ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އޭގައި އަންގާރަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ކުލަބު ގްރީން ސްޓްރީޓްސް ބަލިކޮށް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ފެށުން ރަނގަޅުކޮށްފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން މާޒިޔާ މޮޅުވީ ގްރީން އަތުން 3-0 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި މާޒިޔާއިން ތަފާތު މޮޅު ކުޅުމެއް ދެއްކި ނަމަވެސް، ގްރީނަށް މި މެޗުގައި އެންމެ އެދެވޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައިވެސް ގްރީނަށް މާޒިޔާ ގޯލާ އަމާޒުކޮށް އެންމެ ހަމަލާއެއްވެސް އުފެއްދިފައެއް ނުވެއެވެ. އޭގެ ބަދަލުގައި މާޒިޔާއިން ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ ވަރަށް ކުރީކޮޅު އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މެޗު ފަށައިގެން ނުވަވަނަ މިނެޓުގައި ކޯނަރަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު އުވެއިސެވެ.
އޭގެ ފަހުން މެޗުގެ 16 ވަނަ މިނެޓުގައި މާޒިޔާގެ ޔޫޝައު ބިން އަލީ ނަޝީދު އޭޢރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ވަނީ ގޯލުގެ ހުރަސް ދަނޑިއަށް އަމާޒުވެފައެވެ. އަދި މެޗުގެ 29 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން މާޒިޔާއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އެ ޓީމުގެ އާދަމް ލަޔާން ރަޝީދު ފޮނުވާލި ޕެނަލްޓީ ގްރީންގެ ގޯލްކީޕަރު އަލީ އަބާން މުޙައްމަދު ވަނީ ދިފާއުކޮށްފައެވެ.
މި މެޗުގައި މާޒިޔާއިން ލީޑު ފުޅާކޮށްފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. ހިލޭ ޖެހުމެއްގައި ޔޫޝައު ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު މާޒިޔާއަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން މުޙައްމަދު އިޔާން ހަސަނެވެ. އަދި ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި މާޒިޔާއިން ތިންވަނަ ލަނޑެއް ޖެހިއިރު، މި ލަނޑަކީ ގްރީންގެ މުޙައްމަދު ވިއާމް ވަހީދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުން މާޒިޔާ މޮޅުވިއިރު، މި ގްރޫޕުގައި ހޯމަ ދުވަހުގެ ހަވީރު ކުޅުނު މެޗުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ވަނީ 1-0 ގެ ނަތީޖާއަކުން މޮޅުވެފައެވެ. އެއާއެކު އެއްވަނައިގައި އޮތް މާޒިޔާ އާއި ދެވަނައިގައި އޮތް އީގަލްސްއަށް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. ގްރީން އާއި ސަސްއިން ކުޅުނު މެޗުތަކުން އެ ދެ ޓީމު ބަލިވެފައިވާއިރު، ދެން މި ގްރޫޕުގައި ހިމެނެނީ ދަ ގްރާންޑޭ ސްޕޯޓްސް ކުލަބެވެ. އެ ޓީމުން އަދި މިހާތަނަށް މި މުބާރާތުގައި މެޗެއް ކުޅެފައެއް ނުވެއެވެ.