ކ. މާލެ
|
24 ޖެނުއަރީ 2022 | ހޯމަ 05:22
ތުރުކީގެ ނޫސްވެރިއެއްކަމުގައިވާ ސަދެފް ކަބާސް
ތުރުކީގެ ނޫސްވެރިއެއްކަމުގައިވާ ސަދެފް ކަބާސް
އަލްޖަޒީރާ
ތުރުކުރީގައި ނޫސްވެރިއަކު ޖަލަށްލުން
ބޭއަދަބީ ބަހުން އުރުދުޣާން އާ މުޚާތަބުކުރި ކަމަށް ބުނެ ތުރުކީގެ ނޫސްވެރިއަކު ޖަލަށްލައިފި
 
2020 ވަނަ އަހަރު އުރުދުޣާން އަށް ބޭއަދަބީ ބަހުން މުޚާތަބުކޮށްގެން ކަމަށްބުނެ 31،297 މައްސަލައެއް ތަހުގީގުކުރި
 
ސަދެފް އަކީ ފާއިތުވި 30 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ނޫސްވެރިއެއް
 
އޭނާ ހައްޔަރުކުރި ކުރުމަށް ކޯޓުން ވަނީ ތާއީދުކޮށްފައި

ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އާ ބޭއަދަބީ ބަހުން މުޚާތަބުކުރި ކަމަށްބުނެ ތުރުކީގެ މަޝްހޫރު ނޫސްވެރިއެއްކަމުގައިވާ ސަދެފް ކަބާސް ޖަލަށް ލައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު ސަދެފް ހައްޔަރުކޮށްފައިވާއިރު އޭނާ މިހާރުވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އަދި އޭނާ ހައްޔަރުކުރި ކުރުމަށް ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.

ސަދެފްގެ މައްޗަށް ތުހުމަތުކުރަނީ ތުރުކީގެ ހަރު ބަހެއް ބޭނުންކޮށްގެން އުރުދުޣާން އަށް އިހުތިރާމް ކުޑަވާގޮތަށް ވާހަކަދެއްކިކަމަށެވެ. ސަދެފް ވަނީ އޭނާގެ މި ޝުޢޫރު އޭނާ މަސައްކަތްކުރަމުން އަންނަ ޓީވީ ޗެނަލްކަމުގައިވާ ޓެލެ ވަން ޗެނަލްގެ ޕްރޮގްރާމެއްގެ އިތުރުން އޭނާގެ ޓްވިޓަރ އެކައުންޓްގައިވެސް ފާޅުކޮށްފައެވެ. މިއާއެކު ތުރުކީ ސަރުކާރުގެ އެކި ފަރާތްތަކުން ވަނީ ސަދެފްގެ މިއަމަލު ކުށްވެރިކޮށްފައެވެ.

ސަދެފްގެ ޓްވީޓްގައި ބުނެފައިވަނީ ގޮންގަނޑުގެރިއެއް އަދި ރިޔާސީ ގަނޑުވަރަށް ފުންމާލިއަސް އެއީ ރަސްގެފާނަށް ނުވާކަމަށެވެ. ނަމަވެސް އެތަން ވެގެންދާނީ ޖަނަވާރުން ގެންގުޅޭ ތަނަކަށްކަމަށެވެ.

އުމުރުން 53 އަހަރުގެ ސަދެފް އަކީ ފާއިތުވި 30 އަހަރު ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކޮށްފައިވާ ނޫސްވެރިއެކެވެ. އަދި ތުރުކީގެ މަޝްހޫރު ޓީވީ ޝޯވތަކެއް އޭނާ ވަނީ ހުށަހަޅައިދީފައެވެ. ސަދެފް ހައްޔަރުކުރުމާއި ގުޅިގެން ޓެލެ ވަން ޗެނަލްގެ ޗީފް އެޑިޓަރ މަރޑަން ޔަނަރޑަގް ބުނީ މިއީ ނޫސްވެރިކަމާއި މީޑިޔާ އާއި މުޖުތަމައު ބިރުގެންނެވުމުގެ އަމަލެއްކަމަށެވެ.

ތުރުކީގެ ގާނޫނު ބުނާގޮތުން އެގައުމުގެ ރައީސް އަށް ބޭއަދަބީ ބަހުން މުޚާތަބުކޮށްފިނަމަ އެމީހަކަށް އެއް އަހަރާއި ހަތަރު އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު ޔޫރަޕްގެ ހިޔުމަން ރައިޓްސް ކޯޓުން ވަނީ ތުރުކީއަށް ގާނޫނުގެ އެބައި ބަދަލުކުރުމަށް ގޮވާލާފައެވެ. އެއީ ޚިޔާލުފާޅުކުރުމަށް ހުރަސްއެޅުންކަމަށް އެކޯޓުން ވަނީ ބުނެފައެވެ.

މިހާތަނަށް އައިއިރު ގާނޫނުގެ އެމާއްދާގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ހައްޔަރުކޮށް ޖަލަށްލާން ހުކުމްކޮށްފައެވެ.

2020 ވަނަ އަހަރު އުރުދުޣާން އަށް ބޭއަދަބީ ބަހުން މުޚާތަބުކޮށްގެން ކަމަށްބުނެ 31،297 މައްސަލައެއް ތަހުގީގުކުރިއެވެ. އޭގެތެރެއިން 3325 މީހުންގެ މައްޗަށް ހުކުމް އިއްވާފައިވެއެވެ.

2014 ވަނަ އަހަރު އުރުދުޣާން ތުރުކީގެ ރައީސްކަމަށް ވަޑައިގެންނެވިފަހުން މިހާތަނަށް އައިއިރު މިފަދަ 160،169 މައްސަލައެއްގެ ތަހުގީގުކުރިޔަށް ގެންގޮސްފައިވެއެވެ. އޭގެތެރެއިން 12،881 މީހުންނަށް ވަނީ ޖަލު ހުކުމް އިއްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މައުމޫން ސަލީމް
0%
0%
100%
0%
0%
0%
ކޮމެންޓް