ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 06:11
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން 
ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން 
ރޮއިޓަރސް
ތުރުކީގެ މީޑިޔާތަކަށް ޕްރެޝަރ ކުރުން
ތުރުކީވަންތަކަމާއި ޚިލާފު ކޮންޓެންޓް ގެންނަ މީޑިޔާތަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު އުރުދުޣާން ދެއްވައިފި
އުރުދުޣާން ތުރުކީގެ ރައީސްކަން ކުރައްވާތާ 20 އަހަރާ ކައިރިވިވެފައިވާއިރު މީޑިޔާތަކުން ގެންނަ ކޮންޓެންޓްތަކަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން
އުރުދުޣާންގެ ބަޔާނުގައި ކަނޑައެޅިގެން އެއީ ކޮންކަހަލަ ކޮންޓެންޓެއްކަމެއް ބަޔާންކުރައްވާފައި ނުވޭ

ޤައުމެއްގެ ގޮތުން ތުރުކީވިލާތުން ޤަބޫލުކުރާ އެންމެ މުހިންމު ޤަބޫލުކުރުންތަކަށް ގެއްލުންވާ ގޮތަށް ކޮންޓެންޓް ގެނެސްދޭ މީޑިޔާތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމުގެ އިންޒާރު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ދެއްވައިފިއެވެ.

ތުރުކީގެ ގެޒެޓްގައި ޝާއިއުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ ތުރުކީގެ ޘަގާފަތް ރައްކާތެރިކުރުމަށް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށާއި ތުރުކީގެ ޘަގާފަތާއި ބީރައްޓެހި ކޮންޓެންޓް އެއީ ލިޔުމުންކަމުގައި ވިޔަސް، އަނގަބަހުން ވިޔަސް އަދި ދައްކާ މަންޒަރަކުން ވިޔަސް އެކަމުގެ ނޭދެވޭ އަސަރު ކުޑަކުދިންނަށް ކުރުމުން ސަލާމަތްކުރަންޖެހޭކަމަށެވެ.

އުރުދުޣާންގެ ބަޔާނުގައި ކަނޑައެޅިގެން އެއީ ކޮންކަހަލަ ކޮންޓެންޓެއްކަމެއް ބަޔާންކުރައްވާފައި ނުވެއެވެ. ނަމަވެސް އެފަދަ ކޮންޓެންޓް ގެންނަ މީޑިޔާތަކާއި ދެކޮޅަށް ފިޔަވަޅު އަޅުއްވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އުރުދުޣާން ތުރުކީގެ ރައީސްކަން ކުރައްވާތާ 20 އަހަރާ ކައިރިވިވެފައިވާއިރު މީޑިޔާތަކުން ގެންނަ ކޮންޓެންޓްތަކަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ. ވަކިން ޚާއްސަކޮށް އުރުދުޣާންގެ ޕާޓީ އޭކޭ ޕާޓީގެ އުސޫލުތަކާއި ޚިލާފު ކޮންޓެންޓެއް ގެންނަނަމަ އެކަމަކަށް ގެންދަވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ފާއިތުވި އަހަރުތަކުގައި އުރުދުޣާންގެ ސަރުކާރުން މީޑިޔާތަކުން ކުރަމުން އަންނަ ކަންކަމަށް ފާރަލާ މިންވަރު އިތުރުކޮށްފައިވާއިރު ތުރުކީގައި ޙަރަކާތްތެރިވާ މީޑިޔާތަކުގެ 90 އިންސައްތަ މީޑިޔާއަކީ ސަރުކާރުގެ ނުވަތަ ސަރުކާރުގެ ގާތް މީހަކު ކޮންޓްރޯލްކުރާ މީޑިޔާތަކަކަށް ވަނީ ވެފައެވެ.

އަނެއްކޮޅުން ތުރުކީގެ ޤާނޫނު ބުނާ ގޮތުން އެޤައުމުގެ ރައީސަށް ބޭއަދަބީ ބަހުން މުޚާތަބުކޮށްފިނަމަ އެމީހަކަށް 1 އަހަރާއި 4 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ. ޤާނޫނުގެ މިމާއްދާ ބޭނުންކޮށްގެން ތުރުކީގެ އެތައް ހާސް ބަޔަކު މިހާރުވެސް ވަނީ ޖަލަށް ލާފައެވެ.

ފާއިތުވި ހަފްތާގައި ތުރުކީގެ މަޝްހޫރު ނޫސްވެރިއެއްކަމުގައިވާ ސަދެފް ކަބާސް އުރުދުޣާން އާއި ބޭއަދަބީ ބަހުން މުޚާތަބުކުރި ކަމަށް ބުނެ ވަނީ ޖަލަށްލާފައެވެ. ކަބާސްގެ މައްސަލަ އާއި ގުޅިގެން އުރުދުޣާން ވިދާޅުވެފައިވަނީ ކަބާސް ކުރި ކުށަށް އަދަބު ނުލިބި ނުދާނެކަމަށެވެ.

ކަބާސް ހައްޔަރުކުރުމުން ތުރުކީގެ ޖަރނަލިސްޓް ޔޫނިއަނުން ބުނެފައިވަނީ އެއީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅުމަށް ކުރި ކަމެއްކަމަށެވެ.

- ކޮމެންޓް