއްގެ ގޮތުގައެވެ. ނަމަވެސް އައްޑޫއާއި ފުވައްމުލަކު ނޭޗަރ ޕާކުތަކުން މިފަދަ މާހައުލުތަކުގެ އިކޯޓޫރިޒަމް ކޮންސެޕްޓް ތައާރަފުކުރެވި، ކެނދިކުޅުދޫ، ކުމުންދޫ އަދި ލަންދޫފަދަ ރަށްރަށުގެ ޒުވާނުންނާއި ކައުންސިލުން މިފަދަ މާހައުލުތައް ރައްކާތެރިކޮށް ބަލަހައްޓައި ދެމެހެއްޓުމުން ރަށަށް ފައިދާ ލިބޭކަން ވަނީ ސާބިތުކޮށްދީފައި ކަމަށް ފަރާ ގަބޫލުކުރެއެވެ.
ރަށްރަށް ތަރައްގީވެ ބިމުގެ ޑިމާންޑް ބޮޑުވެގެން ދާއިރު، ރަށުގައި ހިމެނޭ ކުޅި، ފާ، ޗަސްބިން ފަދަ ތަންތަން ހިއްކުމަށް މަގުފަހިވޭ. އެފަދަ ތަންތަން ނައްތާލެވި އިމާރާތްތައް ކުރެވިގެންދޭ. ނަމަވެސް ކުޅި، ފާ، ޗަސްބިންތަކަކީ ބޭކާރު ތަންތަނެއް ނޫން. މިސާލަކަށް މިފަދަ ތަންތަނުގެ ސަބަބުން އުދައެރުމާ ސުނާމީފަދަ ކާރިސާ ތަކުން ލިބޭ ގެއްލުން ކުޑަކޮށްދޭ. އަދި ފެންބޮޑުވުންފަދަ ހާދިސާ ތަކުންވެސް ރައްކާތެރިކަން ލިބިގެންދޭ. މީގެ އިތުރުންވެސް ޗަސްބިންތަކުގައި ހުންނަ ގަސްގަހާގެހީގެ ސަބަބުން ފެނުގެ ކޮލިޓީ އެކަށީގެންވާ މިންވަރެއްގައި ހިފަހައްޓައިދޭ. އެހެންވީމާ ރަށްރަށް ތަރައްގީވެ ފުޅާ ވެގެންދާއިރު ޗަސްބިންފަދަ ތަންތަން ނައްތާލުމުގެ ބަދަލުގައި ތަރައްގީގެ ޕްލޭންގެ ތެރޭގައި ހިމަނައިގެން ދެމެހެއްޓެވި ގޮތެއްގައި ބޭނުންކުރަންޖެހޭ.އައިޝަތު ފަރުހަތު އަލީ
ފަރާ ދެކޭ ގޮތުގައި އަދިވެސް އިތުރު ޒުވާނުން މިދާއިރާއަށް ނުކުންނަން ޖެހެއެވެ. ރާއްޖެއިން މިހާރު ހިލޭ ޑިގްރީ ފެންވަރަށް ކިޔެވޭއިރު، ގިނަ ޒުވާނުން ތިމާވެށީގެ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށް ފަރާ ދެކެއެވެ.
ވެށި ހިމާޔަތްކޮށް ތިމާވެށީގެ ދާއިރާއިން ދިރާސާކޮށް، ރާއްޖޭގެ ނާޒުކު ތިމާވެއްޓާއި ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތައް ކަމުގައިވާ ކުޅި، ފާ އަދި ޗަސްބިމުގެ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ވަރަށް އަގުހުރި, އަދި މުސްތަގުބަލުގެ ޖީލަށްޓަކައި ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެކެވެ. ހަމަގައިމުވެސް ވެއްޓަށް ހުރި ޝައުގެއްގެ ސަބަބުން ފަރާ ކުރި މަސައްކަތުގެ ނަތީޖާ މިއަދު މިވަނީ ދައްކުވައިދީފައެވެ. ކުރިއަށް އޮތްތަނުގައި ވެސް ފަރާ ހުރީ ވެއްޓާއެކު ކުރިއަށް ދިއުމަށެވެ.