ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 14:35
ދިރާގު ހެޑްކުއާޓާރސް
ދިރާގު ހެޑްކުއާޓާރސް
ދިރާގުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ރިޕޯޓު
ދިރާގުގެ ހަތަރުވަނަ ކުއާޓަރގެ ފައިދާ 8 އިންސައްތަ އިތުރު
މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި ދިރާގަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 206 މިލިއަން ރުފިޔާ
އާމްދަނީގެ ގޮތުގައި 639 މިލިއަން ރުފިޔާ ލިބިފައިވޭ

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާއި އަޅާބަލާއިރު ހަތަރުވަނަ ކުއާޓަރގައި ދިރާގަށް ލިބުނު ފައިދާ 8 އިންސައްތަ އިތުރުވެއްޖެއެވެ.

ދިރާގުން އާންމުކޮށްފައިވާ އެކުންފުނީގެ 2021 ވަނަ އަހަރުގެ ހަތަރުވަނަ ކުއާޓަރގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރގައި އެކުންފުންޏަށް ފައިދާގެ ގޮތުގައި ލިބިފައިވަނީ 206 މިލިއަން ރުފިޔާއެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދިރާގަށް ފައިދާގެ ގޮތުގައި ލިބުނީ 191 މިލިއަން ރުފިޔާއެވެ. މިއީ 8 އިންސައްތައިގެ އިތުރުވުމެކެވެ.

މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދިރާގަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 610 މިލިއަން ރުފިޔާއެވެ. ނަމަވެސް ހަތަރުވަނަ ކުއާޓަރގައި މި އަދަދު ވަނީ ފަސް އިންސައްތަ އިތުރުވެފައެވެ. މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ދިރާގަށް އާމްދަނީގެ ގޮތުގައި 639 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

މޯބައިލްގެ ޚިދުމަތްތައް ދީގެން މިދިޔަ އަހަރުގެ ހަތަރުވަނަ ކުއާޓަރގައި ދިރާގުން ވަނީ 346 މިލިއަން ރުފިޔާގެ އާމްދަނީއެއް ހޯދާފައެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރ އާއި އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރގައި ދިރާގަށް މޯބައިލްގެ ޚިދުމަތުން ލިބިފައިވަނީ 325 މިލިއަން ރުފިޔާއެވެ. އަދި ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތުން ދިރާގަށް ލިބުނު އާމްދަނީވެސް ވަނީ އިތުރުވެފައެވެ. އެގޮތުން 2021 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި މި ޚިދުމަތް ދީގެން އާމްދަނީގެ ގޮތުގައި 268 މިލިއަން ރުފިޔާ ދިރާގުން ހޯދާފައިވާއިރު، ހަތަރުވަނަ ކުއާޓަރގައި އެކުންފުނިން ވަނީ މި ޚިދުމަތް ދީގެން 275 މިލިއަން ރުފިޔާ ހޯދާފައެވެ.

ދިރާގުގެ އާމްދަނީ އިތުރުވުމާއެކު އެކުންފުނީގެ ހިއްސާއިން ލިބޭ ފައިދާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން ތިންވަނަ ކުއާޓަރގައި ކޮންމެ ހިއްސާއެއްގެ ފައިދާ 2.52 ރުފިޔާގައި ހުރިއިރު، ހަތަރުވަނަ ކުއާޓަރގައި ކޮންމެ ހިއްސާއަކުން ލިބޭ ފައިދާގެ އަގުވަނީ 2.71 ރުފިޔާއަށް އަރާފައެވެ.

- ކޮމެންޓް