ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގެ އައު ރަންވޭ، ޓެކްސީވޭއެއްގެ ގޮތުގައި ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ (އެމްއޭސީލް) ގެ ޖެނެރަލް މެނޭޖަރ ކޯޕަރޭޓް ކޮމިއުނިކޭޝަންސް ޙަސަން އަރީފް ވިދާޅުވީ އަންގާރަ ދުވަހުގެ ހެނދުނު 06:00 އިން ފެށިގެން އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ. ރަސްމީ ރަންވޭއެއްގެ ގޮތުގައި އެތަން އަދި ބޭނުންކުރެވެން ނެތީ ކުރީގެ ސީޕްލެން ޓާމިނަލް ހުންނަނީ އައު ރަންވޭއާއި ކައިރީގައިކަމަށް ވާތީ އެރަންވޭއަށް ފްލައިޓުތައް ޖެއްސުމަކީ ބައިނަލްއަޤްވާމީ މިންގަނޑުތަކާއި ޚިލާފު ކަމަކަށް ވާތީކަމުގައި އަރީފު ވިދާޅުވިއެވެ.
އައު ރަންވޭ އެއްކޮށް ބޭނުން ކުރަން ހުރަހަކަށްވާ ޓީއެމްއޭގެ ޓާމިނަލް އަންނަ މާޗު މަހުގެ ނިޔަަލަށް ހުސްކުރަން މިހާރު ވަނީ ނޯޓިސް ދީފައެވެ. އަދި އެޕްރީލް 1 ވަަނަ ދުވަހުން ފެށިގެން އައު ސީޕްލޭން ޓާމިނަލް ބޭނުން ކުރަން ފެށުމަށް ވަނީ ނިންމާފައެވެ. އައު ރަންވޭގެ ބޭނުން އެއްކޮށް ކުރެވޭނީ އައު ސީޕްލޭން ޓާމިނަލް ބޭނުންކުރަން ފެށުމުންނެވެ.
ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭ ބޭނުންކުރަން ފެށުމަށްޓަކައި ހޯމަ ދުވަހު ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ. އެގޮތުން ޓްރަޔަލްއެއްގެ ގޮތުގައި ހަތަރު އެއާކްރާފްޓް، ޓެކްސީވޭއެއްގެ ގޮތުގައި އައު ރަންވޭގައި ބޭނުންކޮށްފައިވެއެވެ.
އައު ރަންވޭ ޓެކްސީވޭއެއްގެ ގޮތުގައި ބޭނުންކުރަން ފެށުމާއެކު އެއަރޕޯޓުގެ ޚިދުމަތްތަކަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަން ފާހަގަކުރައްވާ އަރީފް ވިދާޅުވީ މިހާރު ރަންވޭއަށް ޚިދުމަތް ދެވެނީ ގަޑިއަކު 8 އެއާކްރާފްޓަށް ކަމަށެވެ. ނަމަވެސް މި ބަދަލާއެކު ގަޑިއަކު 16 އެއާކްރާފްޓަށް ޚިދުމަތް ދެވޭނެކަމަށް އަރީފް ވިދާޅުވިއެވެ. ފްލައިޓެއް ޖެއްސުމަށްފަހު ރަންވޭ ކްލިއަރ ކުރުމަށް މިހާރު ގާތްގަނޑަކަށް 10 މިނެޓް ހޭދަވާ ނަމަވެސް އައު ރަންވޭ ބޭނުންކުރަން ފެށުމާއެކު ގާތްގަނޑަކަށް ދެމިނެޓު ތެރޭގައި ރަންވޭ ކްލިއަރ ކުރެވޭނެކަން އަރީފް ފާހަގަކުރެއްވިއެވެ.
މިހާރުވެސް ފްލައިޓުތައް ޖައްސާނެ ޖާގަ ނެތިގެން މަޑުކުރަން ޖެހެނީ ޕީކު ގަޑީގައި އެކަނިކަމަށް އަދި މި ބަދަލާއެކު ގިނަ ފްލައިޓުތަކަކަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚިދުމަތްދޭން ފެށި، އެއަރޕޯޓުގައި ޖައްސާނެ ޖާގަ ނެތިފައި ފްލައިޓުތައް މަޑުކުރާކަށް ނުޖެހޭނެކަމަށްވެސް އަރީފު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން ފްލައިޓުތަކުން ތެލަށާއި ހޭދަވާ ވަގުތަށް ކުރަން ޖެހޭ ޚަރަދުތައް މަދުވެގެންދާނެ ކަމަށާއި މިއާއެކު ފްލައިޓުތަކުގައި ރާއްޖެއަށް ކުރާ ދަތުރުތައް އަގުހެޔޮވެ، ފަތުރުވެރިކަމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.