ކޮވިޑް-19 އަށް ޓެސްޓްކުރުމަށް މާލެ ސަރަހައްދުގައި ހުޅުވާފައިހުރި ސެންޓަރުތަކުން ސާމްޕަލް ނަގައިދޭ ގަޑިތަކަށް ބަދަލުތަކެއް ގެނެސްފިއެވެ.
އެޗްޕީއޭއިން ބުނީ ސިނަމާލެ ބްރިޖް ޕާކިންގ ޒޯން ސަރަހައްދުގައި ހަދާފައިވާ ސާމްޕަލް ސެންޓަރުން މިހާރު ސާމްޕަލް ނަގައިދެމުން ދާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް ހެނދުނު 9 އިން މެންދުރު 12 އަށް އަދި މެންދުރުފަހު 3 އިން އިރުއޮއްސި 6 އަށެވެ. މީގެއިތުރުން ހުކުރު ދުވަހު މެންދުރުފަހު 3 އިން އިރުއޮއްސި 6 އަށް ސާމްޕަލް ނަގައިދެމުންދާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ފަރާތްތަކަށް ޚާއްސަކޮށްގެން ހިޔާ ފްލެޓްގެ "އެޗް8" ޓަވަރުގައި ކޮވިޑަށް ޓެސްޓްކުރުމުގެ ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އެޗްޕީއޭއިން ބުނީ އެތަނުން ކޮންމެ ދުވަހަކު މެންދުރުފަހު 3:45 އިން ފެށިގެން އިރުއޮއްސި 6:45 އަށް ޚިދުމަތް ދެމުންގެންދާނެކަމަށެވެ.
މީގެއިތުރުން ހުޅުމާލެ ރުއްގަނޑު 1 ގައި ހަދާފައިވާ ސެންޓަރުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:30 އިން 12:30 އަށް ޚިދުމަތްދެމުންދާނެއެވެ. އަދި ކޮންމެ ހުކުރު ދުވަހެއްގައި މެންދުރުފަހު 3:30 އިން އިރުއޮއްސި 6:30 އަށް އެތަނުން ސާމްޕަލް ނަގައިދޭނެއެވެ.
މީގެއިތުރުން މާލެއިން ސޯޝަލް ސެންޓަރުން ކޮންމެ ހޮނިހިރު ދުވަހަކުން ބުރާސްފަތި ދުވަހެއްގެ ހެނދުނު 9:00 އިން 12:00 އަށް އަދި މެންދުރު ފަހު 3:00 އިން އިރުއޮއްސި 6:00 އަށް އަދި ކޮންމެ ހުކުރު ދުވަހެއްގައި މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށް ސާމްޕަލް ނަގައިދޭނެއެވެ. އަދި ހެންވޭރު ފުޓްބޯޅަ ދަނޑުން ކޮންމެ ދުވަހަކު މެންދުރުފަހު 3:30 އިން ފެށިގެން އިރުއޮއްސި 6:30 އަށް ސާމްޕަލް ނަގައިދެމުންދާނެއެވެ.
މީގެއިތުރުން ފްލޫ ކްލިނިކުން ކޮންމެ ދުވަހަކު ހަވީރު 4 އިން އިރުއޮއްސި 6:30 އަށް ސާމްޕަލް ނަގައިދެމުންދާނެއެވެ.
ކޮވިޑަށް ޓެސްޓްކުރުމަށް ޕީސީއާރު ޓެސްޓް ހެދުމުގެ އިތުރުން ކޮވިޑް ޖެހިފައިވޭތޯ ބެލުމަށް ހަދާ، އެންމެ އަވަހަށް ނަތީޖާ ލިބޭ ރެޕިޑް އެންޓިޖެން ޓެސްޓް ވެސް އެޗްޕީއޭގެ ކޮވިޑަށް ޓެސްޓުކުރާ ސެންޓަރުތަކުގައި ޖެނުއަރީ މަހުގެ 23 އިން ފެށިގެން ވަނީ ހަދައިދޭން ފަށާފައެވެ. އެކަމަކު އެޓެސްޓް ހަދާނީ ބަލީގެ އަލާމާތް ހުންނަ މީހުންގެއެވެ.