ޕާކިސްތާނުގެ ސުޕްރީމް ކޯޓަށް ފުރަތަމަ ފަހަރަށް އަންހެން ފަނޑިޔާރަކު އައްޔަނުކޮށް މަގާމުގެ ހުވާކޮށްފިއެވެ.
އުމުރުން 55 އަހަރުފުޅުގެ އައިޝާ މާލިކް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިގެންދިޔުމަކީ ގައުމުގެ ތާރީޚުގައި ހިނގައިދިޔަ މުހިންމު ކަމެއްގެ ގޮތުގައި އެކްޓިވިސްޓުން އަންނަނީ ދެކެމުންނެވެ. ނަމަވެސް އަދިވެސް ގާނޫނުތައް ހުރީ އަންހެނުންނަށް މިފަދަ މަގާމުތައް އަދާކުރުމާއި އިދިކޮޅަށްކަމަށް އެކްޓިވިސްޓުން ބުނެއެވެ.
އިސްލާމްއާބާދުގައި އޮތް ހަފްލާއެއްގައި އައިޝާ ވަނީ ފަނޑިޔާރުކަމުގެ ހުވާކޮށްފައެވެ. މިއާއެކު ގައުމުގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގައި 16 ފިރިހެން ފަނޑިޔާރުންނާއެކު އައިޝާވެސް އިންނަވާނެއެވެ.
މިއީ ޕާކިސްތާނުގެ ޖުޑީޝަރީގައިވެސް ފާހަގަކޮށްލެވޭ ދުވަހެއްގެ ގޮތުގައި އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ މީހުންދެކެއެވެ.
އައިޝާއަކީ ހާވާރޑް ޔުނިވަރސިޓީން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި ފާއިތުވި 20 އަހަރު އައިޝާ މަސައްކަތް ކުރައްވާފައިވަނީ ލާހޫރުގެ ހައިކޯޓުގައި ފަނޑިޔާރެއްގެ ގޮތުގައެވެ.
އެސަރަހައްދުގައި ފިރިހެނުން ކޮންޓްރޯލްކުރަމުންދިޔަ ކަންތައްތައް އެނޫންގޮތަކަށް އަނބުރާ ލެއްވުމުގައި އައިޝާ ވަނީ މުހިންމު ދައުރެއް އަދާކުރައްވާފައެވެ.
މިދިޔަ އަހަރު އައިޝާ ވަނީ ރޭޕާއި ޖިންސީ ފުރައްސާރައިގެ މައްސަލަތަކުގެ ޝަރީޢަތުގައި އަންހެނާގެ ބިކުރުވެރިކަން ސާބިތުކުރުމަށް މެޑިކަލް ރިޕޯޓް ހުށަހަޅަމުންދިޔަ ދިޔުން ހުއްޓުވާފައެވެ. އައިޝާ ނެރުއްވާފައިވާ އަމުރުގައި ވަނީ ޒަމާނުއްސުރެ ޕާކިސްތާނުގައި އަމަލުކުރަމުންދިޔަ އެއުސޫލަށް އަމަލުކުރުން މަނާކޮށްފައެވެ. އެކަމުގެ ސަބަބުން އަންހެނުންނަށް ލިބެމުންދާ ޖިންސީ އަނިޔާއަށް އިންސާފު ނުލިބިދާއިރު އެމީހުންގެ އަބުރުކަތިލެވި މުޖުތަމައުގައި ދިރިއުޅެން އުނދަގޫތައް ކުރިމަތިވަމުންދާތީ އެކަން ހުއްޓުވުމަށް ޕާކިސްތާނުގައި ދިޔައީ މަސައްކަތްތަކެއް ކުރެވެމުންނެވެ.
އެހެންކަމުން އައިޝާގެ އެއަމުރާއެކު ފިރިހެނުން ކޮންޓްރޯލްކުރަމުންދާ ޕާކިސްތާނުގެ ޖުޑީޝަރީއަށް ބަދަލުތަކެއް އަންނަމުންދާކަމަށް ބައެއް ފަރާތްތަކުންދެކެއެވެ. އަދި އަންހެނުންނަށް ޕާކިސްތާނުގެ ޖުޑީޝަރީ ނިޒާމުގައި ކުރިއަށްދެވިދާނެ ކަމެއްގެ ގޮތުގައި ދެކެއެވެ.
ނަމަވެސް އައިޝާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ވަޑައިގެންނެވުމާ ދެކޮޅު އަޑުތައްވެސް ފާއިތުވި ހަތަރު މަސްދުވަސްތެރޭގައި ވަނީ ގަދަވެފައެވެ. އެއީ އައިޝާ އަށް ވުރެ މާ ސީނިއަރ އެމަގާމަށް ރަނގަޅު ފިރިހެނުން ތިބިކަމަށް ބުނެއެވެ. އަދި ޕާކިސްތާނުގެ ބާ ކައުންސިލުން ވަނީ އައިޝާ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް އައުމާދެކޮޅަށް އަޑުވެސް އުފުލާފައެވެ.