ގައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ބޭނުންވާތީ ގައުމީ ފުޓުބޯޅަ ޓީމުގެ ސްކޮޑަށް އައު ކުޅުންތެރިންތަކެއް ލައިގެން ފަރިތަކުރުންތައް ފަށައިފިއެވެ.
މި ފަރިތަކުރުންތައް ކުރިޔަށް ދާނީ ފަސް ދުވަހުގެ މުއްދަތަށެވެ. އަދި މި ފަރިތަކުރުންތަކުގައި ގައުމީ ސްކޮޑުގައި ކުރިން ނުހިމެނޭ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި މާޒިޔާގެ ވައިސް ކެޕްޓަން މުޙައްމަދު އިރުފާން (އިރޭ)، ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ)، މުހައްމަދު ސާއިފް، ގްރީން ސްޓްރީޓްސް ދޫކޮށް ވެލެންސިއާއަށް ބަދަލުވި އަބްދުﷲ ޔާމީން (ޔާނު)، މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފާއި ޑިފެންޑަރު ހަސަން ޝިފާޒް (ޑުންގާ) އަދި ވެލެންސިއާގެ ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ހިމެނެއެވެ.
ބުދަ ދުވަހު ޓާފް ދަނޑުގައި ކުރިޔަށްގެންދިޔަ ޓްރެއިނިންގ ސެޝަނަކީ ކޯޗު މޮރިއޭރޯ އާއި ދާދި ފަހުން ގައުމީ ޓީމާ ގުޅުނު އެސިސްޓަންޓް ކޯޗު ޕޯޗުގަލްގެ ސިމާއޯ ކޮސްޓާ ގުޅުނު ފަހުން ބޭއްވި ފުރަތަމަ ފަރިތަކުރުމެވެ.
ގައުމީ ކޯޗު މޮރިއޭރޯގެ ފަރިތަކުރުންތަކަށް ކްލަބްތަކުން ރިލީސްކޮށްފައިތިބި ކުޅުންތެރިންނަށް ދެން ކްލަބް ފަރިތަކުރުންތަކުގައި ބައިވެރިވެވޭއިރު އޮންނާނީ ސީޒަން ފަށަން ހަފްތާއަކަށް ވުރެ ކުޑަ ދުވަސްކޮޅަކަށްވެފައެވެ.
ބުދަ ދުވަހު ކުރިޔަށްދިޔަ ފަރިތަކުރުންތަކުގައި އަނިޔާގެ ސަބަބުން ވެލެންސިއާގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ)ގެ އިތުރުން މާޒިޔާގެ ސަމޫހު އަލީ (ސަމުއްޓޭ) ބައިވެރިވެފައެއް ނުވެއެވެ.
ނޭޕާލާ ދެކޮޅަށް އެކުވެެރިކަމުގެ ދެ މެޗެއް ކުޅެން ރާއްޖެ އަށް ފުރުސަތު ލިބުނު ނަމަވެސް ދަތުރު ފަތުރުކޮށްގެން ކުޅެން މި ދުވަސްވަރު ހުރި ދަތިތަކުގެ ސަަބަބުން އެ މެޗުތައް ކުޅެވޭގޮތްނުވިއެވެ. އެހެންވެ، ދާދި ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ ހުރިހާ މެޗަކާއި ކްލަބްތަކުގެ ގިނަ ޓްރެއިނިން ސެޝަންތަކެއް ބެލުމަށް ފަހު ގައުމީ ކޯޗު މޮރިއޭރޯ މި ފަހަރުގެ އިންޓަނޭޝަނަލް ބްރޭކުގެ ބޭނުންހިފަން ނިންމީ ޓްރެއިނިން ސެޝަންތަކެއް ކުރިއަށްގެންދާ ގޮތަށެވެ.