ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 07:33
ދެކުނު އެފްރިކާގައި ވެކްސިން ދޭ ސެންޓަރެއްގެ ތެރެ
ދެކުނު އެފްރިކާގައި ވެކްސިން ދޭ ސެންޓަރެއްގެ ތެރެ
ރޮއިޓަރސް
ކޮވިޑް-19 ދެކުނު އެފްރިކާގެ ހާލަތު
ޕޮޒިޓިވްވިއަސް އަލާމާތްތައް ނުފެންނަނަމަ ކަރަންޓީނުވާން ނުޖެހޭ ގޮތަށް ދެކުނު އެފްރިކާގައި އުސޫލަށް ބަދަލު ގެނެސްފި
އަލާމާތްތައް ފެންނަ މީހުން އައިސޮލޭޓްވާން ޖެހޭނީ 7 ދުވަހުގެ މުއްދަތަށް
ސަރުކާރުން މިބަދަލުތައް ގެނެސްފައި މިވަނީ އޮމިކްރޯން ވޭރިއަންޓާއެކު ކުރިމަތިވި ހަތަރު ވަނަ ރާޅު ނިމުމަކާ ހިސާބަށް އައުމާއެކު
މިބަދަލުތައްް ގެނައުމަށް ނިންމާފައިމިވަނީ ގައުމުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ކޭސްތައް ފެންނަ މިންވަރަށް ބެލުމަށްފަހު

ކޮވިޑް-19ށް ޕޮޒިޓިވްވިއަސް އަލާމާތްތައް ނުފެންނަނަމަ އައިސޮލޭޓްވާން ނުޖެހޭ ގޮތަށް ދެކުނު އެފްރިކާގެ ސަރުކާރުން އުސޫލަށް ބަދަލު ގެނެސްފިއެވެ.

ދެކުނު އެފްރިކާ ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އަލާމާތްތައް ފެންނަ މީހުން އައިސޮލޭޓްވާން ޖެހޭނީ 7 ދުވަހުގެ މުއްދަތަށްކަމަށެވެ. ސަރުކާރުން މިބަދަލުތައް ގެނެސްފައި މިވަނީ އޮމިކްރޯން ވޭރިއަންޓާއެކު ކުރިމަތިވި ހަތަރު ވަނަ ރާޅު ނިމުމަކާ ހިސާބަށް އައުމާއެކުއެވެ.

ދެކުނު އެފްރިކާ ސަރުކާރުގެ ކެބިނެޓް ބައްދަލުވުމެއްގައި މިކަމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު މިބަދަލުތައްް ގެނައުމަށް ނިންމާފައިމިވަނީ ގައުމުގައި ވެކްސިން ޖަހާފައިވާ މިންވަރާއި ކޭސްތައް ފެންނަ މިންވަރަށް ބެލުމަށްފަހު ކަމަށް ސަރުކާރުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ދެކުނު އެފްރިކާގައި މިވަގުތު ކޮވިޑް ލެވެލް ހުރީ އެންމެ ދަށް ލެވެލް ކަމުގައިވާ ލެވެލް ފަހެއްގައެވެ.

ބަޔާނުގައި ބުނެފައިވަނީ ބަދަލުތައް ގެނެސްފައިމިވަނީ ކުރެވުނު އެތައް ސަރވޭތަކެއްގެ ނަތީޖާ ދައްކާގޮތުން ކޮވިޑް-19ގެ އިމިޔުނުޓީ ލެވެލް 60 އާއި 80 އާ ދެމެދުގެ އިންސައްތައެއްގައި މިހާރު ހުރީމައެވެ. އެގައުމުގެ ޑިޕާޓްމަންޓް އޮފް ހެލްތުން ރިޕޯޓްކުރާގޮތުގައި މިހާރު ދެކުނު އެފްރިކާއަށް ވަނީ ހަތަރު ވަނަ ރާޅު ނިމިފައިކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގައި ޕޮޒިޓިވްވާ މީހުންގެ ތެރެއިން އަލާމާތް ފެންނަ މީހުން އައިސޮލޭޓްވާން ޖެހެނީ 10 ދުވަހުގެ މުއްދަތަށެވެ. މިހާރު ގެނައި ބަދަލާއެކު ކޮންޓެކްޓުންވެސް އަލާމާތް ނުފެންނަނަމަ އައިސޮލޭޓްވާކަން ނުޖެހޭނެއެވެ.

މީގެއިތުރުން ކެބިނެޓުން ވަނީ ސްކޫލްތަކުގެ ކިޔެވުން އަލުން ފެށުމަށްވެސް ނިންމާފައެވެ. ޕްރައިމަރީ އާއި ސެކަންޑްރީ އަދި ސްޕެޝަލް ސްކޫލްތައް ހުޅުވާލަން ވިސްނާފައިވާއިރު ސްކޫލްތައް އަލުން ހުޅުވާއިރު ތިން ފޫޓް ދުރުމިނުގެ ގައިދުރުކަން ބެހެއްޓުމަށް ކުރިން ނިންމާފައިވާ ނިންމުންވެސް ވަނީ އުވާލާފައެވެ.

ދެކުނު އެފްރިކާގެ 3.6 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 95،093 މީހުން މިބަލީގައި މަރުވެފައިވެއެވެ. އެގައުމުގައި ކޮވިޑްގެ ހާލަތު އެންމެ ބޮޑަށް ގޯސްވީ އޮމިކްރޯން ވޭރިއަންޓާ ގުޅިގެން އެރި ރާޅުގައެވެ.

- ކޮމެންޓް