Advertisement
ކ. މާލެ
|
2 ޖޫން 2017 | ހުކުރު 16:03
ނިލަންދޫއަށް އެރި ނަގޫރޯޅީގައި ގަހެއް ވެއްޓިފައި
ނިލަންދޫއަށް އެރި ނަގޫރޯޅީގައި ގަހެއް ވެއްޓިފައި
ޓްވިޓަރ
ރާއްޖޭގެ މޫސުން
ނިލަންދޫ އާއި ހަނިމާދޫ އަށް ވެސް ބޮޑެތި ގެއްލުންތަކެއް
ނިލަންދޫގެ 6 ގެއެއްގެ ފުރާޅު ވަނީ އެއްލާލާފައި

މިހާރު ރާއްޖެ އަށް ކުރަމުންދާ ވިއްސާރައިގަ ހދ. ހަނިމާދޫ އާއި ފ. ނިލަންދޫއަށް ވެސް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ. 

ބުރާސްފަތިދުވަހުގެރޭ ވިއްސާރައިގައި  ބޯކޮށް ވާރޭވެހުމުގެ ސަބަބުން ހދ. ހަނިމާދޫގައި ފެން ބޮޑުވުމާ ގުޅިގެން އެރަށުގެ ޖަންކްޝަންތައް ފުރި ނަޖިސް ބޭރުވެފައިވާ ކަމަށާއި ވާރޭ ވެހުމުގެ ސަބަބުން ގޭގޭގެ ފުރާޅު ނެއްޓި ސީލިންތައް ވެއްޓިފައިވާ ކަމަށް އެރަށު ކައުންސިލަރ ހަސަން ސަލީމް ވިދާޅުވިއެވެ.އަދި ރަށު ކައުންސިލާއި އެމްއެންޑީއެފާއި އެމްއާރުޑީސީ ގުޅިގެން ފެންހިންދުމަށް ކޯރުކަނޑާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.  މެއި މަހުގެ 26 ގައި އެރަށަށް ކުރި ވިއްސާރައިގައި އެރަށުގައި ހުރި ދިރާގު އެންޓަނާއަށް ހޮނު އަޅައި 32 ގެއެއްގެ ޓީވީ ތައް އަނދާފައިވާ ކަމަށް ވެސް ހަސަން ސަލީމް ވިދާޅުވިއެވެ.

 ބުރާސްފަތިދުވަހުގައި އެރި ނަގޫރޯޅީގައި ނިލަންދޫ  ބޭންކުގެ ފުރާޅު އެއްލާލާފައި ވެއެވެ. 

ނިލަންދޫ ދާއިރާގެ ކައުންސިލް މެމްބަރު އަބްދުލް ޖަލީލް އަހުމަދު ވިދާޅުވީ އެ ރަށުގައި ހުންނަ ބޭންކް އޮފް މޯލްޑިވްސްގެ އިމާރާތުގެ އިތުރުން ރަށުގެ ހަ ގެއެއްގެ ފުރާޅު އެއްލާލައި އެހެން ގެތަކަށް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ. އަދި ރަށުގެ ބޭނުން ހިފޭ ގަސްތައް ވެއްޓިފައިވާ ކަމަށާއި ކުޑަކޮށް ގެއްލުންވި ގެތަކުގެ ތެރެއިން ރައްޔިތުން ނިކުމެ އަމިއްލައަށް މަރާމާތު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ލިބިފައިވާ ގެއްލުންތައް މިހާރު ބަލަމުންދާކަމަށް ވެސް ކައުންސިލުން ބުންޏެވެ.

އެގޮތުން އެރަށަށް ލިބުނު ގެއްލުންތައް ބެލުމަށް ސަރުކާރުގެ ޓީމަކާއި ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރ އަދި އެމްއެންޑީއެފްގެ ޓީމެއް އެރަށަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ޖަލީލް ވިދާޅުވިއެވެ. 

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ދަނީ ގެއްލުންތައް ލިބެމުންނެވެ. އެގޮތުން  ބުދަ ދުވަހުގެރޭ އައި ކޮޅިގަނޑެއްގައި ގދ. ތިނަދޫގެ މީހުން އުޅޭ ބައެއް ގެތަކާއި ބައެއް ވިޔަފާރި ގުދަންތަކުގެ ފުރާޅު އެއްލާލައި އެކިވަރުގެ ގެއްލުން ވަނީ ލިބިފައެވެ. އަދި ބައެއް ގުދަންތަކުގައި ހުރި މުދަލަށް ވެސް ގެއްލުން ވެފައިވާއިރު، ބުދަދުވަހުގެރޭ ނުނިދޭ ވަރަށް ބައެއް ގެތަކަށް ވަނީ ގެއްލުން ލިބިފައެވެ. މީގެ އިތުރުން ހދ. ވައިކަރަދޫ އަށް ބުދަ ދުވަހުގެ ރޭ އައި ކޮޅިގަނޑެއްގައި އެރަށުގެ ފަންސާހަކަށް ދަނޑު ހަލާކުވެފައިވާއިރު އޭގެ ގެއްލުން ގާތްގަނޑަކަށް ހަތަރު ލައްކަ ރުފިޔާއަށް އަރާކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް