ނިއުޒީލެންޑަށް އޮމިކްރޯން ވޭރިއަންޓާއި ގުޅިގެން މިހާރު ކުރިމަތިވެފައިވާ ސަރޖާ ގުޅިގެން ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އެޅި ފިޔަވަޅުތަކާއެކު އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަންގެ ކައިވެނި ފަސްކުރަންޖެހިއްޖެއެވެ.
ހޯމަ ދުވަހުން ފެށިގެން "ރެޑް ސެޓިންގ" އަށް އެގައުމު ބަދަލުވެފައިވާއިރު މިހާލަތުގައި މާސްކު އެޅުން މަޖުބޫރުވުމާއި އެއްވުންތައް ބޭއްވުމުގައި ވަކި މިންވަރުތަކެއް ކަނޑައެޅިގެންދާނެއެވެ.
ޖަސިންޑާ ކައިވެނިކުރައްވަނީ އެކަމަނާގެ ލޯބިވެރިޔާ، ޓީވީ ހުށަހެޅުން ތެރިއެއްކަމުގައިވާ ކްލާކް ގޭފޯޑާއެވެ. ކައިވެނި ހަފްލާ ކެންސަލްކުރަންޖެހުނު ކަން ހާމަކުރައްވަމުން ޖަސިންޑާ ވިދާޅުވީ ފިޔަވަޅުތަކުގެ ސަބަބުން ހަފްލާތައް ކެންސަލް ކުރަންޖެހުނު އެހެން މީހުންނާއި އެކަމަނާ ބައިވެރިވެ ވަޑައިގަންނަވަން ޖެހިފައިވާކަމަށެވެ. އަދި ކައިވެނީގެ ކަންކަން ކުރިޔަށްނުދާނެކަމަށް ޖަސިންޑާ ވިދާޅުވިއެވެ.
އައު ފިޔަވަޅުތަކާއެކު ރެސްޓޯރެންޓްތަކާއި ބާރތަކުގެ އެތެރޭގައި ބާއްވާ ހަފްލާތަކުގައި އެންމެ ގިނަވެގެން ބައިވެރިވެވޭނީ 100 މީހުންނަށެވެ. ވެކްސިން ނުޖަހާ މީހުންނާއެކު ބާއްވާނަމަ އެއަދަދު ވަނީ 25ށް ތިރިކޮށްފައެވެ.
ކައިވެނި ފަސްކުރަންޖެހުމާއި ގުޅިގެން ރިޕޯޓަރަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޖަސިންޑާ ވިދާޅުވީ ދިރިއުޅުމަކީ މިފަދަ އެއްޗެއްކަމަށެވެ.
ޖަސިންޑާ ވިދާޅުވީ "ރެޑް ސެޓިންގ" އަށް ބަދަލުވުމަކީ ލޮކްޑައުންވުން ނޫންކަމަށެވެ. ވިޔަފާރިތައް ހުންނާނީ ހުޅުވާފައިކަމަށާއި މީހުންނަށް އާއިލާއާއި ގާތް ރަހުމަތްތެރިން ކައިރިއަށް ދެވޭނެކަމަށް ޖަސިންޑާ ވިދާޅުވިއެވެ.
އޮމިކްރޯން ވޭރިއަންޓް ކޮންޓްރޯލްކުރަމުންދާނީ ޑެލްޓާ ވޭރިއަންޓް ފެތުރުނުއިރުވެސް ފިޔަވަޅުތައް އެޅިގޮތަށްކަމަށް ޖަސިންޑާ ވިދާޅުވިއެވެ. އެގޮތުން ގިނަ އަދަދެއްގެ ބަޔަކު ޓެސްޓްކޮށް ކޮންޓެކްޓް ޓްރޭސިންގ ހަދާ މީހުން އައިސޮލޭޓްކޮށްގެން ކޭސްތަކުގެ އަދަދު ދަށްކުރެވޭނެކަމަށް ޖަސިންޑާ ވިދާޅުވިއެވެ.
ނިއުޒީލެންޑަކީ ކޮވިޑް ކޮންޓްރޯލްކުރުމުގައި ކާމިޔާބު ހޯދާފައިވާ މަދު ގައުމުތަކުގެ ތެރެއިން ގައުމެކެވެ. އެގައުމުން ޑެލްޓާ ވޭރިއަންޓް ފެނުނުއިރު ދުވާލެއްގެ މައްޗަށް ފެނިފައިވަނީ އެވްރެޖްކޮށް 20 ކޭހެވެ. ނަމަވެސް ގައުމަށް އެތެރެވާ ގިނަ ބަޔަކު އޮމިކްރޯން ވޭރިއަންޓަށް ޕޮޒިޓިވްވަމުން އައުމާއެކު އިތުރުފިޔަވަޅުތަކެއް އެޅުމަށް އެގައުމުން ވަނީ ނިންމާފައެވެ.
ނިއުޒީލެންޑްގައި އުމުރުން 12 އަހަރުން މަތީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒް ޖަހާފައެވެ. އަދި 52 އިންސައްތަ މީހުން ވަނީ ބޫސްޓަރ ޑޯޒް ފުރިހަމަކޮށްފައެވެ.