ބައިނަލްއަގުވާމީ މާކެޓްގައި ރާއްޖެއިން ފުރަތަމަ ފަހަރަށް ސޮވެރިން ބޮންޑް ވިއްކައިފި އެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި ބުދަ ދުވަހު ސިންގަޕޫރުގައި ވިއްކާފައި ވަނީ 200 މިލިއަން ޑޮލަރުގެ ބޮންޑެވެ.
ފިނޭންސް މިނިސްޓްރީން ބުނި ގޮތުގައި މި ބޮންޑް އިޝޫކުރުމަށް ހުޅުވާލުމާއެކު މަދު ވަގުތުކޮޅެއްގެ ތެރޭގައި ދެގުނަ އަށް އޯވަ ސަބްސްކްރައިބްވެގެން ދިޔަ އެވެ.
"މި ބޮންޑް އިޝޫކުރެވި މިހާރު ވަނީ ސިންގަޕޯ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓްކޮށްފައަ އެވެ. ރާއްޖޭއިން ބޮންޑް ވިއްކުމަށް ހުޅުވާލުމާއެކު ބައިނަލްއަގުވާމީ އިންވެސްޓަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. މި ބޮންޑު ގަތުމަށް 400 މިލިއަން ޑޮލަރަށް ވުރެ ގިނަ އަދަދަކަށް އިންވެޓަރުންގެ ހުށަހެޅުންތައް ހުށަހެޅި އެވެ." ފިނޭންސްގެ ބަޔާނުގައިވެ އެވެ.
މި ބޮންޑަށް މާކެޓުން ހުށަހަޅާފައިވަނީ ހަތެއް ޕަސެންޓްގެ ކޫޕަން ރޭޓެކެވެ. މި ރޭޓަކީ ފުރަތަމަ ފަހަރަށް މާލީ ބާޒާރަށް ނުކުމެފައިވާ ގައުމުތަކާ އަދި ދިވެހިރާއްޖެއާ އެއްމިންވަރެއްގެ ކްރެޑިޓް ރޭޓިންގް ލިބިފައިވާ ގައުމުތަކާ އަޅައިކިޔޭނެ ރޭޓެއް ކަމަށް ފިނޭންސް މިނިސްޓްރީ ބުނެ އެވެ.
"ދިވެހި ރާއްޖޭގެ ކްރެޑިޓް ރޭޓިން ރަނގަޅުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންގެންދާނެ ކަމުގެ ޔަގީންކަން ވެސް މި ފުރުސަތުގައި ސަރުކާރުން އަރުވަމެވެ. މީގެ ސަބަބުން އިންވެސްޓަރުންނަށް ރާއްޖޭއާމެދު އޮތް އިތުބާރު ބޮޑުވެ، ބޮންޑުގެ ޔީލްޑް ކުރިމަގުގައި ދަށް ކުރެވިގެންދާނެ އެވެ. މި ބޮންޑް ވިއްކައިގެން ލިބުނު 200 މިލިއަން އެމެރިކާ ޑޮލަރު ބޭނުންކުރުމަށް ނިންމާފައި ވަނީ 2017 ވަނަ އަހަރުގެ ފާސްކުރި ބަޖެޓްގައިވާ ތަރައްގީގެ މަޝްރޫއުތައް ފައިނޭންސްކުރުމަށެވެ. މިކަމުގެ ސަބަބުން ތަރައްގީގެ ގެ ދުވެލި އިތުރަށް ހަލުވިވެ ރާއްޖޭގެ ރައްޔިތުންނަށާއި މުޅި އިގްތިސޯދަށް ކުރިއެރުންތަކެއް ލިބިގެންދާނެ އެވެ." ފިނޭންސްއިން ބުނެ އެވެ.
ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމަށް މިފެށި މަސައްކަތަކީ، ފިނޭންސް މިނިސްޓްރީން ބުނިގޮތުގައި، ގައުމެއްގެ ހައިސިއްޔަތުން އެޅުނު މުހިންމު ފިޔަވަޅެކެވެ. އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ލިސްޓުން ދިވެހިރާއްޖެ ވަކިވެ، ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ކުރިއަށް ދާއިރު ބައިނަލްއަގުވާމީ ބާޒާރުން ފައިނޭންސް ހޯދުމަކީ ދިވެހިރާއްޖެ ތަރައްގީވަމުން އަންނަ ގައުމެއްގެ ގޮތުގައި ތަސައްރަފު ފުދިފައިވާ ކަމުގެ ނިޝާނެއް ކަމަށް ފިނޭންސް އިން ބުނެ އެވެ.
މި ބޮންޑަށް ބައިނަލްއަގުވާމީ މާލީ ބާޒާރުން އޭޝިއާ އަދި ޔޫރަޕްގެ އެސެޓް މެނޭޖަރުންނާއި ބޭންކްތަކުން އިންވެސްޓްކޮށް ލިބިގެން ދިޔަ ތަރުހީބުން އެނގިގެން ދިޔައީ ދިވެހިރާއްޖެއާ މެދު ބޭރުގެ އިންވެސްޓަރުން މެދުގައި އޮތް އިތުބާރު ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. އަދި ރާއްޖޭގެ ތަރައްގީގައި ބޭރުގެ އިންވެސްޓަރުންގެ ޝައުގުވެރިކަމާއެކު ބައިވެރިވުން އިތުރަށް އޮތްކަމުގެ ނިޝާނެއް ކަމަށާއި، މި ވިއްކި ބޮންޑުގެ ސަބަބުން ރާއްޖޭގެ ކުންފުނިތަކަށް ބައިނަލްއަގުވާމީ މާލީ ބާޒާރުން ފައިނޭންސް ހޯދުމަށް އައު ދޮރެއް ހުޅުވިގެން ދާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެ އެވެ.