ވޯލްޑް ކަޕް ކޮލިފައިންގައި ކުރިއަށް އޮތް ދެ މެޗަށް ނެގި އާޖެންޓީނާގެ ސްކޮޑުން އެ ޓީމުގެ ތަރި ލިއޮނެލް މެސީ ބާކީ ކުރީ އަދިވެސް އޭނާ އެއްކޮށް ފިޓް ނުވާތީ ކަމަށް އެ ޓީމުގެ ކޯޗު ލިއޮނެލް ސްކަލޯނީ ބުނެފިއެވެ.
އައު އަހަރު ފާހަގަކުރުމަށް އާޖެންޓީނާގައި ހުއްޓައި މެސީ ކޮވިޑަށް ޕޮޒިޓިވްވިއިރު، ހަފްތާއެއްހާ ދުވަހު އެކަހެރިވެ ކަރަންޓީނުގައި މެސީ ހުރެފައިވެއެވެ.
ކޮވިޑުން ރަނގަޅުވެ މެސީ ވަނީ ޕީއެސްޖީ އެންމެ ފަހުން ލީގުގައި ރެއިމްސް އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަހު 30 މިނެޓު ކުޅެފައެވެ. މި މެޗުގެ ކުރިން މެސީ ޕީއެސްޖީއަށް މެޗެއް ކުޅުނީ އެއް މަސް ކުރިންނެވެ.
ކޮވިޑްގެ ސަބަބުން މެސީގެ ފިޓްނަސްއަށް އަސަރުކޮށްފައިވާތީ ވޯލްޑް ކަޕް ކޮލިފައިންގައި ކޮލަމްބިއާ އާއި ޗިލީއާ ދެކޮޅަށް އާޖެންޓީނާ ކުޅޭ މެޗަށް ނެގި ސްކޮޑުން އޭނާ ވަނީ ބާކީކޮށްފައެވެ.
މިކަމާއި ގުޅިގެން އާޖެންޓީނާގެ ކޯޗު ސްކަލޯނީ ބުނީ ކޮވިޑްގެ ސަބަބުން މެސީގެ ހަށިގަނޑަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އެކަން މެސީއަށްވެސް އިހުސާސްވަމުން އަންނަ ކަމަށާއި ރިކަވަރީ އާއި މެޗު ފިޓްނަސްއަށް ބަލާއިރު މި ވަގުތުގެ މެސީއަށް އެންމެ ރަނގަޅު ގޮތަކީ ކްލަބުގައި މަޑުކުރުން ކަމުގައި ސްކަލޯނީ ބުންޏެވެ.
ސްކަލޯނީ އިތުރަށް ބުނީ މެސީއަކީ އަބަދުވެސް އާޖެންޓީނާއަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި، އެހެން ނަމަވެސް މިވަގުތު މުހިންމީ މެސީ ރަނގަޅަށް އަރާމުކޮށް އަވަހަށް ފިޓުވުން ކަމަށެވެ.
މެސީގެ ބަދަލުގައި ކުރިޔަށް އޮތް ދެ މެޗުގައި އާޖެންޓީނާގެ ކެޕްޓަން ބޭންޑް އަޅާނީ އޭނާއާއެކު ޕީއެސްޖީއަށް ކުޅެމުން އަންނަ އެންހެލް ޑި މާރިއާއެވެ. މީގެ ކުރިން ޑި މާރިއާ ވަނީ މިދިޔަ ނޮވެމްބަރު މަހު އާޖެންޓީނާއިން އުރުގުއޭ އާއި ދެކޮޅަށް ކުޅުނު މެޗުގައި ވެސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅެފައެވެ.
ސްކަލޯނީ ބުނީ މެސީ ސްކޮޑުން ބާކީ ކުރީ އޭނާއާ ވާހަކަ ދެއްކުމަށް ފަހުގައި ކަމަށެވެ. އަދި އެއީ މިވަގުތުގެ ހާލަތަށް ބަލައި ޕީއެސްޖީންވެސް އެދޭ ގޮތް ކަމަށް ސްކަލޯނީ ބުންޏެވެ.