ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 08:54
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން
ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިން
އަލްޖަޒީރާ
ޔަމަނުގެ ހާލަތު
ހަނގުރާމަކުރުމަށް ހޫތީން ތަމްރީންކުރި 2000ހެއްހާ ކުޑަކުދިން ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވޭ: އދ
އެކުދިންގެ އުމުރަކީ 10 އަހަރާއި 17 އަހަރާ ދެމެދު
2020 ވަނަ އަހަރު ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވާ 1406 ކުދިންގެ ލިސްޓެއް ލިބިފައިވޭ
ހަތިޔާރު ގެންނަނީ މެދުއިރުމައްޗާއި ޔޫރަޕް އަދި އޭޝިޔާގެ ހަތިޔާރު އުފައްދާ ކުންފުނިތަކުން

ޔަމަނުގައި ހިނގަމުންދާ ހަނގުރާމައިގައި ހޫތީ ހަނގުރާމަވެރިން ތަމްރީން ދީފައިވާ 2000ހެއްހާ ކުޑަކުދިން ހަނގުރާމަވެރި މައިދާނުގައި މަރުވެފައިވާކަމަށް އދން ބުނެފިއެވެ.

އދ ގެ އަހަރީ ރިޕޯޓްގައި ފާހަގަކޮށްފައިވާ ގޮތުގައި ހޫތީން ހަތިޔާރު ގެންނަނީ މެދުއިރުމައްޗާއި ޔޫރަޕް އަދި އޭޝިޔާގައި ހުރި ހަތިޔާރު އުފައްދާ ކުންފުނިތަކުންނެވެ. އދގެ ސެކިޔުރިޓީ ކައުންސިލާއި ހިއްސާކޮށްފައިވާ މިރިޕޯޓްގައި ބުނެފައިވަނީ ހޫތީން އަންނަނީ އެކި ސަމަރ ކޭމްޕްތަކާއި މިސްކިތްތަކުގައި ކުޑަކުދިން ހަނގުރާމަ ކުރުމަށް ތަމްރީނުތައް ދެމުންނެވެ. އެގޮތުން އެމީހުންގެ ފިކުރަށް އެކުދިން އަނބުރުވާ ޔަމަން ސަރުކާރާ ދެކޮޅަށް ހަނގުރާމަކުރުމަށް ތަމްރީންތައް ދެމުންދެއެވެ.

ހަތަރު މެމްބަރުންގެ މައްޗަށް އެކުލެވޭ ޕެނަލަކުން އެކުލަވާލާފައިވާ މިރިޕޯޓްގައި ބުނެފައިވަނީ ކުޑަކުދިންނަށް ވަނީ "ޑެތް ޓު އެމެރިކާ، ޑެތް ޓު އިސްރާއީލް، ވިކްޓްރީ ޓު އިސްލާމް" ފަދަ ސްލޯގަންތައް ގޮވުމަށް އިރުޝާދުދީފައެވެ. އަދި އެއް ކޭމްޕެއްގައި އުމުރުން 7 އަހަރުގެ ކުޑަކުދިންނަށް ހަތިޔާރު ސާފުކުރުމަށާއި މިސައިލް ފޮނުވާނެ ގޮތްތައް ދަސްކޮށްދީފައިވާކަމަށެވެ. ރިޕޯޓްގައި ބުނެފައިވަނީ ހޫތީން މިކަންކަން ކުރާކަމުގެ ހެކި ލިބިފައިވާކަމަށެވެ.

ޕެނަލުން ބުނެފައިވަނީ ހޫތީން ތަމްރީންކޮށްފައިވާ ކުދިންގެ ތެރެއިން 2020 ވަނަ އަހަރު ހަނގުރާމައިގެ މައިދާނުގައި މަރުވެފައިވާ 1406 ކުދިންގެ ލިސްޓެއް ލިބިފައިވާކަމަށެވެ. އަދި 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މެއި މަހުގެ ނިޔަލަށް ހަނގުރާމަވެރި މައިދާންތަކުގައި މަރުވި 562 ކުޑަކުދިން ހިމެނޭ ލިސްޓެއްވެސް ލިބިފައިވާކަމަށެވެ.

އެކުދިންގެ އުމުރަކީ 10 އަހަރާއި 17 އަހަރާ ދެމެދު ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ.

މާހިރުން ވަނީ ޔަމަނުގައި ހިނގަމުންދާ 7 އަހަރުގެ ދިގު ހަނގުރާމައިގައި ސްކޫލްތަކާއި ސަމަރ ކޭމްޕްތަކާއި މިސްކިތްތަކުގައި ކުޑަކުދިންނަށް ހަނގުރާމައިގެ ތަމްރީން ނުދިނުމަށް ގޮވާލާފައެވެ. އަދި އެކަން ކުރާ މީހުންނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލާފައެވެ.

300 ސަފްހާގެ މިރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ސަނާ ކޮންޓްރޯލްކުރަމުން އަންނަ ހަނގުރާމަވެރިން އަންނަނީ ހަތިޔާރު އުފެއްދުމަށް ބޭނުންވާ ސާމާނު ޔޫރަޕާއި އޭޝިޔާ ކުންފުނިތަކުން އެއީ ކޮންބައެއްކަން ނޭންގޭގޮތަށް ގެންނަމުންނެވެ.

ރިޕޯޓްގައި ހޫތީ ހަނގުރާމަވެރިންނަށް ވާގިވެރިވަނީ އިރާނުން ކަމެއް ސީދާ ޔަގީންކޮށްދީފައެއްނުވެއެވެ. އިރާނުން ވަނީ ހޫތީންނަށް ސިޔާސީ ގޮތުން އެއްބާރުލުންދޭ ކަމަށް ބުނެފައެވެ. ނަމަވެސް ހަނގުރާމަވެރި ހަތިޔާރާއި އެނޫންވެސް ހަނގުރާމައިގެ އެކި ކަންކަމުގައި އެހީތެރިކަން ފޯރުކޮށްނުދޭކަމަށް އަންނަނީ ބުނަމުންނެވެ.

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި ހަތިޔާރުގެ ބައިތަކާއި އަސްކަރީ ބަރު ހަތިޔާރު ފަދަ ތަކެތި އޮމާން މަގުން ހޫތީންނަށް އަބަދުވެސް ލިބެމުންދެއެވެ. ޔަމަނާއި ބޯޑަރު ހިއްސާކުރާ އޮމާން އަކީ އިރާނު ފިޔަވައި ދެން ހޫތީންނާއި ރަސްމީކޮށް ގުޅުން ބާއްވަމުން އަންނަ ހަމައެކަނި ގައުމެވެ.

- ކޮމެންޓް