ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ކުލަބު ވެލެންސިއާ އަތުން ޓީސީ ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ޓީސީ މޮޅުވީ ވެލެންސިއާ އަތުން 4-3 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ޓީސީން މޮޅު ކުޅުމެއް ދެއްކިއިރު، މި ހާފުގައި އެ ޓީމުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗުގެ 28 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓީސީއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ އަހުނަފް މުޙައްމަދު ތަސްނީމް (ނަފްކޮ) އެވެ. މިއީ އޭރިއާ ތެރެއިން ޓީސީގެ ކެޕްޓަން އައިހަމް ހަމްދޫނަށް ވެލެންސިއާގެ ގޯލްކީޕަރު މޫސާ އައްޔާން ހުސައިން ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ. އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ޓީސީން ވަނީ ލީޑު ފުޅާކޮށްފައެވެ. ޔޫސުފް ޝައިފް ނަގައިދިން ކޯނަރުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހަސަން އަޒޫމް އަލީއެވެ.
މި މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާއިން ކުޅުން ރަނގަޅުކުރިއިރު، މެޗުގެ 69 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ފަރަގު ކުޑަކޮށްފައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާމިން އުމަރު މޫސާއެވެ. މިއީ އޭރިއާ ތެރެއިން ވެލެންސިއާގެ އާދަމް ސިޔާނަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.
އެކަމަކު އޭގެ ފަހުން މެޗުގެ 74 ވަނަ މިނެޓުގައި ޓީސީން ވަނީ މި މެޗުގައި އަލުން ލީޑު ފުޅާކޮށްފައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރިތާ ހަތަރު މިނެޓުގެ ތެރޭގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފަހުމާން އަބްދުލް ހަމީދެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ފަހުމާން ވަނީ ޓީސީގެ ހަތަރުވަނަ ލަނޑު ޖަހައިދީފައެވެ.
އެކަމަކު އޭގެ ފަހުން ވެލެންސިއާއިން ވަނީ މެޗުގެ އިތުރު ވަގުތުގައި ގާތްގާތުގައި ދެ ލަނޑު ޖަހައި ފަރަގު ކުޑަކޮށްފައެވެ. އެގޮތުން އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި އީގާން އަބްދުލް މަޖީދު ވަނީ ވެލެންސިއާގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އަދި އޭގެ މިނެޓެއް ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ވެލެންސިއާއަށް ފަރަގު ކުޑަކޮށްދިނީ އާމިންއެވެ.
މި މޮޅާއެކު ޓީސީން ޔޫތު ޗެމްޕިއަންޝިޕުގެ ފެށުން ރަނގަޅުކުރިއިރު، އެ ޓީމު ހިމެނޭ ގްރޫޕް ބީގައި ކޮންމެ ޓީމަކުން މިހާރު ވަނީ މެޗެއް ކުޅެފައެވެ. އެގޮތުން މި ގްރޫޕުގައި ހޯމަ ދުވަހުގެރޭ ކުޅުނު މެޗުން މަހިބަދޫ ސްޕޯޓްސް ކުލަބުން ވަނީ ފަހު ވަގުތު ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ 1-1 ގެ ނަތީޖާއަކުން އެއްވަރުކޮށްފައެވެ. މި ނަތީޖާތަކާއެކު އެއްވަނައިގައި އޮތް ޓީސީއަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މަހިބަދޫ އާއި ޔޫވީއަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ. އަދި ފުލުގައި އޮތް ވެލެންސިއާއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.