އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ކުއާޓާ ފައިނަލުގެ ފަހު ދެ ޖާގަ މިިސްރާއި އެކުއަޓޯރިއަލް ގިނީ އިން ކަށަވަރުކޮށްފިއެވެ.
ބުދަ ދުވަހުގެރޭ އައިވަރީ ކޯސްޓާ ދެކޮޅަށް ކުޅުނު މެޗު މިސްރުން ކާމިޔާބުކުރީ ޕެނަލްޓީގައި 5-4 ގެ ނަތީޖާއަކުންނެވެ.
ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި މިސްރުގެ އޮމާރް މާމޫޝް ފޮނުވާލި ނުރައްކާތެރި ހަމަލާ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އޭގެ ފަހުން މިސްރުގެ ކެޕްޓަން އަދި އިތުބާރު ފޯވާޑް މުޙައްމަދު ސަލާޙް ފޮނުވާލި ހަމަލާ އައިވަރީ ކޯސްޓުގެ ކީޕަރު ބަދުރާ އަލީ ސަންގާރޭ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އައިވަރީ ކޯސްޓުގެ އިބްރާހީމް ސަންގާރޭ ފޮނުވާލި ނުރައްކާތެރި ހަމަލާ މިސްރުގެ ކީޕަރު މުޙައްމަދު އަލްޝަނާވީ ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފުގައި މިސްރުގެ ތަރި ސަލާޙް އައިވަރީ ކޯސްޓުގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ލަނޑެއް ޖެހޭ ގޮތް ވަނީ ނުވެފައެވެ.
ދެވަނަ ހާފުގައި މިސްރަށް މައްސަލަތަކާއި ކުރިމަތިވެފައިވަނީ މެޗުގެ 88 ވަނަ މިނެޓުގައި ކީޕަރު އެލްޝަނާވީއަށް އަނިޔާވެ ބަދަލު ކީޕަރު މުޙައްމަދު އަބޫގަބާލް ކުޅެން އަރުވަން ޖެހުމުންނެވެ.
މެޗުގެ ފުރިހަމަ ވަގުތުގައި ދެ ޓީމަށްވެސް ލަނޑެއް ޖެހިފައި ނުވުމުން އިތުރު ވަގުތުގެ ދެ ހާފު ވަނީ ކުޅެފައެވެ. އަދި މި ދެ ހާފުގައިވެސް ނަތީޖާ ނުނެރެވުމުން ނަތީޖާ ނެރެން ޕެނަލްޓީ ވަނީ ޖަހާފައެވެ.
ދެ ޓީމުން ފޮނުވާލި ޕެނަލްޓީތަކުގެ ތެރެއިން ނާކާމިޔާބުވީ އައިވަރީ ކޯސްޓުގެ ޑިފެންޑަރު އެރިކް ބާއީ ޖެހި ޕެނަލްޓީއެވެ. ބާއީ ޖެހި ޕެނަލްޓީ މިސްރުގެ ކީޕަރު އަބޫގަބާލް ވަނީ ދިފާއުކޮށްފައެވެ.
ބުދަ ދުވަހުގެރޭ ދެން ކުޅުނު މެޗަށް ބަލާއިރު ޕެނަލްޓީގައި މާލީ 6-5 ގެ ނަތީޖާއަކުން ބަލިކޮށް އެކުއަޓޯރިއަލް ގިނީ ވަނީ ކުއާޓާގެ ޖާގަ ކަށަވަރުކޮށްފައެވެ.
މާލީން ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް އެކުއަޓޯރިއަލް ގިނީގެ ހާފަށް ބާރު ބޮޑުކުރި ނަމަވެސް އެ ޓީމަށް ވަނީ ލަނޑެއް ޖެހޭ ގޮތް ނުވެފައެވެ. މާލީގެ ހަމަލާތައް ހުއްޓުވުމުގައި އެކުއަޓޯރިއަލް ގިނީގެ ޑިފެންޑަރުންނާއި ކީޕަރު ހަސިސް އޮވޮނޯ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގައިވެސް ލަނޑެއް ނުޖެހުމުން މެޗުގައި ނަތީޖާ ނެރެފައިވަނީ ޕެނަލްޓީ ޖަހައިގެންނެވެ.
ޕެނަލްޓީގައި މާލީގެ މަސާޑިއޯ ހަޑިރާ އާއި ހަމަރާއީ ޓްރާއޯ އަދި ފެލަޔޭ ސަކޯ ފޮނުވާލި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. އަދި އެކުއަޓޯރިއަލް ގިނީން ޕެނަލްޓީ ނާކާމިޔާބުވީ ހަމައެކަނި ޕަބްލޯ ގެނަޓް ފޮނުވާލި ޕެނަލްޓީއެވެ.
ކުއާޓާގެ މެޗުތަކަށް ބަލާއިރު، ފުރަތަމަ މެޗުގައި ބުރްކީނާ ފާސޯ ކުޅޭނީ ޓިއުނީޝިއާއާ އެވެ. ދެ ވަނަ ކުއާޓާ ފައިނަލުގައި ސެނެގޯލް ކުޅޭނީ އިކުއޭޓްރަލް ގިނީއާ އެވެ. ތިން ވަނަ ކުއާޓާ ފައިނަލުގައި ގެމްބިއާ އާއި ކެމަރޫން ކުޅޭއިރު، ކުއާޓާ ފައިނަލްގެ ފަހު މެޗުގައި މިސްރު ބައްދަލުކުރާނީ މޮރޮކޯއާއެވެ.