ކ. މާލެ
|
24 ޖެނުއަރީ 2022 | ހޯމަ 13:51
ނައިޖީރިއާ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ނައިޖީރިއާ އާއި ޓިއުނީޝިއާ ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އެފްރިކާ ކަޕް އޮފް ނޭޝަންސް
ނައިޖީރިއާ ކެޓިއިރު، ޓިއުނީޝިއާ އާއި ބުރްކީނާ ފާސޯ ކުއާޓާއަށް
ޕެނަލްޓީގައި ބުރްކީނާ ފާސޯ މޮޅުވީ 7-6 ގެ ނަތީޖާއަކުން
ޓިއުނީޝިއާ މޮޅުވީ ނައިޖީރިއާ އަތުން 1-0 ގެ ނަތީޖާއަކުން

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ދެވަނަ ބުރުން ވަރުގަދަ ނައިޖީރިއާ ކެޓިއިރު، ކުއާޓާ ފައިނަލުގެ ޖާގައެއް ޓިއުނީޝިއާ އާއި ބުރްކީނާ ފާސޯއިން ހޯދައިފިއެވެ.

ކެމަރޫނުގައި ކުރިއަށްދާ މި މުބާރާތުގެ ދެވަނަ ބުރުގެ މެޗުތައް އާދީއްތަ ދުވަހުގެރޭ ފެށިއިރު، ނައިޖީރިއާ ކެޓީ ޓިއުނީޝިއާ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.

މި މެޗުގައި ދެ ޓީމަށްވެސް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައިނުވާއިރު، މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިގެން ގޮސްފައެއް ނުވެއެވެ. މި މެޗުގައި ޓިއުނީޝިއާއިން ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައެވެ. މުހައްމަދު ޑްރެގާ ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޔޫސުފް ސަކްނީއެވެ.

އޭގެ ފަހުން މި މެޗުގައި ނައިޖީރިއާއަށް އިތުރު މައްސަލަތަކެއް ކުރިމަތިވީ މެޗުގެ 66 ވަނަ މިނެޓުގައި އެ ޓީމުގެ އެލެކްސް އިވޯބީއަށް ސީދާ ރަތް ކާޑެއް ދެއްކުމުންނެވެ. ކުޅެން އެރިތާ ހަތް މިނެޓު ނުވަނީސް އިވޯބީއަށް ރަތް ކާޑެއް ދެއްކީ އޭނާ ކުރި ފައުލަކަށް ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) ބެލުމަށްފަހުއެވެ.

މި މެޗުން ބަލިވެ ނައިޖީރިއާ މުބާރާތުން ކެޓިއިރު، ކުއާޓާގެ އަނެއް ޖާގަ ބުރްކީނާ ފާސޯއިން ހޯދީ ދެވަނަ ބުރުގައި އާދީއްތަ ދުވަހުގެރޭ ގެބޮންއާ ވާދަކޮށް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުމުން، ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓުގައި ކުރި ހޯދައިގެންނެވެ. ޕެނަލްޓީ ޖަހައިގެން ބުރްކީނާ ފާސޯ މޮޅުވީ 7-6 ގެ ނަތީޖާއަކުންނެވެ.

- ކޮމެންޓް