ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 00:47
އޭދަފުށީގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ)
އޭދަފުށީގެ ކޯޗަކަށް ހަމަޖެއްސި ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ)
އެފްއޭއެމް
އާތީ އޭދަފުއްޓާ ހަވާލުވުން
ކުލަބު އޭދަފުށީގެ ކޯޗަކަށް އާތީ
އާތީ ވަނީ އޭދަފުއްޓާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައި
މިދިޔަ ސީޒަނުގައި އާތީ އިރުޝާދުދީފައި ވަނީ ކުލަބު ވެލެންސިއާއަށް

ބ. އޭދަފުށީ ފުޓްބޯޅަ ކުލަބުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު މުޙައްމަދު އާތިފް (އާތީ) ހަމަޖައްސައިފިއެވެ.

އޭދަފުށީގެ ކޯޗުގެ ގޮތުގައި އާތީ ރަސްމީކޮށް ހަމަޖެއްސީ ހޯމަ ދުވަހުގެރޭ އެ ރަށުގައި ބޭއްވި ހަފުލާއެއްގައެވެ. އާތީ ވަނީ އޭދަފުއްޓާއެކު އެއް އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައެވެ. ފުރަތަމަ ޑިވިޝަން ދޫކޮށް އާތީ އޭދަފުއްޓާ ގުޅުނުއިރު، މިދިޔަ ސީޒަނުގައި އޭނާ އިރުޝާދުދީފައި ވަނީ ކުލަބު ވެލެންސިއާއަށެވެ.

އެކަމަކު މި ސީޒަނަށް އާތީ ވެލެންސިއާގެ ކޯޗުގެ މަގާމުން އިސްތިއުފާދިންއިރު، މި ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗާއި ޕްރެޒިޑެންޓްސް ކަޕުގައި އެ ޓީމަށް އިރުޝާދުދީފައިވަނީ އެސިސްޓަންޓް ކޯޗު އިސްމާޢީލް އާސިފް (ކުޑަހީނާ) އެވެ. އަދި ކުޑަހީނާގެ އިރުޝާދުގެ ދަށުން ވެލެންސިއާއިން ވަނީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އެކަމަކު ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގާ އަމާޒުކޮށް ވެލެންސިއާއިން މިހާރު ވަނީ އެ ޓީމުގެ ކޯޗަކަށް ތަޖުރިބާކާރު ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) އަލުން ހަމަޖައްސާފައެވެ.

އެއް އަހަރުގެ އެއްބަސްވަުމެއްގެ ދަށުން އާތީ އޭދަފުއްޓާ ހަވާލުވިއިރު، އޭނާއާ ހަވާލުކުރި އެންމެ ބޮޑު މަސައްކަތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ 2023/2024 ގެ ދިވެހި ޕްރިމިއާ ލީގަށް އެ ޓީމު ކޮލިފައިކުރުމެވެ. މުޅި ރާއްޖެ ހިމެނޭ ދިވެހި ޕްރިމިއާ ލީގުގެ ކޮލިފިކޭޝަން އަންނަ މާޗު މަހު ފަށަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމާފައިވާއިރު، އޭދަފުށި ހިމެެނެނީ ޒޯން ދޭއްގައެވެ. އެ ޒޯނުގައި ހިމެނެނީ ބ، ޅ، ކ، އއ، އދ، ވ، މ، ފ، ދ އަތޮޅެވެ. ކޮންމެ ޒޯނެއްގެވެސް އެއްވަނަ، ދެވަނަ އަދި ތިންވަނަ ޑިވިޝަން ކުޅުމަށް ފަހު، ޗެމްޕިއަން ޓީމު 2023/2024 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ.

އޭދަފުށީ ކޯޗެއްގެ ގޮތުގައި އާތީ މަސައްކަތްކުރާއިރު، އޭނާ މީގެ ކުރިން ވަނީ 2019 ވަނަ އަހަރުގެ ސީޒަނުގެ ޗެރިޓީ ޝީލްޑް ޓީސީ ސްޕޯޓްސް ކުލަބަށް ކާމިޔާބުކޮށްދީފައެވެ. އެކަމަކު އެ ސީޒަނުގެ ވަކި ހިސާބަކުން ޓީސީގެ ކޯޗުކަމުން އިސްތިއުފާ ދިނުމަށްފަހު އާތީ ދެން ފެނުނީ މިދިޔަ ސީޒަނުގައި ވެލެންސިއާ ބެންޗުންނެވެ. އާތީގެ ކޯޗުކަމުގައި ވެލެންސިއާއިން ވަނީ މިދިޔަ ސީޒަނުގައި ލީގުގެ ރަނަރަޕްކަން ހޯދައިފައެވެ. އަދި މީގެ ކުރިން ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗުކަމާއި، ފިރިހެން ޓީމުގެ އެސިސްޓަންޓް ކޯޗުކަންވެސް ކުރި އާތީ ވަނީ 2016 ވަނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގަދަ ހަތަރަކަށްވެސް ގެންގޮސްދީފައެވެ.

އޭދަފުށީގެ ކޯޗަކަށް އާތީ ހަމަޖެއްސިއިރު، މީގެ ކުރިން އެ ޓީމުގެ ކޯޗުގެ ގޮތުގައި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ވެސް ވަނީ މަސައްކަތްކޮށްފައެވެ. އެގޮތުން ސާންތިގެ ކޯޗުކަމުގައި 2020 ވަނަ އަހަރު އޭދަފުށިން ވަނީ މުބާރާތްތަކުގައި ވާދަކޮށް ރަނގަޅު ކުރިއެރުންތަކެއް ހޯދާފައެވެ.

- ކޮމެންޓް