ކ. މާލެ
|
29 ޖެނުއަރީ 2022 | ހޮނިހިރު 05:45
ޗައިނާގެ ބާއްވާ އޮލިމްޕިކް ގޭމްސް އާ ދެކޮޅަށް އަޑުއުފުލަނީ
ޗައިނާގެ ބާއްވާ އޮލިމްޕިކް ގޭމްސް އާ ދެކޮޅަށް އަޑުއުފުލަނީ
އަލްޖަޒީރާ
ޗައިނާގެ އިންސާނީ ހައްގުތަކާ ބެހޭ މައްސަލަތައް
އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނާރ އަށް ޗައިނާއަށް ދިޔުމުގެ ހުއްދަދީފި
ވިންޓަރ އޮލިމްޕިކްސް ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 4ން 20ށް
އެދަތުރުގައި އެއްވެސް ކަމެއް ތަހުގީގު ނުކުރެވޭނެ
ޗައިނާއިން އަންނަނީ އުއިގޫރް މުސްލިމުންނާ އެނޫންވެސް މީސްކޮޅު މަދު ގްރޫޕްތަކާއި ދެކޮޅަށް އިންސާނީ ޚިލާފު އަމަލުތައް ހިންގަމުން

ޗައިނާގައި ބާއްވާ ވިންޓަރ އޮލިމްޕިކްސް ގޭމްސް ނިމުމުން އދގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމިޝަނަރ މިޝޭލް ބެޝްލެޓް އަށް ޗައިނާއަށް އައުމުގެ ހުއްދަ އެގައުމުން ދީފިއެވެ.

ދެކުނު ޗައިނާގެ މޯނިންގ ޕޯސްޓް ނޫހުގައި ރިޕޯޓްކޮށްފައިވާ ގޮތުން 2022 ވަނަ އަހަރުގެ ފުރަތަމަ ހަމަސް ދުވަސްތެރޭގައި އދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރ އަށް ޗައިނާއަށް އައުމުގެ ހުއްދަ ޗައިނާއިން ދީފައިވާކަމަށާއި ނަމަވެސް އެދަތުރުގައި އެއްވެސް ކަމެއް ތަހުގީގު ނުކުރެވޭނެކަމަށެވެ. ބެއިޖިންގ ގައި ކުރިޔަށްދާ ވިންޓަރ އޮލިމްޕިކްސް ކުރިޔަށްދާނީ ފެބްރުއަރީ މަހުގެ 4ން 20ށެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ މީހުންނާއި ގްރޫޕްތަކުން ގަބޫލުކުރާ ގޮތުގައި ޗައިނާއިން އަންނަނީ އުއިގޫރް މުސްލިމުންނާ އެނޫންވެސް މީސްކޮޅު މަދު ގްރޫޕްތަކާއި ދެކޮޅަށް އިންސާނީ ޚިލާފު އަމަލުތައް ހިންގަމުންނެވެ. އެގޮތުން ޗައިނާގެ ހުޅަނގުގެ ސަރަހައްދުކަމުގައިވާ ޒިންޖިއާންގ ގައި އެތައް ހާސް ބަޔަކު ހައްޔަރުކޮށް، އަނިޔާދީ، ގަދަބާރުން މަސައްކަތްކުރުވާ ކަމުގެ ރިޕޯޓްތައް ވަނީ ފެންމަތިވެފައެވެ.

އެމެރިކާއިން ތުހުމަތުކުރާ ގޮތުގައި ޗައިނާއިން ވަނީ ޒިންޖިއާންގ ގައި ގަތުލުއާންމު ހިންގާފައެވެ. އިނގިރޭސިވިލާތުގައި މިކަމާއި ގުޅިގެން ކުރިޔަށްގެންދިޔަ މިނިވަން ޝަރީއަތެއްގައިވެސް ވަނީ ޗައިނާ އިން އުއިގޫރްގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމު ހިންގާފައިވާކަން ސާބިތުވާކަމަށް ނިންމާފައެވެ.

ނަމަވެސް ޗައިނާއިން އަންނަނީ ތަކުރާރުކޮށް މިތުހުމަތުތައް ދޮގުކުރަމުންނެވެ. އަދި އުއިގޫރް އާއި ޓާކިކް މުސްލިމުންދާ ދެކޮޅަށް އެގައުމުން ކުރަމުންދާ ކަންކަމަކީ ހައްދުފަހަނައަޅާ ދިޔުން ހުއްޓުވުމަށް ކުރާ ކަމެއްކަމަށް އެގައުމުން އަންނަނީ ބުނަމުންނެވެ.

އދ ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރ ޗައިނާއަށް ވަޑައިގެންނެވުމަށް އެގައުމާއެކު ވާހަކަތައް ދައްކަވަމުން ގެންދަވަނީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުން ފެށިގެންނެވެ.

ޗައިނާއިން މިޝޭލްއަށް ޗައިނާއަށް ވަޑައިގަތުމުގެ ހުއްދަދީފައި މިވަނީ ކުރިޔަށް އޮތް ވިންޓަރ އޮލިމްޕިކްސް ގޭމްސް ނިމުމުގެ ކުރިން ޒިންޖިއާންގގެ އިންސާނީ ހައްގުތަކުގެ ހާލަތާއި ގުޅޭގޮތުން ޔޫއެންއެޗްސީއާރުގެ ރިޕޯޓް ނުނެރޭނެކަން ޔަގީންކުރުމަށްކަމަށްވެސް ބައެއް ފަރާތްތަކުން ދެކެއެވެ.

ޗައިނާއިން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމަށްބުނެ އެމެރިކާ ހިމެނޭ ގޮތުން ބައެއް ގައުމުތަކުން ވަނީ މިފަހަރުގެ ގޭމްސްގައި ބައިވެރިވުމާ ދެކޮޅު ހަދާފައެވެ.

އދގެ މާހިރުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ގްރޫޕްތަކުން އަންދާޒާކުރާ ގޮތުގައި ފާއިތުވި އަހަރުތަކުގައި އުއިގޫރް އާއި ޓާކިކް މުސްލިމުންގެ އެތައް މިލިއަން ބަޔަކު ބަންދުކޮށްގެން ކޭމްޕްތަކުގައި ވަނީ ގެންގުޅެފައެވެ.

ޗައިނާގެ އެތެރޭގައި ހިންގަމުންދާ އިންސާނީ ހައްގުތަކާއި ޚިލާފު އަމަލުތަކުގެ ސަބަބުން އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ، ޖަޕާން އަދި ޑެންމާކުން ބުނެފައިވަނީ މިފަހަރުގެ އޮލިމްޕިކް ގޭމްސް އަށް އޮފިޝަލް ވަފުދުތައް ނުފޮނުވާނެކަމަށެވެ.

- ކޮމެންޓް