ބެއިޖިންގ ވިންޓަރ އޮލިމްޕިކް ގޭމްސްގައި ބައިވެރިވާ އޮފިޝަލުންނާއި އެތްލީޓުންގެ ތެރެއިން ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުންގެ އަދަދު މައްޗަށް ދާއިރު ކުރިޔަށް އޮތްތަނުގައިވެސް އެއަދަދު މައްޗަށްދާނެކަމަށް ގޭމްސް އިންތިޒާމުކުރާ ފަރާތުން ބުނެފިއެވެ.
އޮފިޝަލުންނާއި އެތްލީޓުން ހިމަނައިގެން މިހާރު ކޮވިޑަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ 36 އަށް އަރާފައެވެ. އޭގެތެރެއިން 29 މީހުން ދެނެގަނެވިފައި ވަނީ ބެއިޖިންގ އެއަރޕޯޓުންނެވެ. އަދި އަނެއް 7 މީހުންނަކީ އެއްކޮށް އުޅުނު މީހުންކަމަށާއި އެމީހުންވަނީ އާންމުންނާއި ވަކިކުރެވިފައިކަމަށް އޮގަނައިޒިންގ ކޮމިޓީން ނެރުނު ބަޔާނެއްގައި ވަނީ ބުނެފައެވެ.
ގޭމްސްގެ މެޑިކަލް ޗީފް ޑރ. ބްރަޔަން މެކްކުލޮސްކީ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ މިދުވަސްވަރަކީ އެންމެ ގިނަ މީހުން ގޭމްސްއަށް ޗައިނާއަށް ދަމުންދާ ދުވަސްވަރުކަމަށާއި އެހެންކަމުން އަދަދުތައް މައްޗަށްދާނެކަމަށް ބެލެވޭކަމަށެވެ.
އިވެންޓްތެރޭގައި ކަންކަން ރާވާފައިވާ ގޮތުން އެމީހުންގެ ފުށުން އާންމުންނާއި ހިސާބަށް ވައިރަސް ނުދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ޑރ. މެކްކުލޮސްކީ ވިދާޅުވިއެވެ.
އެތްލީޓުންނާއި އޮފިޝަލުންގެ ތެރެއިން ކޮވިޑްގެ ކޭސްތައް ފެނިފައިވާއިރު މީޑިޔާ އާއި ސްޕޮންސަރުންނާއި ސްޓާފުންގެ ތެރެއިންވެސް ކޮވިޑްގެ ކޭސްތައް ވަނީ ފެނިފައެވެ. ޗައިނާއިން އަންނަނީ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުން ފެށިގެން އޮލިމްޕިކް ގޭމްސް އާއި ގުޅުންހުރި ކޮވިޑްގެ ކޭސްތަކުގެ އަދަދުތައް ހާމަކުރަމުންނެވެ.
އެތްލީޓުންނާއި އޮފިޝަލުން ކޮންމެ ދުވަހަކުވެސް ކޮވިޑަށް ޓެސްޓްކުރަން ޖެހެއެވެ.
އޮލިމްޕިކް ގޭމްސް ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 4 އިން 20 ވަނަ ދުވަހަށެވެ. ގޭމާއި ދިމާކޮށް ޗައިނާއިން ވަނީ ބޯޑަރުތައް ބަންދުކޮށްފައެވެ.