ފްރާންސްގެ މިޑްފީލްޑަރު ޕައުލް ޕޮގްބާ މި ސީޒަން ނިމެންދެން ޔުނައިޓެޑުގައި މަޑުކުރާނެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ރިޕޯޓްތައް ބުނާ ގޮތުން އުމުރުން 28 އަހަރުގެ ޕޮގްބާ މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑުގައި މަޑުކުރަން ނިންމީ އެ ޓީމުގެ ކޯޗު ރަލްފް ރަންގްނިކްގެ އެދުމުގެ މަތީންނެވެ. އަނެއްކޮޅުން ޕޮގްބާ ޔުނައިޓެޑް ދޫކޮށްލަން ބޭނުންވާނަމަ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި އޭނާ ވިއްކާލަން ޔުނައިޓެޑަށް މަޖުބޫރުވާނެއެވެ. ސަބަބަކީ ޕޮގްބާގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާތީއެވެ.
މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އައު އެއްބަސްވުމަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ލިބިފައިނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ ކުރިން ޕޮގްބާގެ އޭޖެންޓް މިނޯ ރައިއޯލާ ވަނީ ޔުނައިޓެޑުގައި ޕޮގްބާ ހުރީ ހިތްހަމަޖެހިގެން ނޫން ކަމަށާއި، އެހެންކަމުން ޔުނައިޓެޑް ދޫކޮށް އެހެން ކުލަބަކަށް ޕޮގްބާ ބަދަލުވާން ޖެހޭ ކަމަށް ބުނެފައެވެ.
ރިޕޯތްތައް ބުނާ ގޮތުން ޔުނައިޓެޑްގެ ކޯޗު ރަންގްނިކްގެ ޕްލޭނުގައި ޕޮގްބާއަކީ މުހިންމު ކުޅުންތެރިއެކެވެ، އެހެންކަމުން އޭނާ ފޯމަކަށް އެޅުމުން ޔުނައިޓެޑްގެ ފުރަތަމަ އެގާރައިން ޕޮގްބާ ފެނުން ގާތެވެ.
އެކަމަކު މީގެ ކުރިން މީޑިއާއަށް ދިން އިންޓަރވިއުއެއްގައި ރަންގްނިކް ވަނީ ޕޮގްބާ ބޭނުންވާނަމަ ކްލަބް ބަދަލުކުރުމުގެ ފުރުސަތު އޭނާއަށް އޮންނާނެ ކަމަށް ބުނެފައެވެ. އަދި ޔުނައިޓެޑް ފަދަ ބޮޑު ޓީމަކަށް ކުޅެން ބޭނުންނުވާ ކުޅުންތެރިއެއްގެ ވިސްނުން ބަދަލުކޮށްގެން އެކަން ކުރުވަން ބޭނުންނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މީގެ ކުރިން އެތައް ފަހަރަކު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ މަސައްކަތް ކޮށްފައިވާއިރު، އޭނާ ހޯދުމަށް ރެއާލް މެޑްރިޑާއި، ޔުވެންޓަސް އަދި ޕީއެސްޖީންވެސް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މީގެ ކުރިން ޕޮގްބާ ވަނީ ކޮންމެވެސް ދުވަހަކުން ރެއާލަށް ކުޅުމަކީ ދެކެމުން އަންނަ ހުވަފެނެއް ކަމަށްވެސް ބުނެފައެވެ.
ޔުނައިޓެޑުން 2010 ވަނަ އަހަރު ކެރިއަރު ފެށި ޕޮގްބާ މީގެ ކުރިން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޔުވެންޓަސްއަށް ބަދަލުވެ އެ ޓީމުގައި ހަތަރު ސީޒަން ހޭދަކޮށްފައެވެ. އޭގެ ފަހުން އަނެއްކާވެސް ޕޮގްބާ އަނބުރާ ޔުނައިޓެޑަށް ބަދަލުވީ 2016 ވަނަ އަހަރު 105 މިލިޔަން ޔޫރޯއަށެވެ. ޕޮގްބާ ވަނީ މިހާތަނަށް ޔުނައިޓެޑާއެކު އިނގިރޭސި ލީގު ކަޕުގެ އިތުރަށް ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.