ކ. މާލެ
|
27 ޖެނުއަރީ 2022 | ބުރާސްފަތި 07:15
އަފްޣާނިސްތާނުގެ އާއިލާއެއް
އަފްޣާނިސްތާނުގެ އާއިލާއެއް
އަލްޖަޒީރާ
އަފްޣާނިސްތާނުގެ ހާލަތު
އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށް އދ ގެ ސެކެޓްރީ ޖެނެރަލް ތާލިބާނުންނަށް ގޮވާލައްވައިފި
އާއިލާތަކުން ކުޑަކުދިން ވިއްކައިގެން ކާބޯތަކެތި ހޯދަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ވީ އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގޮވާލެއްވި
އަފްޣާނިސްތާނު މިހާރު ވަނީ މަރުގެ ތުންފަތްމަތީގައި ކަމަށް ގުޓަރޭސް ވިދާޅުވި
އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ހޯދުމަށް ގުޓަރޭސް ތާލިބާނުންނަށް ގޮވާލެއްވި

އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އދގެ ސެކެޓްރީ ޖެނެރަލް އެންތޯނިއޯ ގުޓަރޭސް އަފްޣާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުންނަށް ގޮވާލައްވައިފިއެވެ.

އދގެ ސަލާމަތީ މަޖިލީހުގައި ވާހަކަދައްކަވަމުން ގުޓަރޭސް ވަނީ ފްރީޒްކޮށްފައިވާ އަފްޣާނިސްތާނުގެ އެސެޓްތައް އަންފްރީޒްކޮށް ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން އަފްޣާނިސްތާނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އެދިވަޑައިގަންނަވާފައެވެ. ވަކިން ޚާއްސަކޮށް އަފްޣާނިސްތާނުގެ އާއިލާތަކުން ކުޑަކުދިން ވިއްކައިގެން ކާބޯތަކެތި ހޯދަމުންދާ މައްސަލައަށް ހައްލެއް ގެނައުމަށް ބައިނަލްއަގްވާމީ މުޖުތަމައުއިން ވީ އެންމެ އަވަހަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގުޓަރޭސް އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން ގުޓަރޭސް ވިދާޅުވީ އަފްޣާނިސްތާނު މިހާރު ވަނީ މަރުގެ ތުންފަތްމަތީގައި ކަމަށެވެ. އެތައް މިލިއަން ބަޔެއްގެ ދިރިއުޅުމުގެ ހާލަތު ވަރަށް ބޮޑަށް ދަށްވެ ދިރިހުރުމަށް ހަނގުރާމަކުރަމުންދާކަމަށް ގުޓަރޭސް ވިދާޅުވިއެވެ.

މިވަގުތުގެ ބޭނުން އެންމެ ރަނގަޅަށް ތާލިބާނުން ހިފާ އަންހެނުންނާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށް ބައިނަލްއަގްވާމީ މުޖުތަމައުގެ އިތުބާރު ހޯދުމަށް ގުޓަރޭސް ތާލިބާނުންނަށް ގޮވާލެއްވިއެވެ.

ގުޓަރޭސް ވަނީ އަފްޣާނިސްތާނުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓުންތަކެއް ދާދިފަހުން ތާލިބާނުން ހައްޔަރުކޮށް ވަގަށް ނެގި މައްސަލައަށް އަލިއަޅުވާލައްވާ އެކަމާއި ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެމީހުން މިނިވަންކުރުމަށް ގުޓަރޭސް ގޮވާލެއްވިއެވެ.

އަދި ހަމައެއާއެކު ބައިނަލްއަގްވާމީ މުޖުތަމައުގެ އެހީތެރިކަން ދިނުމަށްވެސް ގުޓަރޭސް ގޮވާލެއްވިއެވެ. އަފްޣާނިސްތާނުގެ ސެންޓްރަލް ބޭންކުގައި ހުރި 9.5 ބިލިއަން އެމެރިކާ ޑޮލަރު އަދިވެސް ވަނީ ހިފަހައްޓާފައެވެ. އަދި އަފްޣާނިސްތާނު ރައްޔިތުންނަށް އެހީތެރިވުމަށް ބައިނަލްއަގްވާމީ މުޖުތަމައުން މީގެކުރިން އެގައުމަށް ފޯރުކޮށްދީފައިވާ އެހީތައްވެސް ތާލިބާން ސަރުކާރު އައުމާއެކު ވަނީ ހުއްޓުވާފައެވެ.

އަފްޣާނިސްތާނުގެ އާބާދިގެ ދެބައިކުޅަ އެއްބަޔަށްވުރެ ގިނަ މީހުން އަންނަނީ އިންތިހާ ދަރަޖައިގެ ބަނޑުހައިހޫނުކަން ތަހައްމަލުކުރަމުންނެވެ. އަދި ބައެއް އާއިލާތަކުން ކުޑަކުދިން ވިއްކައިގެންނާއި ކުޑަކުދިންގެ ގުނަވަންތައް ވިއްކައިގެން ބަނޑުހައިހޫނުކަން ފިލުވާކަމުގެ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އދ. އިން ވަނީ މިމަހުގެ ކުރީކޮޅު 4.4 ބިލިއަން އެމެރިކާ ޑޮލަރު އަފްޣާނިސްތާނަށް މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ބައިނަލްއަގްވާމީ މުޖުތަމައުއަށް ގޮވާލާފައެވެ. އަދި ބުދަ ދުވަހު އދ. އިން ބުނެފައިވަނީ ސިއްހީ ނިޒާމު ޚަރުދަނާކުރުމަށާއި ތައުލީމާއި އިންފްރާސްޓްރަކްޗަރ ގާއިމުކުރުމަށާއި މީހުންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމަށް އިތުރު 3.6 ބިލިއަން އެމެރިކާ ޑޮލަރު ބޭނުންވާކަމަށެވެ.

ތާލިބާންގެ އޮފިޝަލުން ވަނީ ދާދިފަހުން ހުޅަނގުގެ ގައުމުތަކާއެކު އޮސްލޯގައި ވާހަކަތައް ކުރިޔަށް ގެންގޮސްފައެވެ. މިވާހަކަތަކަކީ އަފްޣާނިސްތާނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި އަފްޣާނިސްތާނުގެ ރައްޔިތުންގެ އިންސާނީ ހައްގުތައް ރައްކާތެރިކުރުމާއި ގުޅޭގޮތުން ކުރިޔަށް ގެންދިޔަ ވާހަކަތަކެކެވެ.

- ކޮމެންޓް