ކ. މާލެ
|
26 ޖެނުއަރީ 2022 | ބުދަ 11:10
ސެނެގާލާއި ކޭޕް ވާޑް ބައްދަލުކުރި މެޗުގެ ތެރެއިން
ސެނެގާލާއި ކޭޕް ވާޑް ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
ސެނެގާލާއި މޮރޮކޯ ކުއާޓާއަށް
މޮރޮކޯ މޮޅުވީ މަލާވީ އަތުން 2-1 ގެ ނަތީޖާއަކުން
ސެނެގާލް މޮޅުވީ ކޭޕް ވާޑް އަތުން 2-0 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުތަކުން މޮޅުވެ ކުއާޓާ ފައިނަލަށް ސެނެގާލާއި މޮރޮކޯ ދަތުރުކޮށްފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ކުއާޓާއަށް ސެނެގާލް ދަތުރުކުރީ ދެވަނަ ބުރުގައި ކޭޕް ވާޑް 2-0 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހުއެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، މި ހާފުގައި ކޭޕް ވާޑުގެ ޕެޓްރިކް އަންޑްރާޑޭއަށް ވަނީ ސީދާ ރަތް ކާޑެއް ދައްކާފައެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު ކޭޕް ވާޑުގެ ގޯލްކީޕަރު ވޮޒީނިއާއަށްވެސް ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ސެނެގާލުގެ ސަޑިއޯ މާނޭއަށް ކުރި ފައުލަކާ ގުޅިގެންނެވެ.

އެ ފައުލާ ގުޅިގެން މާނޭގެ ބޮލަށް ސީރިއަސް އަނިޔާއެއްވި ނަމަވެސް، އޭނާ ވަނީ ދަނޑުމަތީގައި ފަރުވާ ހޯދުމަށްފަހު ކުޅުން ކުރިއަށްގެންގޮސްފައެވެ. އެއާއެކު މެޗުގެ 64 ވަނަ މިނެޓުގައި މާނޭ ވަނީ ސެނެގާލަށް ލީޑު ނަގައިދީފައެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ބޮލަށް ލިބިފައިވާ އަނިޔާއާ ގުޅިގެން މެޗު ކުރިއަށް ނުގެންދެވޭތީ މާނޭ ވަނީ ބަދަލުކޮށްފައެވެ.

މި މެޗުގެ ބޮޑުބައި ކޭޕް ވާޑުން ނުވަ ކުޅުންތެރިންނާއެކު ކުރިއަށްގެންދިޔައިރު، ސެނެގާލުން ލީޑު ފުޅާކޮށްފައިވަނީ މެޗުގެ އިތުރު ވަގުތުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މާނޭގެ ބަދަލުގައި ކުޅެން އެރި އަހުމަދޫ ބެމްބާ ޑިއާންގެވެ.

މޮރޮކޯ އާއި މަލާވީ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

މި މެޗުގެ މޮޅުވެ ސެނެގާލް މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގެ ޖާގައެއް މޮރޮކޯއިން ހޯދީ އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން މަލާވީ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައިވަނީ މަލާވީންނެވެ. މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގަބަޑީނޯ މަންގޯއެވެ. އޭގެ ފަހުން މޮރޮކޯއިން މި މެޗުގައި ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް، މަލާވީގެ ގޯލްކީޕަރު ވަނީ އެ ޓީމުން ފޮނުވާލި ނުރައްކާތެރި ގިނަ ހަމަލާތަކެއް ހުއްޓުވާފައެވެ.

އެކަމަކު މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން މޮރޮކޯއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ހާފުގެ އިތުރު ވަގުތުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އެން-ނެސީރީއެވެ. އަދި މެޗުގެ 70 ވަނަ މިނެޓުގައި މޮރޮކޯއިން ލީޑު ނެގިއިރު، ލިބުނު ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަޝްރަފް ހަކީމީއެވެ.

ސެނެގާލާއި މޮރޮކޯ އާއެކު މިހާތަނަށް މި މުބާރާތުގެ ކުއާޓާއަށް ޖުމްލަ ހަ ޓީމެއް ދަތުރުކޮށްފައިވާއިރު، ކުއާޓާގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. މުބާރާތުގެ ދެވަނަ ބުރުގައި ބާކީ ދެ މެޗު ކުޅެން ހަމަޖެހިފައިވާއިރު، ބުދަ ދުވަހުގެރޭ ކުޅޭ މެޗުގައި އައިވަރީ ކޯސްޓް ނުކުންނާނީ މިސްރާ ދެކޮޅަށެވެ. އަދި މާލީ ނުކުންނާނީ އެކުއަޓޯރިއަލް ގިނީއާ ދެކޮޅަށެވެ.

- ކޮމެންޓް