އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުގައި ހޯމަ ދުވަހުގެރޭ ކޮމޮރޯސް ބަލިކޮށް މުބާރާތް ބާއްވާ ގައުމު ކަމަށްވާ ކެމަރޫނުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދިއިރު، ގިނީ އަތުން މޮޅުވެ ގެމްބިއާވެސް ކުއާޓާއަށް ދަތުރުކޮށްފިއެވެ.
ކޮމޮރޯސް އަތުން ކެމަރޫން މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗާ ކޮމޮރޯސް ކުރިމަތިލިއިރު އެ ޓީމުގައި ގޯލްކީޕަރެއް ނެތެވެ. އެގޮތުން ކޮވިޑް-19 އާއި އަނިޔާގެ މައްސަލަތަކުގެ ސަބަބުން ކޮމޮރޯސް ޓީމުގެ ތިން ގޯލްކީޕަރުންނަށްވެސް މި މެޗުގައި ކުޅުމުގެ ފުރުސަތު ލިބިފައި ނުވާއިރު، މި މެޗުގައި އެ ޓީމުގެ ގޯލު ބަލަހައްޓާފައިވަނީ ޑިފެންޑަރު ޗަކަރު އަލްހަދޫރެވެ.
އެކަމަކު މި މެޗު ފަށައިގެން ހަތްވަނަ މިނެޓުގައި ކޮމޮރޯސްއަށް ވަނީ އިތުރު މައްސަލަތަކެއް ދިމާވެފައެވެ. އެއީ މެޗުގެ ކުރީކޮޅު އެ ޓީމުގެ ނަޖިމް އަބްދޫއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. އެއާއެކު އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ކޮމޮރޯސް ކޮޅަށް މެޗުގެ 29 ވަނަ މިނެޓުގައި ކެމަރޫނުން ވަނީ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކާލް ޓޯކޯ-އެކަމްބީއެވެ.
އޭގެ ފަހުން މެޗުގެ 70 ވަނަ މިނެޓުގައި ކެނަރޫނުން ލީޑު ފުޅާކުރިއިރު، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ވިންސެންޓް އަބޫބަކާރެވެ. ނަމަވެސް މެޗު ނިމެން ނުވަ މިނެޓަށް ވެފައި ވަނިކޮށް އުނދަގޫ ހާލަތެއްގައި އޮތް ކޮމޮރޯސްއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. ހިލޭ ޖެހުމަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް އެމްޗަންގަމާއެވެ.
މި މެޗުގެ މޮޅުވެ ކެމަރޫން މުބާރާތުގެ ކުއާޓާއަށް ދަތުރުކުރިއިރު، ކުއާޓާގެ ޖާގައެއް ގެމްބިއާއިން ހޯދީ ދެވަނަ ބުރުގައި ކުޅުނު މެޗުން ގިނީ އަތުން 1-0 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ. މި މޮޅާއެކު ގެމްބިއާއިން މި ފަހަރުގެ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރަށް ދަތުރުކުރިއިރު، މިއީ ގެމްބިއާއިން މި މުބާރާތުގައި ކުޅޭ ފުރަތަމަ މުބާރާތެވެ.
ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި ގެމްބިއާއިން މޮޅު ކުޅުމެއް ދެއްކިއިރު، މި މެޗުގައި އެ ޓީމުން ވަނީ ގިނީގެ ގޯލާ އަމާޒުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗުގެ 71 ވަނަ މިނެޓުގައެވެ. ޔޫސުފާ ބޮބް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މޫސާ ބަރޯއެވެ. އޭގެ ފަހުން މި މެޗުގެ ފަހު ކޮޅު ގެމްބިއާގެ ޔޫސުފާ ނިޖޭ އާއި ގިނީގެ ކޮންޓޭއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއްވެސް ދައްކާފައެވެ.
މިހާތަނަށް ކުއާޓާއަށް ހަތަރު ޓީމެއް ދަތުރުކޮށްފައިވާއިރު، މުބާރާތުގެ ކުއާޓާގެ މެޗުތައް ފަށާނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ. ކުއާޓާގައި ކެމަރޫން ވާދަކުރަން ޖެހޭނީ ގެމްބިއާއާއެވެ.